ޑަބްލިން (20 ފެބްރުއަރީ 2024) : އދ. ގެ ސަލާމަތީ މަޖިލީހުގައި ފަސް ގައުމަކަށް ލިބިފައިވާ ވީޓޯގެ ބާރަކީ ޑިމޮކްރަސީގެ އުސޫލާ މުޅިން ޚިލާފު ބޯދާ އަދި ޚުދުމުޚްތާރު ބާރެއް ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ޔޫރަޕްގެ އިއްތިހާދުގެ ގައުމެއްކަމަށްވާ އަޔަލަންޑުން ބުނެފިއެވެ.

އަޔަލަންޑްގެ ޚާރިޖީ ވަޒީރު މައިކަލް މާޓިން ސިފަކުރެއްވި ގޮތުގައި ވީޓޯގެ ބާރު ލިބިދިނުމަކީ ތަހުޒީބު ކަމެއް ނޫނެވެ. އަދި ވީޓޯގެ ބޭނުންހިފުމަކީ ވެސް ތަހުޒީބު ގައުމަކުން ކުރާ ޒާތުގެ ކަމެއް ނޫނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ލިބިފައިވަނީ ދުނިޔޭގެ ބޮޑު ފަސްބާރުގެ ގޮތުގައި ސިފަކުރެވޭ ފަސް ގައުމަށެވެ. އެއީ އެމެރިކާ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް މި ފަސް ގައުމެވެ.

މި ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ވީޓޯގެ ބޭނުންހިފާ ގައުމަކީ އެމެރިކާއެވެ. އެމެރިކާއިން މައިގަނޑު ގޮތެއްގައި ވީޓޯގެ ބޭނުން ހިފަމުންދަނީ ފަލަސްތީނުގެ ހައްގުތައް ނަގާލުމަށާއި އިސްރާއީލުގެ އަޅުވެތިކަމުގައި ފަލަސްތީނު ބޭއްވުމަށާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާއި ގަތުލުއާންމުތައް ހިމާޔަތް ކުރުމަށެވެ.

އަޔަލޭންޑްގެ ޚާރިޖީ ވަޒީރު މައިކަލް މާޓިން

ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމަ ދިފާއުކުރުންފަދަ ރަޝިއާގެ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި ރަޝިއާވެސް މަދުންނަމަވެސް ވީޓޯގެ ބޭނުން ކުރެއެވެ. އަނެއް ތިން ގައުމުންވެސް އެ ގައުމުތަކުގެ މަސްލަހަތާ ގުޅޭކަންކަމުގައި ކޮންމެވެސް ވަރަކަށް ވީޓޯގެ ބޭނުން ކުރެއެވެ. ނަމަވެސް އެމެރިކާ އާ އަޅާބަލާއިރު ވީޓޯ ކުރަނީ މަދުންނެވެ.

އަޔަލަންޑްގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި އދ. ގެ މެންބަރު އެތައް ގައުމަކުން ފާސްކުރަން ބޭނުންވާ ގަރާރެއް އެންމެ ގައުމަކުން ވީޓޯކޮށް އެ ގަރާރު ފާސްވިޔަ ނުދީ ބާތިލުކޮށްލުމަކީ ލަދުވެތި ކަމެކެވެ. އެއީ ޑިމޮކްރަސީއަށް ލޯބިކުރާ އަދި ޑިމޮކްރަސީ އާ ރައްޓެހި ގައުމަކުން ކުރާ ބާވަތުގެ ކަމެއް ނޫނެވެ.

އދ. ގެ ހައިބަތު ގެއްލެނީ އަދި އދ. ގެ އިތުބާރު ދުނިޔޭގެ ރައްޔިތުންގެ ކުރިމަތީގައި ގެއްލެނީ ވީޓޯގެ ސަބަބުންނެވެ. އަދި އިސްރާއީލުފަދަ ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާ ހަރުކަށި ގައުމުތަކުގެ ދިފާއުގައި ވީޓޯކުރުމަކީ އެ ގައުމުތަކުގެ ހަރުކަށި އަމަލުތަކަށް ހިތްވަރުދިނުން ކަމަށް އަޔަލަންޑްގެ ޚާރިޖީ ވަޒީރު މައިކަލް މާޓިން ވިދާޅުވިއެވެ.

ފަލަސްތީނު މައްސަލާގައި އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާ ވީޓޯ ކުރުމަކީ އިސްރާއީލުގެ ހަރުކަށި އަމަލުތަކަށް ހިތްވަރު ދިނުންކަމަށާއި ހަރުކަށި އަމަލުތައް ހިންގައި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހަން އިސްރާއީލަށް ކެރެނީ އިސްރާއީލުގެ ހިމާޔަތުގައި ބައެއް ގައުމުތަކުން ވީޓޯކުރާތީކަމަށް މާޓިން ވިދާޅުވިއެވެ. ވީޓޯ ކޮށްގެން އިސްރާއީލުގެ އަނިޔާވެރިކަން ދިފާއު ކުރުމުގައި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތްވެސް ބައިވެރިވެއެވެ.

އަޔަލެންޑްގެ ޚާރިޖީ ވަޒީރު ވަނީ ވީޓޯ ކުރުމުގެ ހައްގު ނިމުމަކަށް ގެނެސް އދ. ގެ ސަލާމަތީ މަޖިލީހުގެ އިޚްތިސާސުން ވީޓޯގެ ނިޒާމު ބޭރުކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ. ވީޓޯ ކުރުމުގެ ބާރު ދެމެހެއްޓުމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ ގައުމަކީ އެމެރިކާއެވެ.