އިއްޔެގެ ނިޔަލަށް، މި އަހަރުތެރޭ ރާއްޖެ އައިސްފައިވާ ފަތުރުވެރިން އެވަރެޖުކޮށް އަށެއްކަ ދުވަސް ހޭދަ ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރު ފެށުނު ފަހުން އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 6،855 ފަތުރުވެރިން ރާއްޖެ އާދެއެވެ.

އިއްޔެގެ ނިޔަލަށް މި އަހަރު ތެރޭގައި 349،612 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެ އައި 192،385 ފަތުރުވެރިންނާއި ފެބްރުއަރީ މަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ 157،227 ފަތުރުވެރިންނެވެ.

މިދިޔަ ދެ އަހަރާ އަޅާ ބަލާ އިރު، މި އަހަރުގެ ޖެނުއަރީ މަހުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ގިނަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި އެވަރެޖު ދުވަހުގެ އަދަދު ގިނައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދެ މަހު ފަތުރުވެރިންގެ ހޭދަކުރާ ދުވަސްތަކުގެ އަދަދު އުޅެނީ 7.9 އާއި 7.7ގައި ކަމަށްވާއިރު މިދިޔަ އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީގައި އެ އަދަދު 8.1 އާއި 8.0އަށް އެރިއެވެ.

މި ހިނގާ ފެބްރުއަރީގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މަހުގެ 10ވަނަ ދުވަހުގައެވެ. ހަމައެކަނި އެ ދުވަހު ވެސް 10،213 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގޮތުން ޗައިނާއިން 49،768 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މި އަހަރުގެ ތެރޭގައި ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 14.2 އިންސައްތައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީއިންނެވެ. އެ ގައުމުން މިހާތަނަށް 33،552 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މި އަހަރުގެ ތެރޭގައި ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 9.6 އިންސައްތައެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން މިހާތަނަށް 33،213 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 9.5 އިންސައްތައެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިންޑިއާއަކީ މިހާރު ފަސް ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައިސްފައިވަނީ 23،576 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު މުޅި ޖުމްލަ 1.8 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި 2022ވަނަ އަހަރު މުޅި ޖުމްލަ 1.6 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖޭގައި 180 ރިޒޯޓެއް ހުރި އިރު، އެ ހުރިހާ ރިޒޯޓަކުން 44،180 ޓޫރިސްޓް ބެޑް ހިއްސާ ކުރެއެވެ. އެ ރިޒޯޓްތަކުގެ ތެރެއިން 175 ރިޒޯޓެއްގައި ޚިދުމަތް ދެމުން އަންނަ އިރު، އެ ރިޒޯޓްތަކުން ހިއްސާ ކުރަނީ 43،178 ޓޫރިސްޓް ބެޑެވެ.

ރާއްޖޭގައި 829 ގެސްޓްހައުސް ހުރި އިރު، އެ ހުރިހާ ތަނަކުން ވެސް ޚިދުމަތްދެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. ގެސްޓްހައުސްތަކުން ދިވެހި ފަތުރުވެރިކަމުގައި 13،905 ޓޫރިސްޓް ބެޑް ހިއްސާ ކުރެއެވެ.

މީގެ އިތުރުން ރާއްޖޭގައި 140 ސަފާރީ ބޯޓު ވެސް ދުއްވައެވެ. ސަފާރީ ބޯޓުތަކުން ހިއްސާ ކުރަނީ 2700 ޓޫރިސްޓް ބެޑެވެ.

ރާއްޖޭގައި މުޅި ޖުމްލަ 62،801 ޓޫރިސްޓް ބެޑް ހުރި އިރު، އޭގެ ތެރެއިން އޮޕަރޭޝަނަލް ކެޕޭސިޓީގައި ހުރީ 61،799 ބެޑެވެ.