26 Feb 2024, 19:01

ވޭތުވެ ދިޔަ ތިން މަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގީ އެއްވެސް އަސާސެއް ނެތި، މެމްބަރުންގެ މައްޗަށް ބާރު ފޯރުވާ ބަޔަކު އަންގާ ގޮތަކަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ހދ. ނެއްލައިދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިހާރު މަޖިލީހުގެ މަސައްކަތްތައް ހިނގަނީ ޒިންމާދާރު މެމްބަރުންތަކެއް ތިބޭ މަޖިލީހެއްގައި ކަންތައް ކުރާނެ ގޮތަކަށް ނޫންކަމަށެވެ. އެގޮތުން އެމަނިކުފާނު ކެބިނެޓަށް އައްޔަން ކުރެއްވި ތިން ވަޒީރަކަށް ރުހުން ނުދިނީ ވެސް އެއްވެސް ސަބަބެއް ނެތި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއްވެސް ގޮތަކަށް ދައްކާނެ ސަބަބެއް ޖަސްޓިފައި ކުރާނެ، ރީޒަން އައުޓް ކުރާނެ އެއްވެސް ކަމެއް ނެތި މިސާލަކަށް ވަޒީރުންނަށް ވެސް ރުހުން ނުދިނީ. އަދިވެސް ނުދޭ. އަޅުގަނޑުމެން އެބޭފުޅުން ރުހުން ނުދިން ތިން ވަޒީރުން އެހެންވެގެން އައްޔަން ކޮށްފައި އަލުން ފޮނުވާފައި އެތިބީ. ރުހުމެއް ނުދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް މީގެ ކުރިން ވެސް ވަނީ މަޖިލީހުން ސަރުކާރަށް ޖެއްސުން ކުރާކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަޒީރުންނަށް ރުހުން ނުދިނުމުގެ އިތުރުން ހިނގަމުންދާ މަޝްރޫއުތަކަށްވާ ފައިސާ ބަޖެޓުގައި ނުހިމަނާ ވާކަމަށް ރައީސް ވަނީ މިފަހުން ވިދާޅުވެފައެވެ.
އެކަމުގެ ސަބަބުން ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވާކަން ވެސް ރައީސް ވަނީ މީގެ ކުރިން ފާހަގަ ކުރައްވާފައެވެ.
ރޭ ހދ. ނޮޅިވަރަންފަރުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ތިން ވަޒީރުންނަށް ރުހުން ނުދިނީ ބޭރުގެ ބަޔަކު ރުއްސަން ކަމަށް ވިދާޅުވެފައެވެ.
އާ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދޭން ދައުރުން ބޭރުން މިދިޔަ މަހު 29 ގައި ބޭއްވި ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ތިން ވަޒީރަކަށް ރުހުން ނުލިބުނެވެ. އެއީ،
ބަންޑާރަނައިބު އަހުމަދު އުޝާމް
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އެކަމަކު، ރައީސް ވަނީ ރުހުން ނުލިބުނު ވަޒީރުން ހަމަ އެ މަގާމުތަކަށް އަލުން އައްޔަންކުރައްވައިފައެވެ. އެހެންވެ، ރުހުން ނެތް ނަމަވެސް އެ ބޭފުޅުންނަށް ވަނީ ވަޒީރުކަމުގެ ހުވައި ވެސް ލައިދެއްވައިފައެވެ.