"މާހިލް ގޮސްލިޔަސް އޯކޭ. އަހަރެން މި އަންނަނީ." މާހިލް ފޮނުވާލާފައި ރާދިން އޭނާއާ ކުރިމަތިލިއެވެ.

"ކަލޭ ކީއްކުރަން މަށަށް ތި ގޮވަނީ؟" ކިތަންމެ ރީއްޗަށް ވާހަކަ ދައްކަން އުޅުނު ނަމަވެސް، މާޒީގައި ކަންތައްވީ ގޮތް ހަނދާންވެ ރާދިންގެ އަޑު ނުކުތީ ހަރުކަށިކޮށެވެ.

"އަހަރެން. އަހަރެން ވާހަކައެއް ބުނަން ބޭނުންވީ." ކުރިމަތީގައި ހުރި ވިޝާމްގެ މޫނުމަތިން އޭނާ ދެރަވެފައިހުރިކަން ހާމަވަމުން ދިޔައެވެ.

"ތި ބުނާ އެއްޗެއް ބުނެބަލަ." ރާދިންއަށް ބުނެވުނެވެ.

"އަހަންނަށް އެނގޭ ކަންތައްވީ ގޮތުން ރާދިން ތިހުރީ އަހަރެން ދެކެ ހިތްހަމަ ނުޖެހިފަކަން. އެކަމުގެ ސަބަބުން އަސަރުކުރީ ހަމައެކަނި އަހަރެމެން ދެމީހުންގެ އެކުވެރިކަމަކަށް ނޫން. އެކަކުވެސް މިހާރަކު ކުރީގަ އަހަންނާ ދޭތެރޭ ދުށް ގޮތަކަށް ނުދެކޭ…" ވިޝާމް ބުނެލިއެވެ. ރާދިން ހައިރާންކަން އެކުލެވޭފަދަ ބެލުމަކުން ބަލަން ފެށުމުން ވިޝާމް އޭނާ އެބުނި ވާހަކަ ތަފްސީލް ކޮށްލަ ދިނެވެ.

"ނަސީފް އަނޫފްކުރެން އެ ސުވާލު ތަކުރާރުކޮށް ކުރަން ފެށީމަ އޭނަ އެވާހަކަ ބުނީ ނަސީފް ކައިރީގައި. މާ ބޮޑު ތަފްސީލެއް އޭނަ ނުދިނަސް އެހެންމެންނަށް އެނގޭ އަހަރެން ރާދިންގެ އަންހެނުންނާ ދިމާކުރީކަން. އޭގެފަހުން އަހަރެންނާ އެހެން މީހުންނާ އޮތް ގުޅުންވެސް ހީނަރުވެއްޖެ. އަހަރެން ބޭނުންވި ގޮތެއް ނޫން އެއީ. މާފަހުން ރިއަލައިޒްވީ، އަހަރެމެންގެ އެކުވެރިކަމުގައި ކުނި ޖެހުނީ އަހަރެންގެ ސަބަބުންކަން. އަބަދުވެސް ކަމެއް ދިމާވާއިރު ތިބެނީ ރާދިންމެންކަންވެސް އަހަންނަށް އިޙްސާސްވީ ދެން." އެ ހިސާބަށް ވިޝާމްއަށް ވާހަކަ ދެކެވުނުތަނާ ރާދިން އޭނާގެ ވާހަކަ މެދުކަނޑާލިއެވެ.

"ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް، އަހަރެން މީގެ ފަހުން ވިޝާމްއާ ގުޅުން ބާއްވާކަށް ބޭނުމެއް ނޫން." ރާދިންއަށް ބުނެވުނެވެ.

"ކުރިން އޮތް ގުޅުން ރާދިން ބާއްވާނެ ކަމަކަށް ނޫން އަހަރެން މިއައީ. އެކަމަކު ވާހަކައެއް ބުނަން ވެގެން. އެހުރިހާކަމެއް ކުރުމަށް އަހަންނަށް ހިތްވަރު ދިނީ، ސަޖާ. މައާލްއާ އިނދެގެން ހުރެ ރާދިން ގުޅުން ބާއްވަމުން ދިޔަ ސަޖާ. ހަމަ އެކަނި އެ ވާހަކަ ބުނެލަން ބޭނުންވީ." އެހެން ބުނެލާފައި ވިޝާމް ސަޖާގެ ވާހަަކަތައް ރާދިންއަށް ކިޔައިދިނެވެ.

