26 Feb 2024, 15:54
އެމެރިކާގައި ހުންނަ އިސްރާއީލު އެމްބަސީ ކުރިމަތީގައި އެމެރިކާގެ ވައިގެ ސިފައިންގެ މީހުންގެ އޭނާގެ އަމިއްލަ ގައިގައި ރޯކޮށްލައިފިއެވެ.
އާރޮން ބުޝްނެލް ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ އެމީހާ ވަނީ އެ ހާދިސާ ހިނގުމާއެކު ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުން އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯގައި "އަހަރެން ގަތުލުއާންމެއްގެ ބައިވެރިއަކަށް ނުވާނަމޭ" ބުޝްނެލް ބުނެއެވެ. އަދި އޭނާ ކުރަން އުޅޭ ކަމަކީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ވޭނާއި އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށް އެ ވީޑިއޯގައި އޭނާ ބުނެއެވެ.
އެއަށްފަހު ދިޔާ އެއްޗެއް ގަޔަށް އަޅައި ރޯކޮށްލުމަށްފަހު ބިން މައްޗަށް ވެއްޓެން ދަމުންވެސް އޭނާ ގޮވާފައި ވަނީ ފަލަސްތީނު މީހުން މިނިވަން ކުރުމަށެވެ. އެ ހާދިސާ ހިނގުމާއެކު ފުލުހުން އަލިފާންގަނޑު ނިއްވަން މަސައްކަތްކޮށްފައެވެ.
އެ ހާދިސާގައި އެމްބަސީގެ އެއްވެސް މުވައްޒަފަކަށް އަނިޔާ ވެފައި ނުވާ ކަމަށް އިސްރާއީލުގެ އެމްބަސީގެ ތަރުޖަމާނު ވަނީ ބުނެފައެވެ.
އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލާދެކޮޅަށް އަޑު އުފުލުމަށް އިސްރާއީލު އެމްބަސީ ވަރަށް ގިނަ ފަހަރު ގިނަ ބައެއްގެ އަމާޒަށް ހަދާފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުވެސް އެޓްލާންޓާގައި ހުންނަ އިސްރާއީލުގެ ކޮންސިއުލޭޓް ގެ ބޭރުގައި މީހަކު ވަނީ އަމިއްލަ ގައިގައި ރޯކޮށްލާފައެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނި އަމަލުތަކުގައި މިހާތަނަށް 29،782 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.