ދެހާހުގެ އަހަރުތަކުގެ ތެރޭ ބޮލީވުޑްގެ ފިލްމުތަކުން ފެނުނު ބަތަލާ އައިޝާ ޓާކިޔާގެ ނުރުހުމުގެ ބަސްތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ބަތަލާ ޓްރޯލްކުރި މީހުންނަށް ރައްދުކޮށްފިއެވެ.

އައިޝާގެ ނުރުހުމުގެ ބަސްތަކެއް ފާޑުކިޔުންތެރިންނަށް ރައްދުކޮށްފައިވަނީ ދާދި ފަހުން ގޯއާއަށް ދިއުމަށްޓަކައި އައިޝާ މުމްބާއީ އެއަޕޯޓުގައި ހުއްޓާ މީޑީއާއިން ނެގި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކުއެވެ.

އައިޝާގެ ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުވާން ފެށުމާއެކު ވަރަށް ގިނަ ބަޔަކު ވަނީ ބަތަލާ ޕްލާސްޓިކް ސާޖަރީއެއް ހަދާފައިވާކަމަށް ބުނެ ފާޑުކިޔާފައެވެ. މިއާއެކު އައިޝާގެ ސިފައަށް އައިސްފައިވާ ބަދަލުތަކަށް ފާޑުކިޔުމަށްފަހު އައިޝާއަށް ބޮޑެތި ބަދަލުތަކެއް އައިސްފާވަކަމަށް ބުނެ ބަޔަކު މީހުން ވަނީ އިންޓަނެޓުގައި އައިޝާ ޓްރޯލްކޮށްފައެވެ.

އާއްމުކޮށް މީޑިއާއާ ވަރަށް ދުރުގައި އުޅޭ ބަތަލާ މިކަމާ ގުޅިގެން އިންސްޓަގްރާމްގައި ކުރި ދިގު ޕޯސްޓުގައި ބުނެފައިވަނީ، އިންޑިއާ ފަދަ ބޮޑު ޤައުމެއްގައި އާއްމުން ކަންބޮޑުވެ ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުރިއިރު އެއް ބަޔަކަށް މުހިއްމުވީ އައިޝާ ފަދަ ކުރީގެ ބަތަލާގެ ސިފައަށް އައިސްފައިވާ ބަދަލާމެދު މަޝްވަރާކުރުމަށް ކަމުގައެވެ.

ކުރީގެ ބަތަލާ އައިޝާ ޓަކިޔާ ފިރިމީހާއާ އެކު-- ފޮޓޯ/ އިންޓަނެޓް

ފިލްމީ ދާއިރާއަށް އެނބުރި އައިސް ފިލްމީ މަސައްކަތް ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އައިޝާގެ ނެތްކަމަށާއި މީގެ 20 އަހަރު ކުރިން އައިޝާ ހުރިގޮތަށް ލޫޅާފަތި ޒުވާނެއްގެ ގޮތުގައި ހުންނަން އާއްމުން ބޭނުންވުމަކީ ވަރަށް ތާކުންތާކުނުޖެހޭ ބޭކާރު ވިސްނުމެއްގެ ގޮތުގައި އައިޝާ ވަނީ ސިފަކޮށްފައެވެ.

ފިލްމު "ތާޒަން: ދަ ވޮންޑަ ކާ"، "ދިލް މާންގޭ މޯ" އަދި "ވޯންޓެޑް" ފަދަ ފިލްމުތަކުން މަގުބޫލުވި ބަތަލާ އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 2011ވަނަ އަހަރުއެވެ. އިންޑިއާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އާއިލާއަކަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ފަރްހާން އަޒްމީއާ ކައިވެނި ކުރުމަށްފަހު އައިޝާ ފިލްމީ ދާއިރާއިން މަޑުމަޑުން ގެއްލެމުން ގޮސް ފިލްމީ ދާއިރާއިން އެއްކޮށް ދުރަށްދިޔަކަން ބަތަލާ ވަނީ އިއުލާނުކޮށްފައެވެ.