16 Feb 2024, 10:58
"ތަހައްޖުދު ނަމާދު ގަވާއިދުން ކުރާ މީހަކަށް ނޫނީ އެ ނަމާދުގައި ހުރި ޚާއްސަކަމާއި ހިތަށް ލިބޭ ފިނިކަމެއް އިހުސާސެއް ނުކުރެވޭނެއެވެ."
***
" ޖޫރީ ދެން މަހުޖަނެއް ވިމަ ތި ލޯނު މާފުކޮށްލަދީބަލަ.....ކުޑަބެ މި ނިކަމެތި ފަގީރެއްނު..." އަލްބާން ސަމާސާކޮށްލިއެވެ.
ތިން ބެއިންގެ ސަމާސާ މެދުކެނޑުނީ އަހެދް ގެ އަވަސް ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. އަވަހަށް ކޮޓަރިއާއި ދިމާއަށް ދިޔަ އަހެދް އަށް އެންމެންގެ މޫނު އެނބުރުނެވެ.
"އެއީ ހަމަ ފީރޯޒާ....ހާދަ ވައްތަރޭ..." ސަކީނާގެ އަޑު ކަންފަތުގައި ޖެހުމުން މުރުތަސިމް އަށް އުނދަގޫ އިހުސާސެއް ކުރެވުނެވެ.
"ފީރޯޒާ އެއީ ކާކު؟" އަލްބާން ވަރަށް ޝައުގުވެރިކަމާއެކު އަހާލިއެވެ. މުރުތަސިމް ވެސް އެނގެން ބޭނުން ވެފައި ހުރުމުން ހުއްޓުވާކަށް ބޭނުމެއް ނުވިއެވެ. ޖޫރީ ކަންފަތް ދީގެން ހުއްޓަސް ފޯނާ ކުޅޭ ކަމަށް ހަދާލައިގެން ހުރީ ޖޫރީ އެތަނުން ފޮނުވާލަން އުޅެފާނެ ކަމަށް ބިރުންނެވެ.
ސަކީނާ ވަރަށް ހަމަޖެހިލާ ސޯފާގައި އިށީނުމަށް ފަހު ފެށި ވާހަކައިން އެނގުނު ގޮތުން ނަމަ ފީރޯޒާ އަކީ ކަޝްމީރު ބައްޕަ އަކަށް އުފަން ދަރިއެކެވެ. ސަބީހާ އަށް ދަރީން ނުލިބޭތާ ވަރަށް ދުވަސް ފަހުން ލިބުނު ދަރިއެއް ނަމަވެސް ފީރޯޒާ ޅަ އިރުގައި އޭނާގެ ބައްޕަ ނިޔާވުމުން ސަބީހާގެ ދިރިއުޅުން ރާއްޖެބަދަލު ކުރަންޖެހުނެވެ. އުޅޭނެ ތަނެއް ހަމަޖައްސައިދިނީ އައްޒަހްރާގެ މަންމަ ސަމަރުއެވެ. ސަމަރު އާއި ސަބީހާގެ ރަޙްމަތްތެރިކަން އާއިލީ ގުޅުމެކޭ އެއްވަރުވުމުން ދުވަސްކޮޅެއް ވާންދެން މިގޭގައި އެ މީހުން އުޅޭނެ ގޮތް ހަމަޖައްސާ ދިން ކަމެވެ. ނަމަވެސް ވާހަކަ މެދުކެނޑުމަކަށް އައީ އައްޒަހްރާ ފެނުމުންނެވެ. ސަކީނާ ޖަހާލި ވިދުވަރެއް ހެން އަވަހަށް ތަނަކަށް ދާންޖެހޭ ކަމަށް ހަދައި ދާން އަވަސްވެގަތީ އައްޒަހްރާ އައީ ޝަކުވާއަކާއިގެން ކަމަށް ހީކޮށްފައެވެ. ބަދިގެ ތެރެއިން ދިމާވި ކަންތައް އަހެދް ކިޔައިދީގެން އައްޒަހްރާ އައީ ކަމާއިމެދު ޝައްކުވިއެވެ.
" ކީއްވެތަ ދައްތަ އެހާ އަވަސް އަރުވާލާފަ އެދިޔައީ؟." އައްޒަހްރާ ސޯފާގައި ތިބި ދަރިން ކައިރިން އަހައިލިއެވެ.
