މި މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރި ފިލްމު "ބަކްޝަކް"ގެ ބަތަލާ ބޫމީއަށް ހޮލީވުޑުން ފުރުސަތުތައް ލިބެމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ހޮލީވުޑްއިން ބޫމީއަށް ފުރުސަތުތަކެއް ފަހިވީ ފިލްމު "ބަކްޝަކް"ގައި ބަތަލާ ދެއްކި މޮޅު އެކްޓިންގް ހުނަރުގެ ސަބަބުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އިނގިރޭސި ނޫން އިތުރު ބަހަކުން އުފައްދާ ފިލްމުތަކުގެ އެންމެ ގަދަ ފަހެއްގެ ލިސްޓުން ނެޓްފްލިކްސްގައި މި ފިލްމަށް ޖާގަ ލިބިފައިވާއިރު ބޫމީ ވަރަށް އަވަހަށް އެމެރިކާގެ ލޮސް އެންޖެލިސްއަށް ދިއުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު އިންޑަސްޓްރީގައި ނުވަ އަހަރު ހޭދަކޮށްފައިވާ ބަތަލާއަކީ ގިނަ ތަޖުރިބާތަކެއް ހުރި ތަރިއަކަށްވެފައި ހޮލީވުޑްގެ ފިލްމަކަށް ސޮއިކުރާނީ ވަރަށް ގިނަ މަޝްވަރާތައް އެ އިންޑަސްޓްރީގެ ތަޖުރިބާކާރުންނާ އެކު ކޮށްފައި ކަމަށް ބޫމީގެ ޓީމާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. ކުރިއަށް އޮތް މަހު ލޮސްއެންޖެލިސްގައި ބާއްވާ މަޝްވަރާ ބައްދަލުވުންތަކަށް ދިއުމަށް ބޫމީ ތައްޔާރުވަމުން އަންނައިރު ހޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރުމަކީ އޭނާ އަބަދު ވެސް ދެކެމުން އައި ހުވަފެނެކެވެ.

ބަތަލާ ބޫމީ ފިލްމު "ބަކްޝަކް"ގައި-- ފޮޓޯ/އިންޓަނެޓް

އެކްޓަރު ޝާހްރުކް ޚާން އަދި އަންހެނުން ގޯރީ ޚާން ހިއްސާވާ އަމިއްލަ ކުންފުނި ރެޑް ޗިލީޒްއިން ނެޓްފްލިކްސްއަށް އުފެއްދި ފިލްމު "ބަކްޝަކް"އަކީ ކްރައިމް ތުރިލާއެކެވެ. ބޫމީ ފިލްމުގައި ކުޅެފައިވަނީ އިންޑިއާގެ ޔަތީމުޚާނާއެއްގެ ތެރޭ ހިނގާ ނޭދޭވެ ހާދިސާތަކާއެކު އެ ޔަތީމުޚާނާގެ އަނދިރިފަރާތް އާއްމުންނަށް ހާމަކޮށްދިނުމަށް މަސައްކަތްކުރާ ހިތްވަރުގަދަ ނޫސްވެރިއެއްގެ ރޯލެވެ. މި ފިލްމުގައި ބޫމީގެ ރޯލް ކުޅެފައިވާލެއް ފުރިހަމަކަމުން އެކަން ފާހަގަކޮށް ބޫމީގެ މަންމަ ވަނީ ބަތަލާއަށް ރަނުން ތައްޔާރުކޮށްފައިވާ ކޮއިންއެއް ދީފައެވެ.

ބޫމީގެ ކެރިއަރުގައި މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން ހަތް ފިލްމަކަށް މަންމަގެ ފަރާތުން ރަނުގެ ކޮއިން ލިބިފައިވާ ކަމަށާއި އާއިލާގެ ފަރާތުން ލިބޭ އެ ހަދިޔާ އަކީ އެވޯޑަކަށް ވުރެވެސް މާ އަގުބޮޑު އެއްޗެއް ކަމަށް ބޫމީ ވަނީ ބުނެފައެވެ.

ބޫމީ ދެން އެންމެ އަވަހަށް ފެންނާނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "މެރީ ޕަތުނީ ކާ ރިމޭކް" އިންނެވެ.