"ރާދިން އަހަނަށް މާފުނުކުރިޔަސް ހެޔޮ. އެކަމަކު މައާލްއާ އިނދެގެން ހުރެ ރާދިން ގުޅުން ބާއްވަމުން ތިޔަ ގެންދާ އަންހެން ކުއްޖާގެ ހުރި ވިޔާނުދާކަން ރާދިންއަށްވެސް އަންގައިދޭން އަހަރެން ބޭނުންވީ." ރާދިންއާ ސަޖާގެ ގުޅުން ނިމުނުކަން ނޭނގޭ ވިޝާމް ބުނެލިއެވެ. އޭނާ ސަޖާގެ ދެކެ މިހާރު ރުޅި އާދެއެވެ. އޭނާއާ އެންމެ ގާތް ގުޅުމެއް ބާއްވަމުން ދިޔަ އެކުވެރިން ދުރުވީ ސަޖާގެ ސަބަބުންކަމަށްވީތީ ސަޖާއާ މެދު އޭނާގެ ހިތުގައި ވަނީ އިންތިހާ ނަފްރަތުކަމެވެ. އިތުރު އެއްޗެއް ބުނުމެއްނެތި ވިޝާމް އެތަނުން ހިނގައިގަތެވެ. ވިޝާމް ގޮސް ލޯމަތިން ގެއްލެންދެން ބަލަން ހުރުމަށްފަހު، ރާދިން ވެސް އޮފީހާ ދިމާލަށް ހިނގައިގަތެވެ. ސަޖާގެ މަކަރުވެރިކަމާއި، ވިޔާ ނުދާކަން ވިޝާމްގެ ފުށުން އަޑު އިވުނު ރާދިންއަށް ވިސްނުން މުޅިން އެހެން ދިމާލަކަށް ދޫކޮށްލެވުނެވެ. ސަޖާއާ ދިމާވި ރޭގައި ސަޖާއޭނާއަށް ދިން ފެން ތަށީގެ ސަބަބުން އެރޭގެ އެއްވެސް ކަމެއް އޭނާގެ ހަނދާނެއް ނެތެވެ. ވީއުރު ބަނޑުބޮޑުކަމަށްބުނެ އެކަމުގެ ފައިދާ ސަޖާ ނަގަނީ ހެއްޔެވެ؟ އޭނާއަށް އެއްކަމެއް ޔަޤީންވެއެވެ. އަމިއްލަ ހިތުގެ މުރާދު ހާސިލް ކުރުމަށް ސަޖާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ދެރައީ އޭނާ ތެދުވިއިރު އޮތް ޙާލަތާއި އޮވެވުނު ގޮތް ދޮގު ނުކުރެވޭތީއެވެ. އެހެންނަމަވެސް، އޭނާގެ ހިތް ބުނަނީ އެއީ ސަޖާގެ ރޭވުމެއްކަމަށެވެ. ވިސްނުންތަކުގައި ހުރެ ގޮސް އޮފީހަށް ވަތް ރާދިންއަށް ސިހުން ލިބުނީ އޭނާއަށް މީހަކު ގޮވާލުމުންނެވެ. ހިނިތުންވެލާފައި ރާދިން އެމީހާއާ ސަލާމްކޮށްލަން މަޑުކޮށްލިއެވެ.

***

ހަވިރުގެ ވަގުތެވެ. ކުރަހާ ކޮޓަރިތެރޭގައ ހުރި މައާލް އެ ކޮޓަރިތެރެއަށް ވަށައިގެން ބަލާލިއެވެ. އޭނާގެ ހިތުން ރާދިން އެންމެ ވަގުތުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. އެ ކޮޓަރިތެރެއަށް އެކަނި ބަލާލުމުންވެސް، ރާދިން އޭނާ ދެކެ ލޯބިވާކަން ހެއްކަކަށް ފުދެއެވެ. ގެއަށް އައި ރާދިން ކޮޓަރިއާ ދިމާލަށް އައިވަގުތު މައާލްގެ ކުރަހާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުރިތަން ލޮލުގައި އަޅައިގަތެވެ. އެހެންކަމުން އޭނާ އެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުރުމުން އެ ހިސާބަށް އެރުމާއެކު ކޮޓަރިތެރޭގައި ހުރި މައާލް ރާދިންގެ ލޮލުގައި އަޅައިގަތެވެ. މައާލް ހުރީ އޭނާއަށް ފުރަގަސްދީގެން ކަމުން، އިރުކޮޅަކު އޭނާ މައާލްގެ ހަރަކާތްތަކަށް ބަލަން މަޑުކޮށްލުމަށްފަހު، މައާލްއަށް ގޮވާލަމުން އެތެރެއަށް ވަދެލިއެވެ.

"މައާލް…" މައާލް ސިހުރީ ރާދިންގެ އަޑަށެވެ. އޭނާ ފަސް އެނބުރި ބަލާލިއެވެ. އޮފީސް ދަބަސް ހިފައްޓާލައިގެން ހުރި ރާދިން އައިސް މައާލްއާ ދާދި ގާތުގައި މަޑުކޮށްލިއެވެ.

"ނިމުނީތަ؟" މައާލްއަށް ސުވާލުކޮށްލެވުނީ އެވަގުތު ބުނާނެ އިތުރު އެއްޗެއް އޭނާގެ ސިކުނޑިއަށް ނައުމުންނެވެ.

"ހޫމް… ކައިފިންތަ؟" ރާދިންވެސް ސުވާލެއްކޮށްލިއެވެ.

"ހޫމް. އެކަމަކު ބަނޑުހައިވެފަ." މައާލް ކުރު ޖަވާބެއް ދިނެވެ.

ސައި ބޯން ހިނގާ ދޯ." ރާދިން ސުވާލުކޮށްލިއެވެ.

" ފެންވެސް ނުވަރާތަ ދާނީ." މައާލް ރާދިންއަށް ބަލާލިއެވެ.

"ނޫން. ފެންވާލައިގެން ކާނީ ދޯ… ބައްޕަ އައިތަ؟"ރާދިން ސުވާލުކޮށްލިއެވެ.

"ރާދިން އޮފީހަށް ދިޔަ ފަހުން އައި. ވަރަށް ގިނައިރު ހުރެފަ ދިޔައީ." އެދެމީހުން ދެއްކީ ޒުހުރީގެ ވާހަކައެވެ. އޭރު ލުއި ހިނިތުންވުމެއް އެ ދެމީހުންގެ ތުންފަތްމަތީގައި ވެއެވެ.

