"މަރާއި މެދު ވިސްނާ ފިކުރުކުރާ މީހުންނަށް ކެތްތެރިވެ މިންވަރަށް ޝުކުރުވެރިވާން އެނގޭނެއެވެ. ކޮންމެ ދުވަހަކު އެތައް ފުރާނައެއް ދުނިޔެއާއި ވަކިވެގެން ދާހިނދު ތިބާވެސް އެލިސްޓުގައި އޮންނާނެކަން އެނގި ދާއިމީ ގޮވަތްޗަށް ދާން ތައްޔާރުވާނީ ނަސީބުވެރިންނެވެ."

***

"ޔެސް. ޓްރޫ ހެޕިނެސް ލައިސް އިން ބީނގް ވިތް ޔޯ ލޯޑް...." ކެނާން އެއްބަސްވިއެވެ. ހަގީގީ އުފާ އަބަދުވެސް ވަނީ ﷲ ގެ ހަޟްރަތުގައެވެ.

" އިންޝާﷲ ދުވަހަކު ދެން ނަމާދު ދޫކޮށެށް ނުލާނަން....އެކަމަކު ކުޑަބެ.....އިންގްލިޝް އިން ދުޢާ ކުރީ....އެގޮތައް ކުރިޔަސް އޯކޭ ވާނެތަ؟" މަދީނާ އެންމެ ފަހު ސުވާލުކޮށްލީ ޖެހިލުންވެފައި ހުރެއެވެ.

" އޮފްކޯޒް. އެކަމަކު ނަމާދުގަ ކިޔާ އެއްޗިހި ދަސްކުރަންވާނެ...ކުޑަބެ ފޮނުވާނަން ޕީޑީއެފް އެއް.އެއްވެސް ކަމެއް ނޭގެންޏާ ކުޑަބެ ކައިރިން އަހާލާތި.އިންޝާﷲ އަބަދުވެސް ހެލްޕް ވާނަން....." ކެނާން ބޭނުންވީ މަދީނާއަށް އިތުރަށް ހިތްވަރު ދިނުމަށެވެ.

***

"ސަބީހާ ނިޔާވީތަ؟" ނާޝިދު ސުވާލުކުރީ ހައިރާންވެފައެވެ.

"އާނ. މިހާރު ވަޅުލައިފިކަމަށް ވަނީ. އެކޮޅަށް މެންދުރު ނަމާދަށް. މަށަށް ވެސް ޚަބަރު ދިނީ ގެ ކައިރީ އޭރު އުޅުނު ހަކީމު.." އަހްމަދަށް ވާހަކަ ދެއްކުމުގައި އުނދަގޫ ކަމެއް ހުރީ އުރުޖުވާން ގެ ހާލަތާއި މެދު ވިސްނިފައެވެ.

" ހަމަ ސަބީހާ ކަން ޔަގީންތަ؟ޔަގީންތަ ހަމަ ސަބީހާ ކަން..." ނާޝިދަށް ގަބޫލުކުރާން ދަތިވިއެވެ. އެއާއެކު ހަނދާނަށް އައީ ފަރަޙް ގެ އަޑެވެ. ޖައިލަމް އާއި ބައްދަލުކުރި އިރު ފޯނުން އިވުނު ވާހަކަތަކެވެ.

އަހްމަދަށް ޖަވާބު ނުދެވެނީސް ނާޝިދު ފޯނު ކަނޑާލިއެވެ. އޭނަގެ އަތުން ފޯނު ދޫވިއެވެ. ހުއްޓުން އަރާފައި ހުރެވުނު އިރު ހީވީ ވަށައިގެންވީ ހުރިހަ ތަނެއް އެނބުރެނީ ހެންނެވެ. ޖައިލަމް އަކީ އޭނާގެ އުފަލަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ޖެހިލުމެއް ނުވާނެ މީހެއްކަން އެނގޭތީއެވެ. ފަރަޙް ގުޅާފައި ބުނި ވާހަކައާއި އެ ވަގުތާއި ސަބީހާގެ މަރާއި ހުރި ގުޅުން އެއީ އިއްތިފާގަކަށްވުން އެއީ ނާދިރު ކަމެއްކަން ނާޝިދުގެ ޟަމީރު ބުނަމުން ދިޔައެވެ.ހިތް ތެޅެމުން ދިޔަ ބާރުމިނުން މޭމައްޗަށް އަރާ ތަދު ބުނެދޭންވެސް ނޭނގެއެވެ. މޭ މަތީ އަތް އަޅައި އޮބާލެވެނީ އަރާ ތަދުންނެވެ. ވިސްނައިނުގަނެވެނީ ސަބީހާ ގެ މަރު އެ ގޮތައް ދިޔައްޔާ އެކަން އެގޮތަށް ދިމާވާންޖެހޭ ސަބަބާއިމެދުއެވެ. އޭނަގެ ތަދާއި ވޭނުން ފުރުނު ހިތުގައި އުފެދުނީ ސުވާލެކެވެ. އެ ސަބަބަކީ މާޒިމްއަށް ވެދާނެހެއްޔެވެ؟

