17 Feb 2024, 10:00
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "އާރްއާރްއާރް"ގެ އެކްޓަރު ރާމް ޗާރަންއާ އެކު ބަތަލާ ޖާންވީ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
"އާރް ސީ 16"ގެ ނަމުގައި އުފައްދާ މި ފިލްމަކީ، ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. ފިލްމުގައި ޖާންވީ ކުޅެން ހަމަޖެހިފައިވާ ރޯލާ ބެހޭ މާބޮޑު ތަފުސީލެއް މީޑިއާ ތަކަށް ހާމަވެފައި ނުވާއިރު ބަތަލާ ވަނީ ސައުތު ސިނަމާއިން ލިބެމުން އަންނަ ފުރުސަތުތައް އިތުރުވުމާ ގުޅިގެން ފިލްމު ކުޅެދޭ އަގު ވެސް ކުރިޔަށްވުރެ މަތިކޮށްފައި ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ ޖާންވީ ސައުތު ސިނަމާގެ އިތުރު ފިލްމަކަށް ސޮއިކޮށްފައި ވާއިރު ޖާންވީ ވަނީ ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރްއާ އެކު "ދެވާރާ"ގެ ނަމުގައި އުފައްދާ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.
ފިލްމު "އާރްއާރްއާރް"އަށް ފަހު ޖޫނިއަ އެންޓީއާރް ބެލުންތެރިންނަށް ފެންނާނެ މި އެކްޝަން ޑްރާމާ ރިލީޒް ކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޖާންވީގެ އިތުރުން އެކްޓަރު ސައިފް އަލީ ޚާން ވެސް މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމަކީ މި އަހަރު ރިލީޒް ކުރާނެ އެންމެ އުއްމީދީ އެއް ފިލްމެވެ.

ތެލުގޫ އެކްޓަރު ޖޫނިއާ އެންޓީ އާރު އަދި ބަތަލާ ޖާންވީ ކަޕޫރު ފިލްމު "ދެވާރާ"ގެ މަންޒަރެއްގައި-- ފޮޓޯ/ އިންޓަނެޓް
މިދިޔަ އަހަރު އެމޭޒަން ޕްރައިމްގައި ޕްރިމިއާ ކުރި ފިލްމު "ބަވާލް"އަށް ފަހު ޖާންވީ ވަނީ ފިލްމު "ރޮކީ އޯރް ރާނީ" އަދި ޝާހިދު ކަޕޫރާއި ކްރިތީ ސެނަން މުހިއްމު ރޯލް ކުޅުނު ފިލްމު "ތޭރީ ބާތޮމެ އޭސޭ އުލްޖާ ޖިއާ"އިން ފެނިފައެވެ. ސައުތު ސިނަމާގެ ދެ ފިލްމަކަށް ޖާންވީ ސޮއިކުރި ނަމަވެސް ބޮލީވުޑްގެ އިތުރު ދެ ފިލްމެއްގެ މަސައްކަތް މި އަހަރު ކުރާނެއެވެ.