މަސް ބޭނުމަށްފަހު މިފްކޯއަށް ކިރި މަހުގެ ފައިސާ ނުލިބިގެން ގއ. ކޫއްޑޫގައި މަސްވެރިން ކުރާ އިހުތިޖާޖު ހޫނުވެ، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ކޫއްޑޫއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިކަން ފިޝަރީޒް މިނިސްޓްރީން ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. ޝިޔާމް އެ ރަށަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ 3:30ގެ ފްލައިޓުގައެވެ.

މަސްވެރިންނަށް ނުދެވި 270 މިލިއަނެއްހައި ރުފިޔާ އެބައޮތް ކަމަށް މިނިސްޓަރު ޝިޔާމް ވެސް ވަނީ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައެވެ. ކޫއްޑޫގައި މަސްވެރިން ކުރާ މުޒާހަރާގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.

މި ވީޑިއޯތަކުން ފެންނަގޮތުގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ ކޫއްޑޫގައި ހުންނަ މިފްކޯގެ އޮޕަރޭޝަން ތެރެއަށް ވަދެފައެވެ. އަދި، އެ އޮޕަރޭޝަނުގެ ވެރިޔާއާ ސުވާލުކޮށް މަސްވެރިން ވަނީ އެ އޮޕަރޭޝަން ބަންދު ވެސް ކޮށްފައެވެ. މަސްވެރިން ބުނާ ގޮތުގައި މަސްވެރިންނަށް ނުދީ ތިން މަހުގެ ފައިސާ އެބަ ހުއްޓެެވެ. އަދި ސަރުކާރުން މަސްވެރިންނަށް ޖަވާބުދާރީ ނުވާކަމަށް ބުނާ އަޑު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން އިވެއެވެ.

"އަޅުގަނޑުމެންނަށް ޖަވާބުދާރީ ވާނެ ފަރާތެއް ނެތް. މިފްކޯއިން ޖަވާބުދާރީއެއް ނުވި. ފިޝަރީސް މިނިސްޓްރީން ޖަވާބެއް ނުދިން،" މަސްވެރިޔަކު ބުނާ އަޑު އިވެއެވެ.

މި ނޫހާ ވާހަކަ ދެއްކި އިހުތިޖާޖުގެ ބައިވެރިއަކު ބުނީ، މިހާރު މިފްކޯގެ އޮޕަރޭޝަން ހުއްޓުވާފައިވާއިރު އިހުތިޖާޖު ނިމުމަކަށް ގެންނާނީ ފައިސާ ލިބުމުން ކަމަށެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެވޭ މިންވަރަކުން ދެމުން އަންނަ ކަމަށް ސަރުކާރުން ބުންޏެވެ. މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް މީގެ ކުރިން ސަރުކާރުން ބުންޏެވެ. ނަމަވެސް މި ވާހަކަތަކަށް ރައްދުދީ މަސްވެރިން ބުނެފައިވަނީ، ކޮންމެ ފަހަރަކު ފައިސާ ލިބެނީ މަސްވެރިން "ދަރަނިވެރި"ވުމުން ކަމަށެވެ.

"ދޯނީގަ އޮންނަ ބިލަކާ ބިލެއްގެ އެއްބައި ދޭއިރު އޮންނަނީ ދަރާ ވިކިފައި. ފިހާރަތަކަށް ދީފައި އޭގަ އެއްޗެއް ނޯވެ،" އިހުތިޖާޖުގެ ބައިވެރިއަކު ބުންޏެވެ.