ނާޝިދުގެ ފޯނު ކެނޑުމުން އިތުރަށް ގުޅާނެ ހިތްވަރެއް ނެތިފައި ހުރެވުނު އަހްމަދަށް އުރުޖުވާން އާއި މެދު ވިސްނައިލެވުނެވެ. ގޮތްހުސްވަނީ އެ ކުއްޖާ އަށް އެހީ ދެވޭނީ ދެން ކިހިނެއް ކަމެއް ނޭނގިފައި ހުރެވުމުންނެވެ. މި ވީ އަށާރަ އަހަރުތެރޭގައި އުރުޖުވާންއަށް އޭނާގެ ބައްޕަ ނޭނގުނު ކަމުގައިވިޔަސް ސަބީހާ މެދުވެރިކޮށް އުރުޖުވާން އަށް ހުރިހާ ޚަރަދެއް ފޯރުކޮށްދީފައިވެއެވެ. އުރުޖުވާން އަށް އެކަމުގައި ރޭކާނުލިކަމުގައި ވިޔަސްމެއެވެ. މިވީ ހުރިހާ އަހަރުތަކުގައި ކިތަންމެ ދުރުގައި އެ ދަރިފުޅު ހުއްޓަސް އެ ދަރިފުޅު ދެކެލަން ހިތް އެދެމުންދިޔައެވެ. ނަމަވެސް ކުރެވުނު ކުށުގެ ސަބަބުން އެފަދަ ހިތްވަރެއް އަހްމަދުގެ ނެތެވެ. އުރުޖުވާން އާއި ކުރިމަތިލާން އޭނާގެ ކުފޫ ހަމަނުވެއެވެ. ނާވިޔާ އަށް ދެވުނު އަނިޔާއާއި އުރުޖުވާންއަށް މަންމަ އެއްގެ ލޯބިން މަހްރޫމުކުރެވުނީ އޭނާ އަށް ކުރެވުނު ކުށްތަކުންނެވެ. ހަގީގަތް ފޮރުވާލައިގެން މިހާ ދުވަސް ވީއިރުވެސް ވިސްނާނުލެވި އޮތީ ވަގުތު އައިސް ޖެހުމުން ހަގީގަތާއި ކުރިމަތިލާނީ ކިހިނެއް ކަމެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު އުރުޖުވާންއަށް ގުޅާލުމަށް އޭނާގެ ހިތް އެދުނެވެ. ބުނަންވީ އެއްޗެއް ނޭނގުނަސް ގުޅާލަން ބޭނުންވިއެވެ.

