އިންޑިއާގެ ބަތަލާ ރަކުލްއާއި ލޯބިވެރިޔާ ޖެކީ ބަގްނާނީގެ ކައިވެނި އިއްޔެ ކުރެވިފައިވާއިރު ކައިވެނީގެ ފޮޓޯތައް ރަސްމީކޮށް އާއްމުންނަށް ދައްކާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށް ދިޔަ މި ކައިވެނީގެ ހަފުލާ ބޭއްވުނީ އިންޑިއާގެ ގޯއާގައެވެ. މި ހަފުތާއިން ފެށިގެން ކައިވެނީގެ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ފިލްމީ ދާއިރާގެ ވަރަށް ގިނަ ތަރިން ވަނީ މި ކައިވެނީގެ ހަފުލާގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި އެކްޓަރު ޝާހިދު ކަޕޫރުގެ ދެމަފިރިން، އަޔުޝްމާން ކުރާނާގެ ދެމަފިރިން، އަނަނިޔާ ޕާންޑޭ އާއި ލޯބިވެރިޔާ އަދިތިޔަ ރޯއި ކަޕޫރު، އީޝާ ޑިއޯލް ޝިލްޕާ ޝެޓީގެ ދެމަފިރިން އަދި ބޫމީ ޕެޑްނޭކަރު ހިމެނެއެވެ.

ރަކުލްއާއި ޖެކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާނުކޮށްފައިވަނީ 2021ވަނަ އަހަރުއެވެ. ޒަވާޖީ ހަޔާތެއް ފަށާފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރު ފަހުންނެވެ.

ފުރަތަމަ މި ކައިވެނީގެ ހަފްލާތައް ބޭއްވުމަށް ނިންމީ ޔޫރަޕްގެ ޤައުމެއްގައެވެ. އެހެން ނަމަވެސް އިންޑިއާގެ ތަނަވަސް އާއިލާތަކުން ބޭރު ޤައުމުތަކުގައި ދިރިއުޅުމުގެ މުހިއްމު ހަފްލާތައް ބޭއްވުމުގެ ބަދަލުގައި އަމިއްލަ ޤައުމުގައި އެފަދަ ހަފުލާތައް ބޭއްވުމަށް އިސްކަން ދިނުމަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިލްތާމްސްކުރުމާ ގުޅިގެން މި ކައިވެނީގެ ހަފުލާތައް ވެސް އިންޑިއާގައި ބޭއްވުމަށް ނިންމީކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ރަކުލް ފިލްމު "ކަޓްޕުތުލީ"ގެ މަންޒަރެއްގައި-- ފޮޓޯ/ އިންޓަނެޓް

ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ތެލުގޫ ފިލްމުތަކުން ފެނިފައިވާ ބަތަލާ ކައިވެންޏަށް ފަހު ވަރަށް އަވަހަށް ފިލްމީ މަސައްކަތްތަކަށް އެނބުރި ނުކުންނާނެ ކަމަށާއި ދެމަފިރިންގެ ހަނީމޫން ދަތުރުތައް ފަސްކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މީގެ ކުރިން ބައެއް ފިލްމުތަކުން ފެނިފައިވާ ޖެކީ ބަގްނާނީ ޕްރޮޑިއުސްކުރާ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ މަސައްކަތަށް އެނބުރި ނުކުންނާނެ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.