އެޑިސްއަބާބާ (19 ފެބްރުއަރީ 2024) : އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ ރައީސް އެޑޮލްފް ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހިންގި ގަތުލު އާންމު ކަމަށްވާ "ހޮލޮކޯސްޓް" އާ އެއްފަދަ ގަތުލުއާންމެއް ކަމަށާއި އިސްރާއީލުގެ ނިޒާމަކީ ހިޓްލަރުގެ ނިޒާމުފަދަ އަނިޔާވެރި ނިޒާމެއްކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑި ސިލްވާ ސިފަކުރައްވައިފިއެވެ.

އިތިއޮޕިއާގެ ވެރިރަށް އެޑިސްއަބާބާގައި ކުރިޔަށްދާ އެފްރިކާގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި މެހްމާނެއްގެ ގޮތުގައި ހާޒިރުވެ ވަޑައިގެން ދެއްވި ތަގްރީރުގައި ބްރެޒިލްގެ ރައީސް ލޫލާ ވިދާޅުވީ ޣައްޒާގައި އިސްރާއީލު ހިނގަމުން ގެންދަނީ ހަނގުރާމައެއް ނޫނެވެ. އެއީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ރޭވުމުގެ ދަށުން ހިންގާ ގަތުލުއާންމުތަކެކެވެ.

ލޫލާ ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަކީ ދެވަނަ ބޮޑުހަނގުރާމައިގައި ޔަހޫދީންނާ ދެކޮޅަށް ހިޓްލަރު ހިންގި ގަތުލުއާންމުތަކާ އެއްގޮތް ގަތުލުއާންމުތަކެކެވެ. ބޭނުމަކީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމެވެ.

ބްރަޒީލްގެ ރައީސް ވިދާޅުވަނީ އިސްރާއީލާއި ހިޓްލަރުގެ ޖަރީމާތައް އެއްގޮތްކަމަށް

ލޫލާ މިމޭރުމުން ވާހަކަ ދެއްކެވުމުން އިސްރާއީލުވަނީ ރުޅިގަދަވެ ބްރަޒީލްގައި ހުންނަ އިސްރާއީލުގެ ސަފީރު އަނބުރައި ގައުމަށް ގެންދާނެކަމުގެ އިންޒާރު ދީފައެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކުގައި މިހާތަނަށް 29،000 އަށްވުރެ ގިނަ އާންމުންވަނީ ގަސްދުގައި ޝަހީދުކޮށްލާފައެވެ. އަދި ޣައްޒާގެ އާންމުންގެ ގެދޮރަށާއި ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށްވެސް ވަނީ ގަސްދުގައި ބޮންއަޅައި އެތަންތަން ހަލާކުކޮށްލާފައެވެ.

މީގެ އިތުރުން އިސްރާއީލު ސިފައިން ގެންދަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަތިޔާރާއެކު ވަދެގަނެ ބަލިމީހުންނާއި ޑޮކްޓަރުންނާއި ނަރުހުންވެސް މަރަމުންނެވެ. ސިއްހަތާބެހޭ މެޝިނަރީތައް ހަލާކުކޮށް ބާބެރިޒަމްގެ މުޑުދާރު ޖަރީމާތައް ރާވައިގެން ހިންގަމުންނެވެ.

އިސްރާއީލުގެ މިޖަރީމާތަކާ ގުޅިގެން ދެކުނު އެފްރިކާއިން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަނީ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި އިންސާފާބެހޭ ބައިނަލްއަގްވާމީ ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލަ އެ ކޯޓުން ބަލަން ފަށާފައިވާއިރު ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާތައް ނުހިންގުމަށާއި އެފަދަ ޖަރީމާއަކަށް މަގުފަހިވާކަންކަން ހުއްޓާލުމަށް އެ ކޯޓުން ވަނީ އިސްރާއީލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް އިސްރާއީލުން ބައިނަލްއަގްވާމީ ކޯޓުގެ މި އަމުރަށް ތަބާނުވާކަން އދ. ން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ތުއްތުކުއްޖެއްގެ ހަށިގަނޑު ގެންދަނީ

ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން އުޅޭ އިސްރާއީލޭކިޔާ ޔަހޫދީ ޒަޔަނިސްޓް ރެޖީމް އަކީ އިސްތިއުމާރާއި ބިންފޭރުމާއި ނަސްލު ނައްތާލުމުގެ އަނިޔާވެރި ގަތުލުއާންމުތަކުގެ މައްޗަށް ބިނާވެފައިވާ ނުރައްކާތެރި ނިޒާމެކެވެ. ޔަހޫދީ މި ނިޒާމު ފަލަސްތީނުގެ ބިމުގައި އިންދާފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ އިސްތިއުމާރީ ބާރުތައް ގުޅިގެންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބްރަޒިލްގެ ރައީސްގެ ވާހަކަތަކަކީ ރަތްރޮނގު ހުރަސްކުރުންކަމަށް ބުނެ އެކަމާ ވަރަށް ބޮޑަށް ރުޅިއައިސްގެން ވާހަކަ ދައްކާފައެވެ. ނަމަވެސް އިސްރާއީލަކީ ބްރެޒިލް ފަދަ ބޮޑު އަދި އިގްތިސާދީ ގޮތުން ބާރުގަދަ ގައުމަކާ ދެކޮޅަށް މާބޮޑު ކަމެއް ކުރެވޭވަރަށް ވުރެ ކުޑަ އަދި ބަލިކަށި ގައުމެކެވެ.

ތިން މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ވީއިރުވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތް ބަލިކުރުމުގައާއި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގައި އިސްރާއީލުގެ ލަޝްކަރުތައް ވަނީ ނާކާމިޔާބުވެފައެވެ.