26 Feb 2024, 15:27
ވޭތުވެދިޔަ 13 އަހަރު ރާއްޖޭގެ ކައުންސިލުތަކުގެ އުމްރާނީ ތަރައްގީއަށް އެއްވެސް ސަރުކާރަކުން އިސްކަންދީފައި ނުވާކަމަށާއި، މި ސަރުކާރުން އެ ކަން ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ލާމަރުކަޒީ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚިތާބުގައި އެ މަނިކުފާނު ވިދާޅުވީ ކައުންސިލްތަކަށް ޤާނޫނީ ގޮތުން ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ ގިނަ ދުވަސްވެފައިވާ ބާ އިމާރާތްތަކެއްކަމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ދަތިތައް ކައުންސިލްތަކަށް ކުރިމަތިވެފައިވާ ކަމަށެވެ.
"އެހެންކަމުން ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދީގެން، އިންވެސްޓަރު ފައިނޭންސްގެ އުޞޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު ޤަޞްދުކުރާ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
އެއާއެކު ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ޓަކައި ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ ހޯދައިދިނުން ކަމަށެވެ.
އަދި ލިބެންހުރި ފުރުޞަތުތައް ބޭނުންކޮށްގެން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރުކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
ހަމައެއާއެކު މުވައްޒަފުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާއާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ސަމާލުކަން ދޭންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ކައުންސިލުތައް ބާރުވެރިކުރުވުން ކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން އަންނަނީ އެ އަމާޒުގައި ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު ވެސް ރައީސް ގެންދަވަނީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުފުޅުކުރައްވަމުންނެވެ.