ރާދިންއާއެކު ކޮޓަރިއަށް ވަތް މައާލް ރާދިންގެ ގަމީހާ އެއްޗެހި ނަގާފައި ގޮސް އިނީ ބޮޑު ކޮޓަރީގެ ސޯފާގައެވެ. ވިސްނުމަކަށް ގެއްލިފައި އޭނާ އިންދާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފެންވަރާ ތާޒާވެލައިގެން އައި ރާދިން، އޭނާއަށް ގޮވާލުމުންނެވެ. މައާލް ރާދިންއަށް ބަލާލާ ސޯފާއިން ތެދުވެލިއެެވެ. އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްގައި ހުރި ރާދިން ވަރަށް ހިތްގައިމެވެ. ރާދިންގެ އެ ފިރިހެންވަންތަކަމާއި، ރީތިކަން އޭނާގެ ހިތް އަވަސްކުރުވިއެވެ. ކައިރިއަށް ހުއްޓުމާއެކު ދުވި ސެންޓްގެ މީރުވަހާއެކު އޭނާއާ ރާދިންގެ ސަމާސާތައް މަތިން މައާލް ހަނދާންވިއެވެ. އެ ސެންޓަކީ އޭނާއަށް ޚާއްސަ ސެންޓެއްކަން އެނގޭތީ ރާދިން އަބަދުވެސް ޖަހަނީ އެ ސެންޓެވެ. ހިތަށް އަރަމުންދިޔަ އެއްޗެހިން އޭނާގެ މޫނުމައްޗަށް އުޖާލާކަމެއް ވެރިވަމުން ދިޔައެވެ. ކުޑަ ވަގުތު ކޮޅަކަށްވެސް ރާދިންގެ ބޭވަފާތެރިކަން އޭނާ ހަނދާންނެތޭ ގޮތްވިއެވެ.

"ހިނގާ ދާން." މައާލް ހިނގައިގަންނަމުން ބުނެލިއެވެ. އެވަގުތު ދޮރުވާނަކަށް ހުރި މީހާގެ ފޯނެއް އައެވެ. ނޯކަރު ކުއްޖަކު ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ފޯނު ނެގިއެވެ. އެއަށްފަހު އޭނާ މައާލްއާ ރާދިންއަށް ބަލާލީ ހާސްވެފައި ހުރެފައެވެ.

"ކިހިނެއްވީ؟ ކާކު އައީ؟" ނޯކަރު ކުއްޖާގެ މޫނުމަތިސް ހާސްކަން ފެންނަމުން ދިޔައީތީ މައާލް ސުވާލުކޮށްލިއެވެ.

"ސަޖާ… ސަޖާއެއް. އަޑު ގަދަ ކުރަނީ…" ނޯކަރު ކުއްޖާ ބުނެލިއެވެ. މައާލްގެ މޫނުމަތި ވަގުތުން ބަނަވިއެވެ. ތުންފަތުގައިވި ލުއި ހިނިތުންވުން ފަނޑުވުމާއެކު، އޭނާއަށް ރާދިންއަށް ބަލާލެވުނެވެ.

"ބުނޭ އޭނަ އެތެރެއަށް ވައްދައިގެން ނުވާނެއޭ. އަހަރެން މިދަނީ…." މައާލްއަށް ވެފައި ހުރިގޮތުން ރާދިންގެ ހިތަށް އުނދަގޫވިއެވެ. އޭނާ އެހެން ބުނެލާފައި ހިނގައިގަތް ވަގުތު ސިހުން ގެނުވީ މަައާލް ވާހަކަ ދެއްކުމުންނެވެ.

"ރާދިން!. ގޮސްގެން ނުވާނެ." މައާލްގެ އަޑުގައި ހަރުކަށިކަންވެއެވެ. ހައިރާންކަމާއެކު ރާދިން މައާލްއަށް ބަލާލިއެވެ.

"މައާލް…" ރާދިން މައާލްއަށް ގޮވާލި ނަމަވެސް، އެއަށް މައާލް ޖަވާބެއް ނުދިނެވެ.

"ކެއިލީ. ބުނޭ އޭނަ ވައްދާށޭ…" ބުނާނެ އެއްޗެއް ނޭނގިފައި ހުރި ނޯކަރު ކުއްޖާއަށް މައާލްއަށް އަމުރުކުރިއެވެ. އެއަށްފަހު، އޭނާ ގޮސް ކެމެރާއިން ބޭރު ބަލާލިއެވެ. އެތަނުގައި ސަޖާ ހުއްޓެވެ.

"މައާލް. ޕްލީޒް. ތިހެން ނުހަދާ…" ރާދިންއަށް އަނެއްކާވެސް ބުނެވުނެވެ.