***

ބަދިގެއިން އަވަދިވެގެން ނިކުތް މާޒިމް އަށް ބަލަހައްޓައިގެން ހުރެވުނީ އުރުޖުވާންގެ ލޯބި މޫނަށެވެ. ނިދިފައި އޮތް އިރު މޫނުމައްޗަށް ވެރިވެފައިވީ ހަމަހިމޭންކަން ހިތް ފުރާލަދިނެވެ. ބުރުގާ އަޅައިގެން އަބާޔާ ލައިގެން އޮތުމުން އުނދަގޫ ނުވާނެ ބާއޭވެސް މާޒިމް ގެ ހިތް ބުނަމުން ދިޔައެވެ. މާޒިމް ގެ މޫނަށް ހިނިތުންވުމެއް ވެރިވީ އުރުޖުވާންއަށް ގުގުރިދެމޭތީއެވެ. އެހާ ގިނައިން ރުއިމުން ނޭފަތް ބަންދު ވެފައި ހުރީމަ ކަމަށް ވެސް ވެދާނެއެވެ. ފޯނު ނަގައި ވީޑިޔޯ އެއް ކޮށްލެވުނީ އެ މަންޒަރު ފަހުން ބަލައިލަންވެސް ހިތް އެދޭނެތީއެވެ. އުރުޖުވާންގެ ހުއްދަނެތި ފޯނުން ރިކޯޑު ކުރެވުމުން ހިތާއި ނަފްސު ޝަކުވާ ކުރިއެވެ. ނަމަވެސް އެ ޝަކުވާތައް ހިންދައިލީ ކުރެވިފައިވީ ކައިވެނި ހަނދާންކޮށްދެމުންނެވެ. ކުރިމަތީ އިން ސޯފާގައި ޖައްސާލީ އެ ނަޒަރު ނިދިފައި އޮތް އުރުޖުވާން އާއި ވަކިކޮށްނުލައެވެ. ކުރީން ދެކެފައިވާ މޫނަކާއި ވައްތަރުގޮތެއް އުރުޖުވާންގެ މޫނުމަތީން ފެނިފައިވާ ހެން ހީވިއެއް ކަމަކު ދުވަހުގެ ވަރުބަލިކަން އެ ލޮލަށް ނިދި ސަވާރުކުރިއެވެ.

ފަޖުރުގެ އެލާމަށް ހޭލެވުނު އުރުޖުވާން ސިއްސައިގެން ތެދުވެވުނެވެ.

"މާމާ...." ފުރަތަމަވެސް ގޮވާލެވުނީ ސަބީހާއަށެވެ. ސަބީހާގެ ވަކިވެދިޔުން ހަނދާނަށް ގެންނަން ހިނދުކޮޅެއް ނެގިއެވެ. ހޭލުމާއެކު އަބަދުވެސް ކައިރީގައި ހުރެދޭ މާމަ ނެތުމުން ހިތަށް ކުރާ އަސަރު ބަޔާންކުރާންވެސް ދަތިވެއެވެ. ބަންގީގެ އަޑުން ﷲ ގެ ރަޙްމަތް ހަނދުމަވެ ހިތުގައި އަޅާ ވޭން ލުއި ކޮށްދިނެވެ. އާ ފަތިހަކަށް އަލި ވިލި ނަމާދަކަށް ހޭލެވުނުކަމީ ހަމަ އެ އިލާހުގެ ރަޙްމަތެވެ. ފުރާނަ ގެންދަވާފައި އަލުން ފުރާނަ އަޅުއްވާ ފަތިސްނަމާދަށް ހޭލެމުގެ ނަސީބު ލިބުނުކަމަށްޓަކާ ޝުކުރުކުރެވުނެވެ. ހުރިހައި ކަމެއް ވީ ހިނދުވެސް ސޯފާގައި ނިދިފައި އޮތް މާޒިމް އަކަށް ރޭކާވެސް ނުލައެވެ. އުރުޖުވާންއަށް މާޒިމް ގެ ދިގު އެސްފިޔަތަކަށް ބަލަހައްޓައިގެން ގެއްލިފައި އިރުކޮޅެއްވާންދެން ހުރެވުނެވެ. އިސްކޮޅެއް ހުރުމުން ސޯފާ އިން ބޭރުގައި މާޒިމްގެ ފައި އޮތުމުން އޭނާ އަށް ކުޑަކޮށް ހެވުނެވެ. ފިރިހެން ކުއްޖަކާ ދިމާލަށް އެގޮތަށް ނަޒަރު ހުއްޓާލައިގެން ބަލައިލަން ދުވަހަކު ހިތް ނޭދޭ އުރުޖުވާންއަށް މާޒިމް އާ ދިމާއަށް ބަލައިލެވެނީ ތަފާތުކޮށެވެ. ދުރު ނަޒަރަކުން ބެލެނީ ގާތް ގޮތަކަށެވެ. ގެއްލިފައި ހުއްޓާ ނަމާދު މަތީން ހަނދާންވުމާއެކު އަވަހަށް ދުއްވައިގަނެވުނީ ނަމާދަށެވެ. ނަމަވެސް މާޒިމް ވެސް ނަމާދަށް ހޭލެއްވުމަށް ހިތް އެދުމާއެކު އެނބުރި އާދެވުނެވެ. ސޯފާ ކައިރީ ބިންމަތީގައި އިށީނދެލުމަށްފަހު ދެތިން ފަހަރު ކަރު ކަހައިލާ މާޒިމް އަށް ގޮވަން މަސައްކަތް ކުރި ނަމަވެސް ކަރު ތެރެއިން އަޑު ނިކުންނަނީ ކިރިޔަ ކިރިޔާއެވެ. އަތުގައި ޖެހިލަން ވެސް ފަސްޖެހެވުނެވެ.

