16 Feb 2024, 13:51
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް އެދި އިލްކެޝަންސް ކިމޮޝަން (އީސީ)އަށް ފޯމު ހުށަހެޅި އަންހެނުންގެ އިންސައްތައަކީ 10 ޕަސަންޓުކަމަށް އީސީން ބުނެފިއެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 93 ދާއިރާއަށް 368 ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅައިފައެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭގެ ތެރެއިން އަންހެން ކެންޑިޑޭޓުންގެ ޕަސެންޓަކީ އެންމެ 10.76 ޕަސެންޓު ކަމަށެވެ. އެއީ، 41 އަންހެން ކެންޑިޑޭޓުންނެވެ.
އޭނާ ވިދާޅުވީ އެ ފޯމުތަކުގެ ތެރެއިން ބާތިލް ކުރެވޭ ފޯމުތައް ކެނޑިޑޭޓުންނަށް ރޭގެ ވަގުތެއްގައި އަންގާފައިވާނެ ކަމަށެވެ. އެހެންކަމުން މަޖިލީހަށް ކުރިމަތިލީ އަންހެން ކެންޑިޑޭޓުންގެ ނިސްބަތް 10 ޕަސަންޓަށް ވުރެ ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މަޖިލީހަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން މިއަދު 02:00 ގައި ދަރުބާރު ގޭގައި އޮންނާނެއެވެ.
މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ އަންހެން ބޭފުޅުންގެ ނިސްބަތް އިތުރު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް، ޕްރައިމަރީއަށް ފަހު އެ ޕާޓީގެ ފަރާތުން ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅާފައި ވަނީ ދެ އަންހެން ކެންޑިޑޭޓުންނެވެ.
ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަންވާނެ ކަމަށެވެ. އެހެންކަމުން އަންނަ 20ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.