26 Feb 2024, 10:03
ހަނގުރާމަ ހުއްޓައިލުމާއި ރަހީނުން މިނިވަން ކުރުމާގުޅޭ ގޮތުން ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު އަނެއްކާ ވެސް މަޝްވަރާތައް ފަށައިފިއެވެ.
މިސްރުގެ ނޫހަކާ ހަވާލާދީ މިޑްލް އީސްޓް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ބައްދަލުވުމަކަށް ފަހު، ހަނގުރާމަ ހުއްޓައިލުމާ ބެހޭ މަޝްވަރާތައް ދެ ގައުމުން ވަނީ އަލުން ފަށައިފައެވެ.
މަޝްވަރާތަކަށް އިސްރާއީލުގެ ވަފުދެއް ގަތަރަށް ފޮނުވުމަށް އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން ނިންމައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އިސްރާއީލުން ހަމާސްއާ އެކު މަޝްވަރާތައް ކުރުމަށް ނިންމާފައިވަނީ މަޝްވަރާތަކަށް ފަރަންސޭސިވިލާތަށް ވެސް ޓީމެއް ފޮނުވުމަށް ފަހުއެވެ. އެ މަޝްވަރާތަކުން އެއްވެސް ނިންމުމެއް ނިންމާފައެއްނުވެއެވެ.
އިސްރާއީލުން ގަބޫލުކުރާ ގޮތުގައި އިސްރާއީލުގެ 134 މީހަކު އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އަނެއްކޮޅުން ފަލަސްތީނުގެ 8800 މީހުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި އެބަތިއްބެވެ.
މަޝްވަރާތަކަށް ދިއުމަށް އިސްރާއީލުން ނިންމީ މިއީ އަންނަ މަހު ފެށޭ މާތްވެގެންވާ ރަމަޟާން މަހުގެ ކުރިން ހަނގުރާމަ ހުއްޓައިލުމާ ދެކޮޅަށް އެމެރިކާއިން މަސައްކަތްކުރާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
މަޝްވަރާތައް ކުރިއަށްދާއިރު، އިސްރާއީލުން އަންނަނީ ޣައްޒާގެ އެތައް ހާސް މީހުންނެއް މިހާރު ދިރިއުޅެމުން އަންނަ ޣައްޒާގެ ރަފަހް ސިޓީއަށް އެއްގަމު މަގުން އަރައިގަތުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ރަފަހްއަށް ހަމަލާދިނުމުގެ ކުރިން އެ ސަރަހައްދުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތް ރޭވުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.
މަޝްވަރާތަކުގައި ބައިވެރިވި ނަމަވެސް ހަނގުރާމަ މެދުކަނޑައިލާނެ ހަމައެކަނި ގޮތަކީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން ދޫކޮށްލުން ކަމުގައި އިސްރާއީލުން ބުނެއެވެ. އަނެއްކޮޅުން ހަމާސްއިން ބުނަނީ އެއްބަސްވުންތަކަށް ދާނީ ހަމައެކަނި ގޮތަކީ ދާއިމީކޮށް ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވުމުން ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލު ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ގާތްގަޑަކަށް 30،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.