"ރާދިންގެ ދަރިއަކަށް ބަލިވެ އިން އަންހެން ކުއްޖާ ބަލާލުމުގެ ހައްޤުވެސް އަހަންނަށް ނެތީ؟" ރުޅި އައިސް ދެރަވެފައި ހުރިވަރުން މައާލްއަށް ބުނެވުނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އޭނާއަށް ހިތްހަމަ ޖެހުން ލިބުމެއް ނެތީ ހެއްޔެވެ؟ އޭނާގެ އުފާވެރިކަމަށް ކޮންމެ ފަހަރަކު ހުރަސް އެޅެނީ ކީއްވެހެއްޔެވެ؟ ރާދިންގެ ކުށުގެ މަތިން ހަނދާން ނައްތާލެވޭ ކޮންމެ ފަހަރަކު، އެ މާޒީ އައިސް އޭނާގެ ކުރިމައްޗަށް ހުއްޓެނީ ކީއްވެހެއްޔެވެ؟ ރާދިންއާ އޭނާއާ ދެމީހުންނަށް އުފާވެރި މުސްތަޤްބަލެއް ނެތްކަން ހަނދާންކޮށްދޭން ހެއްޔެވެ؟ އެ ދެމީހުންވަކިވުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި އަންގައިދޭން ހެއްޔެވެ؟ ޝަކުވާތަކުން މައާލްގެ ހިތް ފުނިޖެހި ބަންޑުން ވަމުން ދިޔައެވެ. މައާލްއަށް އަންނަމުންދިޔަ ބަދަލުތައް ފާހަގަ ކުރެވުނު ރާދިންއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. ދެން ކަންތައްވާނީ ކިހިނެއްކަން އޭނާއަށް އަންދާޒާވެސް ކޮށެއްނުލެވެއެވެ.

މައާލް ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް، އޭނާގެ އެތެރެހަށީގައި އުފެދިފައިވާ ތޫފާން އެކަމަށް ތަނެއް ނުދިނެވެ. ނުތަނަވަސްކަމާއި ރުޅިވެރިކަމާއި ހިތާމަތައް ހީވަނީ އޭނާ ވަށާލާފައި ވާހެންނެވެ. އެހެން ހުއްޓާ ސަޖާ އައިސް އެތެރެއަށް ވަދެއްޖެއެވެ.

"ރާދިން… އަހަންނަށް އެނގުނު ރާދިން އައިކަން. އެހެންވެ މިއައީ… " އެތެރެއަށް ވަން ސަޖާގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ ރާދިންއެވެ. ރާދިންއަށް ބެލެނީ އެއްފަރާތުގައި ހުރި މައާލްއަށެވެ.

"މައާލް… ޕުއަރ ޔޫ…" ސަޖާ މައާލްއަށް ބަލާލަމުން ބުނެލިއެވެ.

"ސަޖާ…. ކީއްކުރަން ތިއައީ؟" ރާދިން އަޑަށް ހަރުކަށިކަން ގެނައެވެ.

"އަހަރެން ބުނިން ދޯ އައިސް އަހަންނާއޭ ކައިވެނިކުރަން ޖެހޭނޭ… އިތުރު ޗޮއިސް އެއް ރާދިންއަކަށް ނެތޭ…" މައާލްއާ މެދު ވިސްނާލުމެއްނެތި ސަޖާ ބުނެލިއެވެ. އެއާއެކު މައާލްގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. މޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. މެއާ ދިމާލުގައި އޭނާއަށް އަތް ޖައްސާލެވުނީ އެހެންވެގެންނެވެ.

"އަހަރެން ވެސް ބުނިން ދޯ ތިކަމެއް ނުވާނެޔޭ. އަހަންނަށް މިހާރު ޔަޤީންވޭ އެބަ ތީވެސް ކަލޭގެ ނުބައި ރޭވުމެއްކަން." ރާދިންއަށް ވެސް ބާރަށް ބުނެވުނެވެ.

"އަމިއްލަ އަނބިމީހާގެ ލޮލަށް ނުފެނުމުގެ ފައިދާ ނެގީ އަމިއްލަ މީހާއޭ ރާދިން. މިއަދު އަހަރެންގެ ބަނޑުގައި މިވާ ދަރިއަށް ވެސް އިހުމާލުވާން ތިއުޅެނީ، ޒިންމާއިން ރެކެންވެގެން ތިއުޅެނީ. އަހަންނާ އިންނަން ދެކޮޅު ހަދައިފިނަމަ ވާނެ ގޮތްވެސް އެނގޭނެ." ސަޖާ އޭނާގެ ފޯނު ނަގާ ރާދިންއަށް ފޮޓޯތައް ދައްކާލިއެވެ. މައާލްއަށް ބަލައިލި ރާދިންގެ ހިތް ތެޅިގަތީ އެހެން މިހެނެއް ނޫނެވެ. އޭނާ ސަޖާގެ އަތުން ފޯނު އަތުލަން އުޅުމުން ސަޖާ އެކަމަށް ހުރަސްއެޅިއެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރި މައާލް ހުރީ ހުއްޓުން އަރާފައެވެ. ބޮލުގައި ބްލޮންޑް ކުލަ ޖައްސާލާފައި ހުރި ސަޖާ ހުރީ ކުރުކުރު ޓީޝާޓަކާއި ޖީންސްއެއްގައެވެ. އޭނާ ގެންނަ ކުދި ކުދި ހަރަކާތްތަކުން އެކަނިވެސް، ސަޖާގެ ބަނޑާ އުނަގަނޑުން ބޮޑުބަޔެއް ހާމަވަމުން ދިޔައެވެ.

އެ މަންޒަރު ބަލަން ހުރުމަށްފަހު، ކުއްލިއަކަށް އެދިމާލަށް ހިނގައިގަތް މައާލް އައިސް ސަޖާގެ އަތުގައި އޮތް ފޯނު ޖަހައިގަތެވެ. ނުވިސްނާ ހުރި ސަޖާވެސް ދިޔައީ ސިއްސައިގެންނެވެ. އޭނާގެ އަތުން ފޯނު އަތުލި މައާލް ފެނި އޭނާއަށް ޝޮކެއް ލިބުނެވެ. މައާލް އެ ފޮޓޯގަނޑަށް ބަލާލުމާއެކު އޭނާގެ ހިތް ހީވީ ކުދި ކުދި ވީހެންނެވެ. ސަޖާ އާ އެއް އެނދެއްގައި ނިދާފައި އޮތީ ރާދިން ނޫން ދެވަނަ މީހެއް ނޫނެވެ.

"ކަލޭގެ ލޮލަށް ފެނޭތަ؟" ސަޖާއަށް ލިބުނު ޝޮކު ފިލައިގެންދާން އިރުކޮޅެއް ނެގިއެވެ.

"ވާހަކަ ނުދައްކާތި!" މައާލް ހަޅޭއްލަވައިގަތެވެ. އެއަށްފަހު ފޯނު ސްކްރޯލް ކޮށްލުމަށްފަހު، އޭނާ ދެން ހުރި ފޮޓޯތަށްވެސް ބެލިއެވެ. ގައިން ވަރު ދޫވި މައާލްގެ ދެފައި ކޮޅާއެކީ މުޅި މީހާ ތުރު ތުރުއަޅައިގެން ދިޔައެވެ.

"މީނަގެ ލޮލަށް ބޭސް ކުރަން ދޯ މިހުރިހާ ދުވަހު ބޭރުގަ ގޮސް ތިހުރީ. ހީނުކުރާތި މިކަމުން ރެކެވޭނެޔޭ!" ބަނޑުގައި އަތް ޖައްސާލަމުން ސަޖާ ބުނެލިއެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރި ރާދިން ހުރީ ގަނބުވެފައެވެ. ބުނާނެ އެއްޗެއް ގެންނާނެ ހަރަކާތެއް ނޭނގިފައި އޭނާއަށް ހުރެވުނުއިރު، ބެލެނީ މައާލްއަށެވެ.

"ފެނޭތަ؟ ތީ ކަލޭގެ ފިރިމީހާގެ ހަޤީގަތް. ތިވަރުންވެސް އޭނަ އެ އުޅެނީ މަގޭ ބަނޑުގަ މިއޮތީ އޭނާގެ ދަރިއެއްކަން ގަބޫލުނުކުރަން." ސަޖާގެ ވިހަ ގަދަ ބަސްތައް އެއްވެސް ހުރަހެއްނެތި ގޮސް ހެރުނީ މައާލްގެ ހިތަށެވެ. އެ ހިތް ޒަޚަމްވެގެން ދިޔައީ ދުވަހު ނުވާ ވަރަށެވެ. ކޮޅަށް ހުންނަން ދަތިވި މައާލްއަށް ހުރިތަނަށް ތިރިވެވުނެވެ. ސަޖާ މައާލްގެ އަތުން ފޯނު އަތުލިއެވެ.

"ހަނދާންކުރާތި! އަހަންނާ ކައިވެނިނުކޮށް ސަލާމަތެއް ނުވާނެ. މި ދަރީގެ ޒިންމާވެސް ޖެހޭނީ ނަގަން." ސަޖާ ބުނެލިއެވެ.

ވެރިވެގެން ދިޔަ ވޭނީ ގިސްލުމުގެ އަޑާއެކު ރާދިންއަށް މައާލްއާ ދިމާލަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.

"މައާލް!" ކުރެހިފައިވާ އަޑަކުން ރާދިން ގޮވާލުމާއެކު، ކަކޫ ޖަހާލާ އިށީނދެ މައާލްގެ އަތުގައި ހިފެއްޓިއެވެ.

"އަތް ނުލާތި! ދުރުގަ ހުރޭ…" މައާލް އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަތެވެ. އެއަށްފަހު، އެ އިން ގޮތަށް އިނދެ މައާލް ފަހަތަށް ޖެހުނެވެ. ހީވަނީ ރާދިންގެ އެ އަތުގެ ބީހިލުމުންވެސް ކެތްނުކުރެރެވޭ ވޭނެއް އޭނާއަށް ލިބުނުހެންނެވެ. އޭނާގެ ނަފްސުވެސް ހީވަނީ ކުދިކުދި ވާހެންނެވެ. ދެރައާ ރުޅި އެއްވެގެން އޭރުވެސް މުޅި މީހާ ތުރުތުރު އަޅައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވި މައާލްއަށް ނޭވާލާންވެސް ދަތިވިއެވެ. ކަރުނައިން ފުރިގެންވީ ދެލޮލުން ރުޅިވެރިކަމާއެކު، މައާލް ސަޖާއަށް ބަލާލިއެވެ. ސަޖާގެ ތުންފަތްމަތީގައިވީ މަލާމާތުގެ ހިނިތުންވުން އޭނާގެ ހިތަށް ތަދުކުރުވިއެވެ.

"އަދިވެސް، ވަރިވާކަށް ނުވޭތަ؟ އަންހެނެއްތަ ތީ؟ އަމިއްލަ ފިރިމީހާގެ ފަތިފުށް ތިމާގެ ކުރިމަތީގައި ހާމަވުމުންވެސް، އަދިވެސް ގޮސް ދޫކުރާކަށް ބޭނުމެއް ނުވޭތަ؟" ސަޖާގެ ކޮންމެ ބަހުގެ ހަމަލާއެއް އަމާޒުވަމުން ދިޔައީ މައާލްގެ ހިތަށެވެ. ސަޖާއާ ނަޒަރު ވަކިކޮށްލަމުން މައާލް ރާދިންއަށް ބަލާލިއިރު، ރާދިންގެ ދެލޮލުން އޭނާއަށް ކަރުނަ ފެނުނެވެ. އަތުގެ ނުފުށުން އެ ކަރުނަތައް ފުހެލުމާއެކު، ރާދިން މައާލްގެ ކައިރީގައި ކޮންމެވެސް ވާހަކައެއް ބުނަން މަސައްކަތް ކުރިއެވެ.

"އަމިއްލަ ނަފްސުގެ ޤަދަރަށްޓަކާވެސް، އަމިއްލަ ނަފްސަށް ކުޑަ ކުޑަ ރެސްޕެކްޓެއް ހުރި ނަމަވެސް ކަލޭ ރާދިންއާ އެކު ދިރިއެއް ނޫޅޭނެ." ސަޖާ އޭނާގެ ބޭނުން ފުރިހަމަކުރުމަށް ވިސްނުންތެރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ. މިވަގުތު ބާޒީ އޮތީ އޭނާގެ އަތުގައެވެ. ބޭނުން ގޮތަކަށް އޭނާއަށް މައާލްގެ ސިކުނޑިއާ ކުޅެވޭނެއެވެ. ރާދިންގެ އިތުރުން މައާލްވެސް އެވަނީ ބަލިކަށިވެފައެވެ. އޭނާގެ ހިތުގެ މުރާދު ހާސިލްކުރުމަށްޓަކައި މިފަދަ ވަގުތަކީ މުހިންމު ވަގުތެވެ. އިންސާނާގެ ވިސްނުމާ ކުޅެލަން އެންމެ ފަސޭހަ ވާނީ ބަލިކަށިވެފައިވާ ވަގުތެވެ.

"މަ..އާ..ލް…" ރާދިން އުނދަގުލުން ގޮވާލިއެވެ. އޭނާ މައާލްގެ އަތުގައި އަތް ލުމުން މިފަހަރުވެސް މައާލް ތެޅިގަތެވެ. އޭނާގެ އަމަލުތައް ރާދިންއާ ދިމާލަށް އަަހަރެންގެ ގައިގައި ތިޔަ މުޑުދާރު އަތުން އަތް ނުލާށޭ ބުނާ ކަހަލައެވެ.

"އަހަރެން ވަރިކުރޭ ރާދިން. ހެޔޮ ނުވާނެ އަހަރެން ވަރިކުރޭ." ރޮމުން ރޮމުން މައާލްގެ ދުލުން ނުކުތް އެބަސްތަކާއެކު، ސަޖާއަށް އޭނާގެ ހިނިތުންވުން ފުޅާކޮށްލެވުނެވެ.

"އަހަރެން ވަރިކުރާށޭ ބުނާ އަޑެއް ނީވޭތަ ރާދިން؟ ވަރިކުރާށޭ! މި ފަދަ މަންޒަރުތައް ނުފެނުނީސް ލޯފަން މީހެއްގެ ގޮތުގައި އަހަރެން ވީނަމަ…"

ކުއްލިއަކަށް މައާލް ތެދުވިއެވެ. ސަޖާއަށް އަވަސް ނަޒަރެއް ދީފައި އިތުރަށް އެތަނުގައި ހުންނާނެ ހިތްވަރު ނެތި މައާލް ރޮމުން ރޮމުން ކުރިއަށް ހިނގައިގަތް ނަމަވެސް، އޭނާއަށް ކުރިއަށް އެޅުނީ ދެ ފިޔަވަޅެވެ. ބޮލަށް އެނބުރުން އަރައިގަތުމާއެކު، އޭނާ ވެއްޓެން ދިޔައެވެ.

"މައާލް." ހަޅޭއްލަވައިގަންނަމުން އެ ދިމާލަށް ދިޔަ ރާދިންއަށް މައާލް ހިފެއްޓުނީ ކިރިޔާއެވެ. އޭނާ މައާލްގެ ކޯތާފަތުގައި ޖަހާލިއެވެ. އޭރުވެސް މައާލްގެ ގިސްލުމުގެ އަޑު އިވެއެވެ.

"ހަމަ މިހާރު ދޭ… ކަލޭ އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލައިފި." ރާދިން ސަޖާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. އެއަށްފަހު، އޭނާ މައާލް އަތް ދަނޑި މައްޗަށް އުފުލާލައިގެން ގޮސް ކޮޓަރީގެ އެނދުގައި ބޭއްވިއެވެ. ފެން ހާކާލުމާއެކު، މައާލް ކުޑަކޮށް އެސްފިޔަތައް ތަޅުވާލިނަމަވެސް، އޭރުވެސް އޭނާގެ އަތާ މުޅިގައިގައި ތުރުތުރު އެޅުމެއްވިއެވެ. ރާދިން، އެންބިއުލާންސްއަށް ގުޅިއެވެ.

"ވަރަށް އަވަހަށް އެންބިއުލާންސް ފޮނުވާލަދީބަލަ ޕެލެސް ވެ…." އޭނާއަށް ބުނެވުނީ އެހާ ވަރަށެވެ.

"ހޮސްޕިޓަލަކަށް ނުދާނަން." މައާލް ބަލިކަށިއަޑަކުން ބުނެލި ޖުމްލަ ރާދިންއަށް އިވުނީ ވެސް ކިރިޔަ ކިރިޔާއެވެ.

