ދާދިފަހުން ކައިވެނި ރޫޅާލަން ނިންމާފައިވާކަން އިއުލާނު ކުރި ބޮލީވުޑްގެ ބަތަލާ އީޝާ ޑިއޯލްގެ ދެމަފިރިން ވަރިވާން ނިންމުމުން އެކަމާ ކަންބޮޑުވާކަމަށް ބަތަލާގެ ބައްޕަ ކުރީގެ އެކްޓަރު ދަރުމެންދްރަ (ދަރޭ) ބުނެފިއެވެ.

އީޝާގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމުގައި ގޮތް ނިންމުމަށް މިހާތަނަށް ދަރޭގެ ފަރާތުން އެއްބާރުލުން ލިބުނު ނަމަވެސް އީޝާގެ ކައިވެނި ރޫޅުމުން އެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވާކަން ކުރީގެ އެކްޓަރު ވަނީ ފާޅުކޮށްފައެވެ.

އެހެންވެ, ކައިވެނި ރޫޅާލަން ނިންމި ނިންމުމާ މެދު އީޝާ އަދި ކުރީގެ ފިރިމީހާ ބާރަތު ތަހްތާނީ ދެވަނަ ވިސްނުމަކަށް ދާން ދަރޭ ވަނީ ދެ މީހުން ގާތު އެދިފައެވެ.

މި މަހުގެ ހަވަނަ ދުވަހު ފިރިމީހާ ބާރަތު ގާތުން ވަރިވާން ނިންމާފައިވާކަން އީޝާ އިއުލާނުކޮށްފައިވާއިރު މަންމަ ހެމާ މާލިނީ ހުރީ ދަރިފުޅާ އެކު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ދަރިފުޅުގެ ނިންމުމާ ދެކޮޅުވެރިނުވާކަން ހާމަކުރަމުން ދަރުމެންދަރް ބުނެފައިވަނީ ދަރޭގެ ކާފަ ދަރިންނަށް ދެރައެއް ލިބެން ބޭނުންނުވާ ކަމަށެވެ.

ބަތަލާ އީޝާ ޑިއޯލް މަންމަ ހެމާ މާލިނީއާ އެކު-- ފޮޓޯ/ ފިލްމީބީޓް

ބައްޕައެއްގެ ހައިސިއްޔަތުން ދަރިންނާ ވަކިން ދިރިއުޅެން ޖެހުމުން ކުރެވޭ އިހުސާސް ދަރޭއަށް ކުރެވޭ ކަމަށާއި އީޝާގެ ކައިވެންޏަށް ލިބުނު ދެ ކުދިންނަށް އުފާވެރިކަން ލިބުމަށް އެދޭކަމަށް ދަރޭ ވަނީ ބުނެފައެވެ. ކައިވެންޏެއް ރޫޅާލުމުގެ ނިންމުމަކީ ދިރިއުޅުމުގެ މުހިއްމު އެހާމެ ބޮޑު ނިންމުމެއް ކަމަށާއި ސުލްހަވެރިވެވޭނެ ގޮތެއް އޮތްތޯ މަސައްކަތްކުރަންވާނެ ކަމަށް އީޝާއަށް ނަސޭހަތްތެރިވި ކަމަށް ދަރޭ ވަނީ ބުނެފައެވެ.

އީޝާގެ ކައިވެންޏާ ގުޅިގެން ދަރޭގެ އިހުސާސްތައް ބަންޑުން ކޮށްލާފައިވާއިރު އީޝާ އަދި ކޮއްކޮ އަހާނާ އަކީ ދަރޭގެ ދެވަނަ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންނެވެ. ބަތަލާ ހެމާ މާލިނީއާ އެކު ދަރޭ ޒަވާޖީ ހަޔާތެއް ފަށަން ނިންމިއިރު ފުރަތަމަ ކައިވެންޏަށް ހަތަރު ކުދިން ވަނީ ލިބިފައެވެ. އެއީ, ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އަދި ވިޖީތާ އާއި އަޖީތާ ނަމަކަށް ކިޔާ ދެ އަންހެން ކުދިންނެވެ.