" އެހާ އަވަސް އަރުވާލާފަ ދާނީ އެންމެ ތަނަކަށް..." އަލްބާން ވަރަށް މަޖާ ވެފައި ޖަވާބުދިނެވެ. ޖޫރީ އާއި މާހްޒަބީން އަށް ހެވުނަސް މުރުތަސިމް އާއި އައްޒަހްރާ ބެލީ އެކަންތައް މަޖާކަމަށް ނެހެދުމަށެވެ.
" އެއްކަލަ އަލްބާން....އެއްވެސް މަޖަލެއް ނޫން..." މުރުތަސިމް ލޯ އަޅާލަމުން ބުނެލިއެވެ.
***
"އެ ކޮންކަހަލަ މީހެއްތަ؟ގަދަކަމުން ނިޤާބް ނަގައި އެ ބެލީ....ބޯސަކަރާތް މީހެއް ކަންނޭނގޭ......." އަހެދް އަށް ހިތާ ހިތުން ބުނެވުނަސް އޭނަ ހުރީ ވަރަށް ބޮޑަށް ސިހިފައެވެ. އަހާލުމެއް ނެތި ސަކީނާ އެކުރި ކަމަކީ ހަގީގަތުގައިވެސް މީހަކު ރުޅިން މަރުވާނެ ކަމެކެވެ. އަހެދް ނޫން އެހެން މީހެއް ނަމަ ހަޅޭއްވެސްލަވާނެއެވެ. އެއްވެސް މީހެއްގެ ހިމަޔާތެއް އޭނާއަށް ނެތްކަމުގެ އިހުސާސްކުރެވުނެވެ. މާމަ ގެ ބަލި ހާލަތުގައިވެސް ދުނިޔޭގައި ހުރުމުން ހިތަށް ލިބުނު އެ އުފާ ވެސް މިއަދު ނެތްކަން އިތުރަށް އިހުސާސްވެ ހިތަށް ބަޔާން ނުކުރެވޭފަދަ ވޭނާއި ކެކުޅުން ލިބުނެވެ.
" އައި ވިޝް އައި ހޭޑް މައި ފެމިލީ..." އެނދުގައި އިށީންނަމުން ދުލު ކުރިން ބޭރުވި އެ ލަފްޒުން ލޯ ތެންމާލިއެވެ. މައިންބަފައިން ވެސް މިދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހުނު ހިތި ހަނދާންތައް އާވެ އަތް މަޅާލެވުނީ އައި ރުޅީންނެވެ. އައްޒަހްރާގެ އާއިލާ އުޅޭ ހަމަޖެހޭ ދިރިއުޅުން ފެނި އެ ހިތުގައި ބަދަލު ހިފުމުގެ ރޫހު އާލާވާލެއް ބޮޑުވެއެވެ. ރަށުގައި އޭނާ ގެންގުޅެނީ ސަބީހާގެ ދައްތަ އެއްކަމުގައިވާ އަދީނާ ވިޔަސް އޭނާއަށްވެސް އަމިއްލަ ހަޔާތެއް ފެށުމުން އަހެދް އަށް ދެވޭނެ މާބޮޑު އަޅާލުމެއް ނޯވެއެވެ. މަންމަ އެއްގެ ދަރަޖައަކާއި ގާތްވެސް ނުކުރެވޭނެއެވެ. އަހެދް އަށް މިގޭގައިހުރެވޭނެ ގޮތް ހަމަޖެހުމުން އަދީނާ އަށް ވެސް ހީވީ އޭނާގެ ދިރިއުޅުމުން ބުރައެއް އުފުލުނުހެންނެވެ. ސަބީހާ ގެ މޫނު ބަލައިލަންވެސް އެންމެ ކުޑަމިނުން ނާދެއެވެ. އެކި އެކި ޚިޔާލުތަކުގައި އިން އަހެދް އަށް ދޮރުގައި ޓަކި ޖަހާލާ އަޑު އިވުމުން އަވަހަށް މޫނު ފޮތިކޮޅު އަޅާލެވުނެވެ.
" ކަނބުލޯ....މިހާރު ކިހިނެއް؟ " އޯގާތެރި އަޑަކުން އައްޒަހްރާ އަހާލުމުން ހިތައް ވެރިވެފައިވީ ރުޅިވެރިކަން ވެސް ފަނޑުވިއެވެ.
