26 Feb 2024, 14:56
ރާމަﷲ (26 ފެބްރުއަރީ 2024) : ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު އިޝްތިޔާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިއަދު ރާމަﷲގައި ބޭއްވި ފަލަސްތީނުގެ ކެބިނެޓްގެ ބައްދަލުވުމެއްގައި އިޝްތިޔާ ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީ މިމަހުގެ 20 ވަނަ ދުވަހު ރައީސް މަހްމޫދު އައްބާސްއަށް އަރުވާފައިވާނެ ކަމަށާއި އޭނާގެ އިސްތިއުފާއާމެދު ގޮތެއް ނިންމަވާނީ ރައީސް މަހްމޫދު އައްބާސް ކަމުގައެވެ.
މަގާމުން އިސްތިއުފާދެއްވީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާމެދު ހިންގާ އާދަޔާ ޚިލާފު ގަތުލުއާންމުތަކާއި އުދުވާންތައް ހުއްޓުވޭނެގޮތެއް ނެތުމާއެކު އެފަދަ މަގާމެއްގައި ހުންނެވުން ޝަމީރު ތަންނުދޭތީ ކަމުގައެވެ.
ރިޕޯޓްތައް ބުނާގޮތުން އިޝްތިޔާ މަގާމުން އިސްތިއުފާ ދެއްވީ ހުޅަނގު އައްސޭރީގެ އިތުރުން ޣައްޒާގެ ހިންގުންވެސް ފަލަސްތީނު ސަރުކާރުގެ ދަށަށް ގެނައުމަށްޓަކައި ޓެކްނޮކްރޭޓުންގެ ސަރުކާރެއް އެކުލަވާލަން ރައީސް މަހްމޫދު އައްބާސް ބޭނުންފުޅުވާތީ އެކަމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.
މިކަން އައްބާސް ވަނީ ފަލަސްތީނުގެ ކެބިނެޓާ ކުރިން ހިއްސާ ކުރައްވާފައެވެ. އައްބާސް ވަނީ އަލަށް އެކުލަވާލާ ޓެކްނޯކްކްރޭޓުންގެ ސަރުކާރުގެ ބޮޑުވަޒީރަކަށް ހަމަޖައްސަވާނީ ޑރ. މުހައްމަދު މުސްތަފާ ކަން ބައިނަލްއަގްވާމީ ބައެއް ފަރާތްތަކާ ހިއްސާ ކުރައްވާފައި ކަމަށްވެސް ފަލަސްތީނުގެ ރަސްމީ މީޑީއާ ބުނެއެވެ. ޑރ. މުހައްމަދު މުސްތަފާ އަކީ ފަލަސްތީނުގެ އިންވެސްޓްމަންޓް ފަންޑުގެ މިހާރުގެ ރައީސްއެވެ.
ރައީސް މަހްމޫދު އައްބާސް އިސްކޮށް ހުންނަވާ ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަކީ އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށުން ފަލަސްތީނުގެ ސަރަހައްދުތަކަށް މުނިސިޕަލް ޚިދުމަތްތައް ދިނުން ފިޔަވައި އެހެންކަމެއް ކުރުމުގެ ފުރުސަތު ނޯންނަ އާރެއް ބާރެއްނެތް އިދާރާއެކެވެ.
ފަލަސްތީނުގެ ވެރިކަމުގެ އިދާރާ މަސައްކަތް ކުރުމުގެ ފުރުސަތު އިސްރާއީލުން ދެނީވެސް ފަލަސްތީނުގެ ސަރަހައްދުތަކަށް މުނިސިޕަލް ޚިދުމަތްތައް ދިނުން އިސްރާއީލަށް ދަތިކަމަކަށްވާތީ އެކަމުގައި އިސްރާއީލަށް ވާގިވެރިވުމަށެވެ.
މީގެއިތުރުން ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކާ އަދި އާންމު ފަރުދުން އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށްކުރާ މިނިވަންކަމުގެ ޖިހާދުގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު ހޯދަނީވެސް ފަަލަސްތީނުގެ ވެރިކަމުގެ އިދާރާއަށް ފިއްތުންތައް ކުރިމަތިކޮށްގެން އެ އިދާރާގެ އެހީގައެވެ. މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތައް މަރައި އެ މީހުންގެ ގެދޮރު ހަލާކުކޮށް މިނިވަންކަމުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ސަލާމަތީގޮތުން އިސްރާއީލަށް އެއްބާރުލުން ދޭން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަށް އިސްރާއީލުން މަޖުބޫރު ކުރެއެވެ.
އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އާންމުންނާއި މުޖާހިދުން ހިފައި ހައްޔަރުކުރަނީ ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަށް މަޖުބޫރުކޮށްގެން އެ އިދާރާގެ ފުލުހުން ލައްވައި އެ މީހުންގެ މައުލޫމާތު ހޯދައިގެންނެވެ.
މިކަމުގެ ސަބަބުން ފަލަސްތީނުގެ ގިނަ ބަޔަކު ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާމެދު ނަފްރަތުވެއެވެ. ނަމަވެސް މިކަން އެ އިދާރާއިން ކުރަނީ މަޖްބޫރުވެގެން އެހެން ގޮތެއް ނެތިގެންކަމަށް ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.