22 Feb 2024, 07:32
ސައުތު ސިނަމާގެ މަޝްހޫރު ބަތަލާ ސަމަންތާގެ ސިއްހީ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި އަމިއްލަ ދިރިއުޅުމާބެހޭ ގޮތުން ގިނަ ބަޔަކަށް ނޭނގޭ ގިނަ ވާހަކަތަކެއް ހިއްސާކޮށްފިއެވެ.
އޭގެ ތެރޭގައި ބަތަލާގެ އަލަތު ކައިވެނި ރޫޅުމުން ދިރިއުޅުމަށް އައި ބަދަލުތަކާ އެކު ދާދި ފަހުން ބޭސްކުރަން ފެށި އޮޓޮއިމިއުން ކޮންޑިޝަން މަޔޯސައިޓިސްގެ ސަބަބުން ތަހައްމަލުކުރި ހިތްދަތި ދުވަސްތަކުގެ ވާހަކަ ހިމެނެއެވެ.
މަޝްހޫރު އެކްޓަރު ނާގާ ޗައިތަންޔާއާ އެކު ސަމަންތާގެ ހަތަރު އަހަރުވީ ކައިވެނި ރޫޅުމާއެކު އޭނާގެ ދިރިއުޅުން މާޔޫސްކަމެއްގެ ތެރެއަށް ވެއްޓުނު ކަމަށާއި އެކަމުން އަރައިގަންނަން ވަރަށް ގިނަ ދުވަސްތަކެއް ނެގިކަމަށް ބަތަލާ ވަނީ ބުނެފައެވެ. އަލަތު ކައިވެންޏަށް ނިމުން ގެނެސް ހިތަށް ހަމަޖެހުމެއް ލިބި ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެކަމުގެ އުއްމީދު އާވުމާއެކު ބަތަލާ ނިންމީ ހުރިހާ ސަމާލުކަމެއް ވެސް ފިލްމީ ކެރިއަރަށް ދިނުމަށެވެ.
އެހެންނަމަވެސް ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މަޔޯސައިޓިސްގެ ބަލި ޖެހުނުކަން އެނގުމުން ލިބުނީ އިތުރު މާޔޫސްކަމެއް ކަމަށް ސަމަންތާ ވަނީ ބުނެފައެވެ.
ފިލްމީ މަސައްކަތްތަކުން މި ވަގުތު ބްރޭކެއް ނަގައިގެން ހުއްޓަސް އަލަށްފެށި ހެލްތު ޕޮޑްކާސްޓުގެ ބޭނުމަކީ ވެސް ވީހާވެސް ގިނަ ބަޔަކު މި ބައްޔަށް ހޭލުންތެރި ކުރުވުން ކަމަށް ސަމަންތާ ވަނީ ބުނެފައެވެ. ބަތަލާއަށް މަޔޯސައިޓިސް ޖެހިފައިވާކަން އެނގުނީ ކުރީގެ ފިރިމީހާ ނާގާ ޗައިންތަންޔާ އެކު ކުރި ކައިވެންޏަށް ނިމުން ގެނެސް ދިރިއުޅުން އާ ފެށުމަކުން ފަށަން ތައްޔާރުވުމަށް އަމިއްލަ ނަފުސު ތައްޔާރުވެ، މާޔޫސްކަމުން މީހާ މިނިވަންވި ދަނޑިވަޅެއްގައި ކަން ސަމަންތާ ވަނީ ފާހަގަކޮށްފައެވެ.

ސަމަންތާ ކުރީގެ ފިރިމީހާ ނާގާ ޗައިތަންޔާއާ އެކު-- ފޮޓޯ/ ފޭސްބުކް
އެންމެ ފަހުން ފިލްމު "ޚުޝީ"އިން ފެނުނު ބަތަލާ ބުނެފައިވަނީ އޮޓޯއިމިއުން ކޮންޑިޝަނަކީ މުޅި އުމުރަށް ވެސް ދިމާވެދާނެ ބައްޔެއް ކަމަށާއި އެ ބަލި ހުރިކަން އެނގޭ ވަގުތުން ފެށިގެން ހަށިގަނޑާމެދު ފަރުވާތެރިވުމަށް އިސްކަންދިނުމަށެވެ.
އަމިއްލަ ނަފުސު ކުށްވެރިނުކޮށް ތަހައްމަލުކުރާ ބައްޔަށް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ނިންމާ ނިންމުމުގެ ސަބަބުން ފަހުން ހިތާމަކުރަން ނުޖެހޭނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ސަމަންތާގެ ދިރިއުޅުމުގައި ތަހައްމަލުކުރި މާޔޫސްކަމާ އެކު ވެސް ބަތަލާ ވަނީ އެމޭޒަން ޕްރައިމްއިން ތައްޔާރުކުރަމުން އަންނަ ސީރީސް "ސިޓަޑެލް އިންޑިއާ"ގެ ވަރަށް ބޮޑު ބައެއް ނިންމާފައެވެ.
ވަގުތީ ގޮތުން ފިލްމީ މަސައްކަތްތަކުން ސަމަންތާ ދުރަށްޖެހިފައިވާކަން އިއުލާނުކުރީ 2022 ވަނަ އަހަރުގެ ތެރޭއެވެ. ސަމަންތާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރި ފިލްމު "ޚުޝީ"އިންނެވެ.