"އެކަމަކު…" ރާދިން މައާލްގެ ކޯތާފަތުގައި އަތް ޖައްސާލުމާއެކު މައާލް ރުޅިވެރިކަމާއެކު، އެ އަތް ދުރުކޮށްލިއެވެ. އެއަށްފަހު ލޯ ހުޅުވާލިއެވެ. އޭރުވެސް މުޅިތަން ހީވަނީ އެނބުރެމުން ދިޔަހެންނެވެ.

"މިހެން އޮވެ އަހަރެން މަރުވީމަ މާ ރަނގަޅެއްނު." މައާލްއަށް ބުނެވުނީ ގަސްތަކުނޫނެވެ.

"ތިހެން ބުނާކަށް ނުވާނެ!" ރާދިން ބުނެލިއެވެ. ކުޑަކޮށް ރަނގަޅުވާހެން ހީވުމުން މައާލް ތެދުވެލިއެވެ. ރާދިން އޭނާއަށް އެހީތެރިވި ނަމަވެސް، އެއަތް މައާލް ފޮޅުވާލިއެވެ.

"ދުރަށް ދޭ…" މައާލް ރުޅިވެރިކަމާއެކު، ބުނެލިއެވެ.

"ފެން ފޮދެއް ބޯލަބަލަ." ރާދިން ފެންތަށި ދިނުމުންވެސް މައާލް މޫނު އަނބުރާލީއެވެ.

"ދޭ… މިތަނުން ދޭ…" ހެޑްބޯޑުގައި ލެނގިލައިގެން އިން މައާލް، ވަރުބަލިވެފައިވާ ފަދަ ގޮތަކަށް އެހެން ބުނެލުމާއެކު ލޯ މަރާލިއެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް އޭނާގެ ނެތެވެ.

އިރުކޮޅެއްފަހުން ދުރުގައި ހުރެފައި އައި ރާދިންއަށް މައާލްއަށް ނިދުނީކަން ޔަޤީންވުމާއެކު، މައާލް އެނދުގައި ރީތިކޮށް ބާއްވާލާ ރަޖާ އަޅާލިއެވެ. އެއަށްފަހު ގޮސް ސޯފާގައި އިށީނެވެ. ކިތަންމެ ހިތްދަތިވެފައި ހުރިނަމަވެސް، ރާދިން ނަމާދަށް ފަރުވާ ކުޑައެއް ނުކުރިއެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވުމުން އޭނާ ނަމާދުކޮށްގެން އެތައް އިރަކު ދުޢާކުރުމުގައި އިނެވެ. އޭނާ ކޮޓަރިން ނުކުމެލީ އިޝާ ނަމާދުވެސް ކޮށްގެން، މައާލްއަށް އެއްޗެއް ތައްޔާރުކޮށްލަން ބުނުމަށެވެ.

އެރޭ މައާލް ހޭލުމަށްފަހުވެސް، އިތުރު އެއްޗެއް ނުކައެވެ. އޭނާ ރާދިންއާ އެއްވެސް ވާހަކައެއް ދެއްކުމަށް ވެސް އުޒުރުވެރިވިއެވެ. ޖެހިގެން އައި ދުވަހަކީ ބަންދު ދުވަހެއްކަމުން ރާދިން އޮފީހަކަށް ނުދެއެވެ. އެ ދުވަހު މުނީރު އެމީހުން ގެއަށް ދާން ރާދިންއަށާއި މައާލްއަށް ދައުވަތު ދިންނަމަވެސް، މައާލް އޭނާ ވަރަށް ބޮޑަށް ބަލިވެ އުޅޭ ވާހަކަ ބުނުމުން މުނީރާ ޒުހުރީވެސް އެގެއަށް އައެވެ. ޒުހުރީ ހުންނަ ތަންތާނގައި ކަމެއް ނުވާކަމަށް ދެއްކުމަށް މައާލް މަސައްކަތް ކުރި ނަމަވެސް، ރާދިންއާ މައާލްއާ ދެމެދު ކަމެއް ހިނގައިފިކަން ދެނެގަންނަން މުނީރަށް އުނދަގުލެއް ނުވިއެވެ. އެހެން ނަމަވެސް، ޒުހުރީ ހުރުމުން، އެއިން ކަމަކާ ސުވާލުކުރާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. މައާލްގެ ދެލޮލަށް ބަލާލުމުން އެކަނިވެސް އޭނާ ރޮއިފައިހުރިކަން މުނީރަށް އެނގުނެވެ. ޒުހުރީވެސް މައާލްގެ ލޯ އެހާ ރަތްވެފައި ހުރީ ކީއްވެތޯ ސުވާލުކުރުމުން، މައާލް އޭނާ ބަލިވެ އުޅޭތީ ކަމަށް ބުނެ ދޮގެއް ހަދާލީއެވެ. ރާދިންއާ އޭނާއާ ދެމެދު ވީ ދުރުކަމާއި، އެ ޙާލަތު މައާލްއަށް ޒުހުރީއަށް ކިޔައިދޭކަށް ހިތްވަރެއް ނުލިބުނެވެ.

އިޝާނަމާދަށް ގޮވުމުން ޒުހުރީއާއި މުނީރާ ދެމީހުން ދިޔުމުން، މައާލް ރާދިންއާ ކުރިމަތިލިއެވެ. ލޮލުގައި ކަރުނައިގެ އަސަރު އޭރުވެސް ވިއެވެ.

