ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކާޖޮލް ޝައުގުވެރި ވަނީ ހެއްވާ މަޖާ ރޯލްތައް ކުޅެން ނަމަވެސް ބެލުންތެރިންނަށް ބަތަލާ އެންމެ އަވަހަށް ފެންނާނީ ބިރުވެރި ފިލްމަކުން ކަމަށް ބުނެފިއެވެ.

ކާޖޮލްގެ ކެރިއަރުގެ ކާމިޔާބު ފިލްމު "މައި ނޭމް އިޒް ޚާން" ރިލީޒްވިތާ 14 އަހަރު ފުރުމާ ދިމާކޮށް ކާޖޮލް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ އެކު ލައިވް ސެޝަންއެއް ކުރިޔަށް ގެންގޮސްފައެވެ. މި ސެޝަންގައި ބަތަލާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ފުރުސަތު ނުލިބޭ ޖޯންރާގެ ފިލްމުތަކުގެ ވާހަކަތައް އާއްމުންނާ އެކު ވަނީ ހިއްސާކޮށްފައެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު "މައި ނޭމް އިޒް ޚާން"ގެ ޝޫޓިންގްތެރޭ ހިނގި ހެއްވާ މަޖާ ހާދިސާތަކުގެ ހަނދާން އާ ކުރަމުން ކާޖޮލް ބުނެފައި ވަނީ ހެއްވާ މަޖާ (ކޮމެޑީ) ރޯލްތައް ކުޅެން އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަމަށެވެ.

ފިރިމީހާ އަޖޭ ދޭވްގަންއާ އެކު ކާޖޮލް ފެނުނު ފިލްމު "އިޝްޤް"ގެ ހަނދާން އާ ކުރަމުން ބަތަލާ ބުނެފައި ވަނީ ހެއްވާ މަޖާ ރޯލްތަކާ އެއްވަރަށް މާޑާ މިސްޓްރީ ރޯލްތައް ކުޅެން ޝައުގުވެރިވާ ކަމަށާއި ބިރުވެރި (ހޮރޯ) ޖޯންރާގެ ފިލްމުތަކުގައި މަސައްކަތް ކުރުމަށް ވެސް ޝައުގުވެރިކަން ހުރި ކަމަށެވެ. އެގޮތުން މާޑާ މިސްޓްރީ އަދި ބިރުވެރި ފިލްމުތަކުން ކާޖޮލްއަށް ފުރުސަތު ލިބޭ މިންވަރު މަދުކަމަށާއި ނަމަވެސް ވަރަށް އަވަހަށް ބިރުވެރި ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

ބަތަލާ ކާޖޮލް ފިލްމު "މައި ނޭމް އިޒް ޚާން"ގެ މަންޒަރެއްގައި ފިލްމީ ތަރި ޝާހްރުކް ޚާންއާ އެކު-- ފޮޓޯ/ ފޭސްބުކް
ފިލްމު "މައި ނޭމް އިޒް ޚާން"ގެ ހަނދާންތަކުގެ ތެރެއިން އެންމެ ހަނދާންނައްތާ ނުލެވޭނެ ހާދިސާ އަކީ އެމެރިކާގެ ލޮސް އެންޖެލިސްގެ ސްޓޭޑިއަމްގައި ނެނގި މަންޒަރެއް ކަމަށާއި ކާޖޮލްއަށް ވިސްނާނުލެވި ފިލްމުގެ ޝޫޓިންގްއަށް ދެވުނީ ފިނި މޫސުމުގައި އެއްވެސް ވަރަކަށް ފިނި މޫސުމަށް ހާއްސަ ހެދުންތައް ނުލާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކާޖޮލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް2" އިންނެވެ. ކާޖޮލް އަންނަނީ ދަރުމާ ކުންފުނިން ގެނެސްދޭ "ސަރްޒަމީން" އަދި ބަތަލާ ކްރިތީ ސެނޮން ޕްރޮޑިއުސް ކުރާ ފިލްމު "ދޯ ޕައްތީ"ގައި މަސައްކަތް ކުރަމުންނެވެ.