" މާޒިމް.....ވަރަށް އުނދަގޫ ނަމެއް ދޯ ކިޔަން...." ލޯ މަރައިލައިގެން އޮވެ މާޒިމް ބުނެލީ މޯޅިއަކަށް ދެމެމުންނެވެ.

ސިހިފައި ދިޔަ އުރުޖުވާން އަށް ކުޑަކޮށް އަޑެއްވެސް ލައްވައިލެވުނެވެ. ލޯ ބޮޑުވެފައި ހުރެވުނީ އެސްފިޔަވެސް ޖަހައިނުލައެވެ.

ލޯ އުނގުޅަމުން ތެދުވުނު މާޒިމް ގެ މޫނަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ހުއްޓުން އަރާފައިއިން އުރުޖުވާން އަށް އެހީ ގެ އަތެއް ދިއްކޮށްލީ ބިންމަތީން ތެދުވުމަށެވެ. އުރުޖުވާން ލަދުން މަރުވާވަރުވެ މާޒިމްގެ އަތުގެ އެހީތެރިކަން ހޯދުމުގެ ބަދަލުގައި އެއަތުގައި ނުހިފާ އަވަހަށް އަމިއްލަ އަށް ތެދުވުނެވެ. އަދި ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ތެދުވުނު އިރު އަބާޔާގައި އަޅައިގެންފާ ނުވެއްޓުނީވެސް ކިރިޔާއެވެ.

" ވިއަޑް ގާލް. ހެލްޕެއް ދޭން އުޅުމުންވެސް ރިޖެކްޓް އެ ކޮށްލީ...." މާޒިމް ހިތާ ހިތާ ކިޔާލިއެވެ. އާންމު ގޮތެއްގައި އެކަހަލަ ޚާއްސަގޮތެއް ކަމެއް އެކަކަށްވެސް ނުބަހައްޓާ މާޒިމް ކުޑަކޮށް ރަކިވެސް ވިއެވެ.

" ޔާ ﷲ. ސޯ އެމްބަރޭސިން..ދެން ވައިއިއި. މި ހެދުން ގަނޑުވެސް ދެން ނުލާނަން.....ކިރިޔާ ވިއްޔާ ނުވެއްޓުނީ...." ހޫނުވެފައިވާ ކޯތާފަތުގައި އެ ގަނޑުފެން ފަދަ ފިނި ދެ އަތް ޖައްސާލީ މީހާ ހަމަޖެހޭތޯއެވެ. އަދި ލައިގެން ހުރި އަބާޔައަށް ވެސް ރުޅި ބޭލުނެވެ.

