22 Feb 2024, 16:50
ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ މުގައްރަރުތައް އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިއްޔެ ބުނެފައިވަނީ ދިވެހި ގައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫއަށް ބޭނުންވާ މުގައްރަރުތައް އެކުލަވާލައި، ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ރިސާޗް ޕްރޮގްރާމްތަކުގެ ދަށުން ދިވެހިބަހަށް ގެންނާނެ އެކި ދާއިރާތަކުގެ އިލްމުތައް ދެނެގަނެ އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރިސާޗް ޕްރޮގްރާމްތަކުގެ މުގައްރަރުތައް އެކަށައެޅުމުގެ މަސައްކަތް ނިންމައި، ކިޔަވައިދޭން ފަށާއިރު، ފުރަތަމަ ކިޔަވައިދޭނީ ދިވެހި ތާރިޚާއި ރިސާޗް މެތަޑްސް އާއި ފީލްޑް ރިސާޗް އޮރިއެންޓޭޝަނެވެ. ދިވެހި ތާރީޚު ކިޔަވައިދިނުމުގެ އޮނިގަނޑު އެކުލަވައިލަނީ ދިވެހި ތާރީޚު ކިޔަވައިދެއްވާ އިލްމުވެރީން މެދުވެރިކޮށެވެ.
ރިސާޗް ޕްރޮގްރާމްތަކަށް ބޭނުންވާ މުގައްރަރުތައް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތްތައް ފެށިގެން ކުރިޔަށްދާއިރު، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަށް ބޭނުންވާ 10 ވިލަރެސްވެރީން ހޯދުމަށް އިއުލާން ކުރެވި، އެކުދީން ވަޒަން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށް ވެސް ދިވެހިބަހާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނެފައިވަނީ ދިރާސާ މަރުކަޒު ހިންގުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ ކުރީގެ ސީއެޗްއެސްސީ އިމާރާތް ކަމަށެވެ. އެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ފަށައި، ވަރަށް އަވަހަށް އިތުރު 50 ވިލަރެސްވެރީން ހޯދުމަށް އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ގައުމީ ޗާޕުޚާނާ އުފެއްދުމުގެ އިބްތިދާއީ މަޝްވަރާތައް ވެސް މިހާރު ކުރިޔަށްދާ ކަމަށް ވަނީ ބުނެފައެވެ.
ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒަކީ ދިވެހި ގައުމިއްޔަތު ނުވަތަ ދިވެހިވަންތަކަން އިއާދަ ކުރުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ފަސް އަހަރުގެ ގައުމީ މަޝްރޫއުގެ ދަށުން ގާއިމު ކުރެއްވި މަރުކަޒެކެވެ.