23 Feb 2024, 13:57
ވިލިމާލެ ކައިރީގައި ރޭ ދެ ލޯންޗު އެކްސިޑެންޓުވި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހުންގެ ހާލު ސީރިއަސް ކަމަށާއި އެ ދެ މީހުންނަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ރޭގެ އެކްސިޑެންޓާ ގުޅިގެން "ސަން"އަށް މައުލޫމަތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހަ މީހަކު ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އޭގެ ތެރެއިން، މި ވަގުތު އެޑްމިޓް ކޮށްގެން ފަރުވާ ދެނީ ތިން ބޭރު މީހުންނަށް ކަމަށް މީޑިއަ އޮފިޝަލް ވިދާޅުވިއެވެ.
"ދެ މީހުން އައިސީޔޫގައި، އެކަކު ވޯޑުގަ މި ވަގުތު ފަރުވާ ހޯދަނީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދަޅުވީ، މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ނޭނގޭ ކަމަށެވެ.
ފުލުހުން ރޭ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން އެ ހާދިސާގައި އަނިޔާވި 13 މީހަކު ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި، ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ 10 މީހުންނާއި އަނަންތާރާ3 ލޯންޗުގެ ތިން މީހަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ އެކު ވިލިމާލެ ދެ ކަނޑުއޮޅިން ދަތުރު ކުރުން މަނާކަން މިނިސްޓްރީން ވަނީ ހަނދާކޮށްދީފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ ވިލިމާލެ-މާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓު މިނިސްޓްރީއިން އޮތީ ކުރިން މަނާކޮށްފައި ކަމަށެވެ.
އެ ދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރު ވެސް މިނިސްޓްރީން ދީފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.