" އަލްޙަމްދުލިއްﷲ މިހާރު ކުޑަކޮށް ރަނގަޅު....ޒަހްރާ ދައްތަ ކައިރީން އަހާލަންތަ ވާހަކައެއް؟" ދޮރު ކައިރީ ހުރި އައްޒަހްރާ ކުރެން އަހާލީ ވަރަށް މަޑުމައިތިރި އަޑަކުންނެވެ. އައްޒަހްރާ އަވަހަށް އައިސް އަހެދް ގެ ކައިރީ އިށީނީ ދައްކަން އުޅޭ ވާހަކައަށް ސަމާލުކަން ދިނުމަށެވެ. އަދި އަހެދް އަށް އައްޒަހްރާގެ ފަރާތުން މަންމަ އެއްގެ ސިފައިގައި ލިބޭ ފަދަ ލޯތްބެއް ދިނުމަށް ހިތުގައި އަޒުމް ކަނޑަ އަޅަމުންނެވެ.
" މަންމަ ގެ ފޮޓޯ ހުންނާނެތަ މިގޭގަ؟" އެފަދަ ސުވާލަކަށް އުންމީދުވެސް ނުކޮށް ހުރި އައްޒަހްރާގެ ލޯ ބޮޑުވިއެވެ.
" ލައްބަ...ހުންނާނެ، ދަރިފުޅު ބަލަން ބޭނުންތަ؟" އަހެދް އަށް އެ ހައްޤު އޮތް ކަން ވިސްނި ހިތް ބުނަމުން ދިޔައީ އަލްބަމްތަކުގައި ހުރި ފީރޯޒާގެ ފޮޓޯތައް އަހެދް އަށް ދެއްކުމަށެވެ.
"ނޫން..އެއީ ހަމަ އަހާލީ. މާމަ ބުނޭ މިގޭގައި އުޅުނީމޭ މަންމަ ކުޑައިރު. މާހްޒަބީން ދައްތަ އާއި ވަރަށް ގާތްކޮށް ކަމަށް މަންމަ އުޅުނީ..." އަޑަށް އިތުރު މޮޅިވެރިކަމެއް ގެނެސް އަހެދް އެ ވާހަކަތައް ދެއްކީ އައްޒަހްރާގެ ހިތް އަހެދް އަށްޓަކައި ހަމްދަރުދީއިން ފުރުވައިލާ ހިތް ދަމައިގަތުމަށެވެ. އެ ވާހަކަތަކުން އައްޒަހްރާ އަށް އަސަރުކުރުވުމަށެވެ.
" އާނ....ފީރޯޒާ އެއީ ހާދަ ހިތްހެޔޮ ކުއްޖެކޭ...." ފީރޯޒާގެ ހަނދާންތައް އާވެ ލޯ ތެންމާލިއެވެ. އަހެދް އަށް އެ މަންޒަރު ފެނުނަސް ހިތާހިތުން ނިންމީ ދެއްކުންތެރި ކިނބޫ ކަރުނަ ކަމަށެވެ. އެކްޓް ބޮޑުކޮށް އެގޮތަށް ބުންޏަސް ހަގީގަތުގައި ފީރޯޒާއަށް ހެޔޮއެދޭނީ އެއް ނޫން ކަމަށެވެ.
"މިއަދު މިގެއަށް އައި ދައްތައެއް ބުނި އަހެދް ވަރަށް މަންމަ އާ ވައްތަރުކަމަށް...އެހެންވެ އަސްލު މަންމަގެ ފޮޓޯއެއް ބަލާލާހިތްވީ...." އަހެދް ބޭނުންވީ ސަކީނާ ކުރި ކަންތަކުގެ ޝަކުވާއެއް ދުރުދުރުން ނަމަވެސް ކުރުމަށެވެ.
"ކިހިނެއް މޫނު ފެނުނީ؟" އައްޒަހްރާ ހައިރާންވިއެވެ.
" ފެން ފޮދެއް ބަލައި ބަދިގެއަށް ދިޔަ ވަގުތު.....އެ ދައްތަ...." އަހެދްގެ ޖުމްލަ ފުރިހަމަ ކުރުމަށް ފަސްޖެހިލިއެވެ. އަދި މޫނު ނަގައި ދައްކާލީ އެ ދޮން ކޯތާފަތަށް އަރާފައި އިން ޖަންބު ކުލައެކެވެ.
އައްޒަހްރާ އަށް ސަކީނާ ކުރި ކަންތައް ދެނެގަންނަން ހިނދުކޮޅެއްވެސް ނުނަގައެވެ. އަދި އަހެދް ގެ މޫނުގައި ރަތްވެފައި ހުރި ތަން ފެނުމުން ސަކީނާއާއި މެދު ހިތް ޝަކުވާއިން ފުރުނެވެ.
