24 Feb 2024, 09:58
މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލި ފިލްމު "ޕަތާން"ގެ ސީކުއަލްއެއް އުފައްދަން ނިންމައިފިއެވެ.
ފިލްމު "ޕަތާން"ގެ ސީކުއަލް އަކަށް ޔަޝްރާޖް ކުންފުނިން ތައްޔާރުވަމުން އަންނަކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ޕީވީއާރް ސިނަމާއިން ކުރި ޕޯސްޓުގައި ބެލުންތެރިން މި ސީކުއަލްއަށް ތައްޔާރުވެފައި ވަނީ ކިހާ މިންވަރަކަށްތޯ އަހާފައި ވެއެވެ.
ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކޮށް ވައިއާރްއެފްގެ ދަށުން ހިންގާ ވައިއާރްއެފް ސްޕައި ޔުނިވާސްގެ ފިލްމު "ޕަތާން"އަކީ ފިލްމީ ތަރި ޝާހްރުކް ޚާންގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް އެކްޓަރަށް ހޯދައިދިން ފިލްމެވެ. އަބަދުވެސް އެކްޝަން ރޯލެއް ކުޅުމަކީ ކެރިއަރުގައި ދުށް އެންމެ ބޮޑު ހުވަފެންކަމަށް ވެފައި އާއްމުންގެ ފަރާތުން އެހާބޮޑު ތަރުހީބެއް ފިލްމަށް ލިބޭނެކަމަށް ޝާހްރުކް ކުރިން އުއްމީދެއް ނުކުރެއެވެ.
މި ފިލްމަށް އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުން ވެސް ލިބުނު ތަރުހީބުގެ މައްޗަށް ބުރަވެ ޔަޝް ރާޖް ކުންފުނީގެ އިސް ވެރިޔާ އަދިތިޔަ ޗޯޕްޅާ ވަނީ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް ޝާހްރުކް ޚާންއާ އެކު މަޝްވަރާ ކޮށްފައި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ޕަތާން"ގެ ސީކުއަލް އިއުލާނުކުރި ޕޯސްޓަރުގައި އެކްޓަރު ޝާހްރުކް ޚާން-- ފޮޓޯ/ ދަޓެލެގްރާފްއިންޑިއާ
އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ފިލްމު "ޕަތާން" ދައްކައިގެން ލިބުނު 135 މިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް އަރައެވެ. ޝާހްރުކް ޚާން ލީޑް ރޯލް ކުޅުނު ފިލްމުގައި ބަތަލާގެ ރޯލް ކުޅެފައި ވަނީ ދީޕިކާ ޕަދުކޯންއެވެ. ޖޯން އަބްރަހަމް ވިލެންގެ ރޯލްއިން ފެނުނު މި އެކްޝަން ތުރިލާގެ ވަރަށް މުހިއްމު ރޯލްއިން ކުރީގެ މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާވެސް ވަނީ ފެނިފައެވެ.
މި ފިލްމުގެ ސީކުއަލްގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުތެރޭ ފަށަން ނިންމާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފައެވެ.