19 Feb 2024, 14:33
'ހިޔަލަ ވީކެންޑް' މާކެޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާ އެކު ދިރާގުން މިއަދު ސޮއިކޮށްފިއެވެ.
މިކަމާ ގުލޭގޮތުން މައުލުމާތު ދެއްވަމުން ދިރާގުން ބުނީ، މި މާކެޓު ކުރިއަށްދާނީ، ކޮންމެ ހަފުތާއެއްގެ ވެސް ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އޮންނަ ކޮންޓެއިނާ ޕާކުގައި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ކަމަށެވެ.
މިއީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި، އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކައިލާ އެ ތަކެތި ވިއްކުމަށް ޚާއްސަ ޕްލެޓުފޯމެކެވެ. އެގޮތުން ކޮންމެ ހަފުތާއަކު ވެސް 18 އަންހެން ވިޔަފާރިވެރިންނަށް އެ މީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ބީސީސީން ދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި، އެ ކުންފުނިން ވަނީ މިކަމަށް ޝައުގުވެރިވާ މީހުން ނަން ހުށަހަޅައި ވެއިޓްލިސްޓް ކުރަން އެދިފައެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސ،ް ނާޔާ ޝަރީފް ވިދާޅުވީ އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމަށް ބާއްވާ މި ފަދަ އިވެންޓެއްގެ ޑިޖިޓަލް ޕާޓްނަރަކަށްވުމުގެ ފުރުސަތު ލިބުމަކީ ދިރާގުން އުފާކުރާ ކަމެއް ކަމަށެވެ. އަދި، އުންމީދަކީ އިތުރު އަންހެން ވިޔަފާރިވެރިންނަށް މި ޕްލެޓުފޯމުން އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ އުފެއްދުންތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ވާސިލު ކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން، މިކަމާ ގުޅިގެން ބީސީސީގެ ޑިރެކްޓާ ކޮމާޝަލް މުހައްމަދު ޖައުޝަން ވަނީ ދިރާގުން ޑިޖިޓަލް ޕާޓްނަރަކަށްވުމުން އެ ކަމަށް ޝުކުރުއަދާ ކޮށްފައެވެ.
"އަޅުގަނޑުމެންނާ އެކު 'ހިޔަލަ ވީކެންޑް މަރކެޓް'ގެ ޕާޓްނަރަކަށްވެ، ދެއްވަމުންގެންދަވާ އެއްބާރުލުމަށް ދިރާގަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާ އެކު މަސައްކަތްކޮށް، މި ޕްލެޓްފޯމް އިތުރު އަންހެން ވިޔަފާރިވެރިންނަށް ފޯރުކޮށްދ،ީ އެ ފަރާތްތަކުގެ އުފެއްދުންތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ވާސިލްކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.