"ސުބްޙާނައްﷲ މިހިރީ ހާދަ ވަރެއް ކޮށްފައޭ....ގަނޑުފެންފޮދެއް އަޅާލަން ހިނގާ އަވަހަށް....." އައްޒަހްރާ ކަންބޮޑުވެފައި ތެދުވުނީ ބަދިގެއަށް ދާންވެގެންނެވެ.
"ނޫނޭ ޒަހްރާ ދައްތާ...އިރުކޮޅެއް ކުރީން އަޅައިފިން....މިވަގުތު ކުޑަކޮށް އަރާމުކޮށްލަން ބޭނުންވަނީ...." އަހެދް ބޭނުންވީ އެނދުގައި ޖައްސާލުމަށެވެ.
***
ޒަވިޔާރުގެ ކައިވެނީގެ ވާހަކަ މުރުތަސިމް އާއި ހިއްސާ ކުރި ކަމަކު ޖޫރީ އާއި އަލްބާން އަށް އެވާހަކަ ނޭނގެއެވެ. ޒަވިޔާރު ބޭނުންވީ މާދަމާ އެގެއަށް ގޮސް ހުރިހައި ކަމެއް ހަމަޖެހި ނިމުމުން އެންމެނަށް އެންގުމަށެވެ.
" ވަރަށް އުފާވެއްޖެ....އެކަމަކު ޒަވީ މެރީ ކުރަން ހަމަ ރެޑީ ތަ؟ " މުރުތަސިމް ވަރަށް ހައިރާންކުރުވީ އެހާ ކުއްލި ގޮތަކަށް ކައިވެނި ކުރާން ނިންމުމުންނެވެ.
" ޔެސް...ދެން މިހާވަރަކަށް ރެޑީ ވެވޭނީ..." ލާނެތް ގޮތަކަށް އޭނާ ޖަވާބު ދިނެވެ. އެތާގައި މާހްޒަބީން ވެސް ހުރުމުން އަވަހަށް ފުރުސަތުގެ ބޭނުން ހިފައި މުރުތަސިމް ވެސް ކައިވެންޏަކާއި މެދު ވިސްނުމަށް ނަސޭހަތްތެރިވިއެވެ.
" ރަނގަޅު ކުއްޖެއް ނުފެންނާތީވެ..." ކައިވެނި ކުރުމާއި މެދު އަބަދުވެސް ދެކޮޅު ހަދާ މުރުތަސިމްގެ ޖަވާބު މި ފަދަ ގޮތަކަށް ހުރުމުން މާހްޒަބިންގެ ހިތް އެ ކަމަށް އުފާ ކުރިއެވެ.
" ރަނގަޅު ކުދީން ބައިވަރު....ނަސީބެއްނު ތިވަރުވެސް ބުނެލިކަން...." އައްޒަހްރާގެ އަޑު އެންމެން ސިއްސުވާލިއެވެ. އޭނާގެ ހިތުގައި އޮތީ އެންމެ ނަމެކެވެ.
"ބައިވަރެއް ނޫން....އެންމެ ކުއްޖެއް ދޯ މަންމާ...." ޒަވިޔާއަށް އޭނާގެ މަންމަގެ ހިތުގައިވި ވާހަކަ ފޮރުވައެއްނުލެވުނެވެ.
"އަނެއްކާ ކޮން ކުއްޖެއްބާ؟" މުރުތަސިމްވެސް ވަރަށް ގަޔާވެފައި އަހާލެވުނީ އަހެދް ގެ ނަން ގަންނަތޯ ބެލުމަށެވެ. ނަމަވެސް އައްޒަހްރާ އެއީ ވަގުތު ޖެހުމުން ބުނާނެ ވާހަކައެއް ކަމަށް ބުނެ އަވަހަށް ވާހަކައިގެ މިސްރާބު ބަދަލު ކުރީ ޒަވިޔާރުގެ ކައިވެންޏާއި ދިމާއަށެވެ. މާދަމާ ސަޙަރް މެންގެ އަށް ދާން ހަމަޖެހިފައި އޮތުމުން އެ ވާހަކައެވެ. ހަމަ އެވަގުތު އަސީނާ ގެ ފޯނެއް ވެސް އައްޒަހްރާ އަށް ލިބުނެވެ.
" މާދަން ކޯޗެއް ކައްކާނީ؟" އަސީނާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ.