މަސްޖިދަށް ދާން ހިތަށް އެރި ނަމަވެސް މިހާރު ޖަމާޢަތް ގެއްލިދާނެ ކަން އެނގޭތީވެ ގަސްތުކުރީ ގޭގައި ނަމާދުކޮށްލުމަށެވެ.މާޒިމް ނަމާދު ނުކުރާތާ މިހާ ދުވަސްކޮށްފައި ނަމާދަށް ހުއްޓުނު ވަގުތު މީހާ އަށް ބުނެދޭން ނޭނގޭ ފަދަ ލަދުވެތިކަމެއް އިހުސާސްކުރެވުނެވެ. މާތް ﷲ ގެ ހަޟްރަތުގައި ހުއްޓުނު ވަގުތު ގެއްލުނު ނަމާދުތަކުގެ މައްޗައް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. މާޒިމް އަކީ ކުޑައިރު ބަރާބަރަށް ނަމާދުކުރި ކުއްޖަކަށްވިޔަސް ދިރިއުޅުމަށް އައި ބަދަލުތަށް އަޅުކަމާއި ދުރުވިއެވެ. ދީނަކީ ހައްގު ދީންކަން ހިތުގެ އަޑީން ގަބޫލުކުރެވުނަސް އުޅުނު މާހައުލުން މީހާ ވަސްވާހަށް ގެއްލި ހިތް ބަދަލުވެ ދީނާ މެދު ޝައްކު އުފެއްދިއެވެ. ނަމަވެސް އުރުޖުވާން އާއި އެކު ހޭދަ ކުރެވުނު މަދު ވަގުތު ކޮޅާއި ސަބީހާގެ ވަކިވެދިޔުން ހިތުގެ ކަނެއްގައި ފަނޑުވެފައިވީ އީމާންކަމުގެ ހުޅުކޮޅު އަލި ކޮށްލަދިނެވެ. ނަމާދު ކޮށްލުމުން ގައިގައި ހުރި ވަރުބަލިކަން ވެސް ފިލާދިޔަހެން ހީވިއެވެ. ހަގީގަތުގައިވެސް ހިތަށް ހަމަޖެހުމެއް ލިއްބައިދިނެވެ.

ޒިކުރު ކުރަން އިން އުރުޖުވާންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނަސް ޒިކުރު ނިމިގެން ނޫނީ ނުބަލަން ނިންމިއެވެ.

" ހައި....އައިމް މާޒިމް....ޔޫ ކޭން ކޯލް މީ މާޒް...." މާޒިމް ފޮނުވާފައިވާ މެސެޖެކެވެ. އުރުޖުވާން އަށް އެ މެސެޖް ކިޔާލުމުން ހެވުނެވެ. އެކަމަކު މިއަދު ހިނގި ހާދިސާގެ މަތިން ހަނދާންވެ ލަދުގަންނަގޮތްވިއެވެ.

" ހައި....އައިމް އުރުޖުވާން....ޔޫ ކޭން ކޯލް މީ އުރޫޖް...." އުރުޖުވާންވެސް މެސެޖަށް ޖަވާބު ދިނެވެ. މާޒިމްގެ ޖަވާބަކަށް އިންތިޒާރުގައި ހުރެވުނީ ލުއި ހިނިތުންވުމެއްގައެވެ. ނުދަންނަ ނަމްބަރަކުން ފޯނަށް ގުޅީވެސް އެވަގުތުއެވެ. ވިސްނާ ފިކުރުކުރުމަކާއި ނުލާ ފޯނަށް ޖަވާބު ދެވުނީ ބޭއިޚްތިޔާރުގައެވެ.

***

" އުވެއިސް ކަލޯ.....ވަރަށް ދުވަސް ވެއްޖެ އެއްނު ދިމާ ނުވާތާ..." އާދަމް ވަރަށް އެކުވެރި އަޑަކުން ވާހަކަ ދެއްކިއެވެ.

" ކޯޗެއް ބޭނުމީ؟" އުވައިސް ގެ ނަޒަރުގައިވީ ރުޅިވެރިކަމެވެ. ރަނގަޅު ނިޔަތަކާއި ބޭނުމަކާއިގެން އާދަމް ނާންނާނެކަން އޭނާ އަށް އެނގެއެވެ.

"މަދީނާ......."އާދަމް ނުލަފާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެ ހިނދު އުވެއިސް ގެ ނޫކުލައިގެ ފިނި ލޮލުން ރަތް އަލިފާން ކަނި ބުރައިގެން ދިޔައެވެ. ރޭގަނޑުގެ ކަޅު އަނދިރީ ތެރެއިން އެ ލޯ ދިއްލުނު ހިނދު މުޅިތަން އަލި ކުރުވީ މެންދުރުގެ ހޫނު އަލި ފަދައިންނެވެ. އެ މަންޒަރު ދުށް އިންސާނެއް ނަމަ ބިރުން ފިތްކަނޑައިގެން ދާވަރުވާނެ ނަމަވެސް އާދަމްގެ ހިތަކަށް އެކަމުން އެއްވެސް އަސަރެއް ނުކުރާފަދައެވެ.

ނުނިމޭ