ފާއިތުވި ދޮޅުމަހެއްހައި ދުވަހުގެ ތެރޭ 47.5 މިލިއަން ރުފިޔާގެ ޑުރަގްސް ހިފަހައްޓައިފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކެޕްޓަން އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އައްޑޫ ސިޓީއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި މިރޭ ފޭދޫ ރައްޔިތުންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދާޚިލީ ސަލާމަތް ކަށަވަރުކުރުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އޭނާއާ މަތިކުރައްވައިފައިވާ ޒިންމާގެ ތެރެއިން, ރައީސްގެ ޚާއްސަ އިރުޝާދުގެ ތެރެއިން އެންމެ އިސްކަންދެއްވާ އެއް ކަންތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.

"މިގޮތުން ފާއިތުވި ގާތްގަނޑަކަށް ދޮޅުމަހެއްހައިި ދުވަހުގެ ތެރޭ ކުރެވުނު މަސައްކަތުން 47.5 މިލިއަން ރުފިޔާގެ ޑްރަގްސް އަޅުގަނޑުމެން ވާނީ ރާއްޖޭގެ މަގުތަކަށް ދިއުން ހުއްޓުވައިފައި. މިއީ ރައީސް މިފަދަ ކަންކަމަށް ދެއްވާ އަހަންމިއްޔަތު،" އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މަސްތުވާތަކެތީގެ ވަބާއިން ފަރުވާއަށް ގާތްގަނޑަކަށް 800 އެއްހައި މީހުންނަށް ހުކުމް ކޮށްފައިވާއިރު މިހާރު 300 އެއްހައި މީހުންގެ ފަރުވާ ފަށައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ބާކީ މީހުންގެ ފަރުވާ ވެސް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސްގެ އިރުޝާދަކީ މި ދައުރުގައި މިފަދަ ވަބާތައް 100 ޕަސެންޓު އެކީ ނައްތައިލުމަށް މަސައްކަތްކުރުން ކަމަށެވެ.

ހަމައެއާއެކު ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ 1800 އަށްވުރެ ގިނަ މީހުން ރާއްޖެއިން ބޭރުކޮށް، ބައެއް މީހުން ޑީޕޯޓުކުރެވިފައިވާކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މިއީ މިފަދަ ބިދޭސީންގެ ފަރާތުން ރާއްޖޭގައި ދިމާވާ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް ބޮޑު މައްސަަލައެކެވެ. އެންމެ އާންމު ކުށްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މުއާމަލާތް ހިމެނޭ އެކި ކުށްތައް ހިމެނެއެވެ.