"ދަރިފުޅު ރާއްޖެ އަންނަނީތަ؟ހާދަ އުފާވެރި ޚަބަރެކޭ...." އައްޒަހްރާގެ ހިތް އުފަލުން ފުރުނެވެ. އެ ސުވާލުންވެސް އަސީނާ ރާއްޖެ އަންނީ ކަން އައްޒަހްރާ ދެނެގަތެވެ. އަސީނާ އަކީ ޒަވިޔާއަށް ވުރެ ހަގު ކުއްޖެކެވެ. ކައިވެނި ކޮށްގެން މެޑިސިން ހަދަން އެ ކޮޅަށް ދިޔައީއްސުރެ ރާއްޖެ ނާންނަތާ ހަތަރު ވަރަކަށް އަހަރުވެދާނެއެވެ.
***
އުނދުން ކައިރީ ގަރުދިޔަ ހޫނު ކުރަން ހުރި ބާބިލް ހުރީ ޚިޔާލުތަކަށް ގެއްލިގައެވެ.އަލަތު ކަވެންޏަށް ކުރި ފޮނި އުންމީދުތަކާއި މެދުއެވެ.
" ބާބް.....އަތް ފިހުނީ އެއްނު...." ޖޫރީ އަވަހަށް އުނދުން ނިވާލައި ބާބިލް ގެ އަތް އުނދުން މަތީން ނެގިއެވެ. މާޔޫސް ވެފައި ހުރި ބާބިލް އަށް އޭނަގެ އަތް އަނދައިގެން ދިޔަ ކަމެއްވެސް އިހުސާސް ނުކުރެވެއެވެ.
ޖޫރީ އަވަހަށް ފަސްޓް އެއިޑް ކިޓް ނަގައި ބޭސް އަޅަން މަސައްކަތް ކުރިއެވެ. އަތު ކުރި އޮޅާލައި ބޭސް ހާކަން ފެށުމުން ބާބިލް އަވަހަށް އަތް ދަމައިގަތީ އަތުގައި ނޫފައިގެންފާ ހުރި ލަކުނުތައް ނުދެއްކުމަށެވެ. ނަމަވެސް ޖޫރީ އަކަށް އެކަމެއް ފޮރުވައެއް ނުލެވުނެވެ.
"ބާބް.....އެއީ ކިހިނެއް ވެފަ؟ ވެއްޓުނީތަ؟" ވަރަށް ކަންބޮޑުވެފައި ހުރި ކަމާއެކު ޖޫރީ އަށް އަހާލެވުނެވެ. އަދި އެ ޒަޚަމްތައް ފެނި ހިތް ހަމްދަރުދީން ފުރުނެވެ.
" އެއީ...ވެއްޓުނީ...އޯކޭ ވާނެ...." ބާބިލް އަވަހަށް ވާހަކަ އޮޅުވާލިއެވެ. ޖޫރީ އަށް ވެސް ބާބިލް އެ ހެދީ ދޮގެއް ކަމެއް ނޭނގުނެވެ. އެ ޒަޚަމްތައް އޭނާ އަށް ލިބެމުން ދަނީ އޭނާގެ އަލަތު ކައިވެނިންނެވެ. ބާބިލް ފަކީރަށް ޖެއްސި ހާލު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. ފުރަތަމަ ރޭގައިވެސް ތަޅާ އަނިޔާ ކުރިއިރު ގޭގައިވެސް ގެންގުޅެނީ އަޅެއް ފަދައިންނެވެ. އެހުރިހާ އަނިޔާއެއް ލިބުނު ކަމުގައިވިޔަސް ބާބިލް ގެ ހިތް އަދިވެސް އެދެމުންދަނީ ކެތްތެރިވެ ﷲ އަށް ވަކީލުކުރުމަށެވެ. އަދިވެސް އުންމީދު ކުރެވެނީ އޭނާގެ ފިރިމީހާ ހެޔޮމަގަށް ރުޖޫއަ ވޭތޯއެވެ.
ޖޫރީ ބޭސް އަޅައިދޭން ކިޔާވަރުން އެންމެފަހުން ބާބިލް އެއްބަސްވެލިޔަސް އެ ޒަޚަމްތައް އެއްވެސް މީހަކަށް ފެންނާން ބާބިލް ނޭދެއެވެ. އަދި އެވާހަކަތައް އެއްވެސް މީހާކާއި ހިއްސާކުރުމަށްވެސް ނޭދެއެވެ.
ނުނިމޭ