28 Feb 2024, 13:52
އަންޑިއާއިން އަންނަ އަހަރު ކުރިއަށްގެންދަން ނިންމައިފައިވާ ޖައްވީ ދަތުރަށް ހަތަރު އެސްޓްރޯނޯޓަކު ފޮނުވަން ނިންމައި އެމީހުން ނަންތައް އިއުލާނުކޮށްފިއެވެ.
ނަންތައް އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއެވެ.
"މިޝަން ގަގަނިއާން" ގެ ނަމުގައި އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން އިއުލާންކުރި ޓީމްގައި ހިމެނެނީ ފިރިހެން ހަތަރު އެސްޓްރޮނޯޓުންނެވެ. އެއީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓުން ކަމަށްވާ ކެޕްޓަން ޕްރަޝާންތު ބާލަކްރިޝްނަން ނައިރް އާއި ކެޕްޓަން އަޖިތު ކްރިޝަނަން އާއި ކެޕްޓަން އަންގަދު ޕްރަތާބްގެ އިތުރުން ވިންގު ކޮމާންޑަރު ޝުބާންޝޫ ޝުކުލާއެވެ.
"މިޝަން ގަގަނިއާން"ގެ ޓީމުން ޖައްވީ ދަތުރަށް ހަތަރު މީހަކު ޝޯޓްލިސްޓްކުރި ނަމަވެސް އަންނަ އަހަރުގެ އެ ދަތުރަށް ފޮނުވާނީ އޭގެ ތެރެއިން ތިން މީހުންނެވެ. އެއީ ތިން ދުވަހުގެ ދަތުރެކެވެ.
އިންޑިޔާއިން ކުރިއަށް ގެންދަން ނިންމާފައިވާ އެ މިޝަންގެ ސަބަބުން 2040 ވަނަ އަހަރުގެ ނިޔަލަށް އިންޑިޔާއިން ހަނދަށް އެސްޓްރޯނެޓުން ފޮނުވުމަށް ކުރާ ދިރާސާއަށް ބޮޑު ބާރަކަށްވާނެއެވެ.
އިންޑިއާއިން މިދިޔަ އަހަރު ކާމިޔާބުކަމާ އެކީ ހަނދަށް އުޅަނދަށް ފޮނުވާފައިވާއިރު، އެ ގައުމުގެ އެންމެ ބޮޑު އަމާޒަކަށްވެފައި މިހާރު އޮތީ ހަނދަށް ދިއުމެވެ. އޭގެ އިތުރުން 2035 ވަނަ އަހަރުގެ ނިޔަލަށް ޖައްވީ ސްޓޭޝަނެއް ބިނާކުރުމަށްވެސް އިންޑިޔާއިން ވަނީ އަމާޒުހިފާފައެވެ.