28 Feb 2024, 10:45
އެއާ އެމްބިއުލާންސްގައި އަވަށްޓެރި ސްރީލަންކާއަށް ބަލި މީހުން އުފުލަން މިހާރު ގިނަވެގެން ދެ ގަޑިއިރު ތެރޭގައި ހުއްދަ ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
ކުއްލި ހާލަތުގައި ލަންކާއަށް ބަލި މީހުން އުފުލަން ކުރިން އޮންނަ ގޮތުން މަދުވެގެން ހަ ގަޑިއިރާއި 24 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ. އާންމުކޮށް އެއް ދުވަހުގެ މުއްދަތެއް ނަގައެވެ.
އެ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށް، ފަސޭހަކުރަން ނިންމާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިދިޔަ މަހު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މިދިޔަ މަހުގެ 29 އިން 30 އަށް އަމީން ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކަށް ފަހުގައި ރާއްޖެއިން ލަންކާއަށް އެއާ އެމްބިއުލާންސް އަދި އެ ނޫން ވެސް އެމަޖެންސީ ފްލައިޓުތައް އޮޕަރޭޓުކުރަން ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން ދެ ގަޑިއިރު ތެރޭގައި ހަމަޖައްސަން އެއްބަސްބވެފައިވާ ކަމަށެވެ.
ރާއްޖެއިން އެމަޖެންސީ ފްލައިޓުތައް އޮޕަރޭޓުކުރަން ބޭނުންވާ އިންތިޒާމްތައް ކޮލޮންބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުން ބުނީ، ރާއްޖެއާއި ރާއްޖޭން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައި ސިޔާސަތެއް ކަމަށެވެ. އަދި، މިއީ ވެސް އެމަޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާ އަވަސްކުރަން ރައީސް ދެއްވައި އިރުޝާދުފުޅުގެ ދަށުން ކަމާބެހޭ އިދާރާތަކުން ގުޅިގެން ކޮށްފައިވާ މަސައްކަތެއް ކަމަށް ސަރުކާރުން ބުންނެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް، އެ ޚިދުމަތް ފުޅާކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ޚިދުމަތް ތައާރަފުކުރަން މީގެ ކުރިން ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.
އެއާ އެމްބިއުލާންސްގެ އިތުރުން ވެސް، އަވަށްޓެރި ގައުމުތަކުގެ އިތުރުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލެންޑު ފަދަ ގައުމުތަކުން ދިވެހީންނަށް އާސަންދަ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.