"ރާދިން އަހަރެން ވަރިނުކުރަންޏާ އަހަރެން ކޯޓަށް ދާނަން." މައާލްގެ އިންޒާރާއެކު ރާދިންއަށް އިސްޖަހާލެވުނެވެ. ރާދިން އެއްޗެއް ނުބުނުމުން މައާލް ގޮސް އެނދުގައި އޮށޯވެލިއެވެ. ރާދިން ދެފަަހަރަކު މައާލްއަށް ގޮވާލުމުންވެސް މައާލް އަނގައިންނެއް ނުބުންޏެވެ.

ރާދިން ގޮސް ކޮޓަރިން ނުކުމެ ދޮރު ލައްޕާލި އަޑަށް، މައާލް ތެދުވެލާ ބަލާލިއެވެ. ލޮލުން އައި ކަރުނަތައް ފުހެމުން އޭނާ ތެދުވެ އިށީނެވެ. އޭނާ މި ވޭނަށް ކެތް ކުރާނީ ކިހިނެއްހެއްޔެވެ؟. މުޅި ދުނިޔެ ހީވަނީ އޭނާއަށް ބޭވަފާތެރިވީހެންނެވެ. މި ހިތާމަޔާއި ހިތްދަތިކަމާއި ކުރިމަތިލުމަށް އޭނާގެ ގައިގައި އެއްވެސް ހިތްވަރެއް ނެތެވެ. ދުނިޔޭގައި ވިއްޔާ ވީހާ ހިތާމައެއް ހީވަނީ އޭނާގެ ފަސްބަޔަށް ޖަމާވެފައި ވާހެންނެވެ. އޭނާ ކުރާނީ ކީއްހެއްޔެވެ؟ މީ އޭނާއަށް ހުރި ގޮތް ހެއްޔެވެ؟

އެރޭ ރާދިން ނިދީވެސް އެހެން ކޮޓަރިއެއްގައެވެ. މައާލްއާ އެއްކޮޓަރީގައި ނިދަން ވެސް މައާލް ހިތްހަމަ ނުޖެހޭނެހެން ހީވެ އެ ހައްޤު އޮތްނަމަވެސް، ރާދިން ޚިޔާރުކުރީ އެހެން ގޮތެކެވެ. އޭނާވަނީ މައާލް އެދޭ ގޮތަށް ކަންތައް ކޮށްދޭނެކަމަށް ވައުދުވެފައި ނަމަވެސް، އެއީ ކުރަން ހާދަ އުނދަގޫ ކަމެކެވެ. ހިތުގެ ނުތަނަވަސްކަމާއި ހިތްދަތިކަމުގެ ތެރޭގައި ރާދިން ވެސް ހީވަނީ ގޮސް ހުސްވެފައިވާ މީހެއް ހެންނެވެ. ދާނެ މަންޒިލެއް ނެތް މުސާފިރެކޭ ރާދިންއެކޭ އެއްވެސް ތަފާތެއް ނެތެވެ.

ދެ ދުވަސް ފަހެވެ. ރާދިންއާ މައާލްއާ ދެމެދު ވީ ދުރުކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ދުވަހު ފަހުން ސަޖާގެ މެސެޖްތައް ރާދިންއަށް ފުލުފުލުން ލިބެމުން ދިޔައެވެ. އެކި ނަންބަރު ތަކުންނެވެ. އެކަމާ ވެސް ރާދިން ހުންނަނީ ހާސްވެ ހަދާނެ ގޮތް ހުސްވެފައެވެ. އެރޭވެސް، ކައިގެން މައާލް ނިދަން ވަނީވެސް އިތުރު އެއްޗެއް ބުނުމެއްނެތިއެވެ.

"ވަރިކުރީތަ؟" ވައިބާރއިން ސަޖާ ކޮށްފައިވާ މެސެޖް ފެނި، ރާދިންގެ ގާތަށް އައި ރުޅީގައި އޭނާ ސަޖާ ވައިބާއިންވެސް ބްލޮކް ކޮށްލިއެވެ. މީގެ ކުރިން އޭނާ ސަޖާ ވައިބާރއިން ބްލޮކް ނުކުރީ އެ ފޮޓޯތައް ދައްކާފައި ސަޖާ އޭނާއަށް ބިރު ދައްކާފައިވާތީއެވެ. އެހެންނަމަވެސް، މިރޭ އޭނާއަށް އެއިން އެއްވެސް ކަމަކާ ޖެހިލުމެއް ނުވެއެވެ. ހާސްކަމެއް ނުވެއެވެ. އެންމެ ފެންނަން ބޭނުން ނުވި މީހާއަށް އެ ފޮޓޯތައް ފެނިއްޖެއެވެ.

ރާދިން ގޮސް އިށީނީ ބޮޑުކޮޓަރީ ސޯފާތަކުން ސޯފާއެއްގައެވެ. ފޯނުގަނޑު ވެސް އެއްލާ ނުލެވުނީ ކިރިޔާއެވެ. އޭނާ އެތަނުގައި އިންނަތާ ފަނަރަ މިނެޓްވީފަހުން އެ ދިމާލަށް އައި ސާދާ ލޮލުގައި އަޅައިގަތެވެ. ސާދާގެ ފަހަތުން ފެނުނު މީހެއްގެ ސަބަބުން ރާދިންއަށް ލިބުނު ސިހުމާއެކު ކޮޅަށް ތެދުވެވުނެވެ.

(ނުނިމޭ)