ދަ ހޭގް (18 ފެބްރުއަރީ 2024): ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ހިންގާ ހުރިހާ ހަރަކާތްތަކެއް ހުއްޓާލަންޖެހޭ ކަމަށްބުނެ މިދިޔަ ޖަނަވަރީ މަހުގެ އިންސާފާބެހޭ ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ)އިން އިސްރާއީލުގެ މައްޗަށް ކޮށްފައިވާ އަމުރަކީ އިސްރާއީލު ތަބާވާންޖެހޭ އަމުރަަކަށްވާތީ ޣައްޒާގެ ރަފްހުގައި އިސްރާއީލު ހިންގާ އަސްކަރީ އަމަލުތަކަށް ޚާއްސަކޮށްގެން އިތުރު އަމުރެއް ނެރެން ނުފެންނަކަމަށް އެ ކޯޓުން އިއްޔެ ނިންމައިފިއެވެ.

އައިސީޖޭން މިގޮތަށް ނިންމީ ޣައްޒާގެ ރަފްހު ސިޓީއަށް ފަލަސްތީނުގެ ދޮޅު މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން ވަދެ އެ ސިޓީ ތޮއްޖެހިފައިވަނިކޮށް އެ ސިޓީއަށް ވައިގެ މަގުން ބޮންއަޅައި އަދި އެއްގަމު މަގުން އަރައިގަންނާނެކަމަށް އިސްރާއީލު ބުނުމުން އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅުމުންނެވެ.

ދެކުނު އެފްރިކާގެ ހުށަހެޅުމުގައި ބުނެފައިވަނީ ރަފްހު ސިޓީއަށް ފަލަސްތީނުގެ ދޮޅު މިލިޔަނަށް ވުރެގިނަ ރެފިއުޖީން ވަދެ އެސިޓީ ތޮއްޖެހިފައިވާ މި ހާލަތުގައި އިސްރާއީލު ސިފައިން އެ ސިޓީއަށް އަރައިގެންފިނަމަ ކުށެއްނެތް އެތައް ލައްކަ ބަޔަކު މަރުވެގެންދާނެ ކަމަށާއި އެއީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގާ އަމަލަކަށް ވެގެންދާނެ ކަމުގައެވެ.

މި ހުށަހެޅުމާ ގުޅިގެން އައިސީޖޭން ބުނީ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމާ ދެކޮޅަށް އެ ކޯޓުން މިދިޔަ މަހު ނެރުނު އަމުރަށް އިސްރާއީލު ކިޔަމަންވާން ޖެހޭނެތީއާއި ރަފްހުއަކީ ޣައްޒާގެ ބައެއްކަމުން އެ އަމުރުގައި ރަފްހު ސިޓީ ޝާމިލުވާނެ ކަމުގައެވެ.

ދެކުނު އެފްރިކާއިން ވަނީ އައިސީޖޭގެ މި ނިންމުމަށް އިހުތިރާމުކުރާކަން ހާމަކޮށްފައެވެ. ނަމަވެސް ދެކުނު އެފްރިކާއިން ބުނިގޮތުގައި އިތުރު އަމުރަކަށް އެދެންޖެހުނީ އައިސީޖޭގެ އަމުރަށް ބެލުމެއްނެތި ޣައްޒާގެ އާންމުގެ ގެދޮރަށް ބޮންއަޅައި ހޮސްޕިޓަލްތަކަށް ވަދެ އެ ތަންތަން ހަލާކުކޮށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުން މެރުންފަދަ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުމެއްނެތި އިސްރާއީލު ސިފައިން ހިންގަމުން ގެންދާތީއެވެ.

އަދި، ރަފްހު ސިޓީއަށް އެއްގަމުން އަރައިގަންނާނެކަމުގެ އިންޒާރުދީ އަދި ވައިގެ މަގުން ރަފްހު ސިޓީގެ އާންމުން ތޮއްޖެހިފައިވާ މަދަނީ ތަންތަކަށް އިސްރާއީލުގެ ޖެޓްތަކުން ބޮންއަޅައި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މަރަމުން ގެންދާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައެވެ.

އދ.ން ވަނީ އިސްރާއީލުން އިންސާފާ ބެހޭ ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ)ގެ އަމުރަށް ތަބާ ނުވާކަމާއި އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް އެއްވެސް ހުއްޓުމެއް ނާންނަކަމަށް ބުނެފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ދޭ ހަމަލާތަކުގައި މިހާރު 28،000 އަށް ވުރެ ގިނަ އާންމުންވަނީ ޝަހީދުކޮށްލައި އެއް ލައްކައެއްހާ މީހުން ޒަޚަމްކޮށްލާފައެވެ. މި ޖަރީމާތައް ހިންގަމުން ގެންދާއިރު ވެސް އެމެރިކާއިން އިއްޔެ ވެސް ވަނީ އިސްރާއީލަށް އިތުރު ހަތިޔާރުތައް ދޭނެކަން އިއުލާނުކޮށްފައެވެ. ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަނީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ގަތުލުއާންމުތަކެއް ކަމަށް ވިޔަސް އެމެރިކާ ސަރުކާރުންވަނީ އިސްރާއީލަށް އިތުރު 16 ބިލިޔަން ޑޮލަރުގެ ހަތިޔާރު ދޭން ނިންމާފައެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ގަތުލުއާންމުތައް ހިންގަނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެންނެވެ. މީގެ އިތުރުން އިސްރާއީލަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭ މައިގަނޑު ގައުމަކީ ވެސް އެމެރިކާއެވެ.

ރަފްހުގެ މައްސަލާގައި އިސްރާއީލާ ދެކޮޅަށް އިތުރު އަަމުރެއް ނުނެރުމަށް އެދި އެމެރިކާއާއި އިސްރާއީލާ އަދި ހުޅަނގުގެ މުޖްތަމައުތަކުގައި ވަކި ހިއްޕާލާފައިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގުރޫޕްތަކުން އެކޯޓަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފައިވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެެފައިވެއެވެ.