28 Feb 2024, 12:56
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، މުލިއާގެ މަރާމާތުކުރަން އަމިއްލަފުޅު ގެކޮޅު، މ. ދިމްޔާތުގައި ހޭދަކުރެއްވި ދުވަސްތަކުގައި ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ވަނީ ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާއި، އަމިއްލަފުޅު ގޭގެ ޚަރަދުބަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފިކަމަށް ފަތުރާ ވާހަކައިގެ ހަގީގަތާމެދު ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދިމްޔާތުގައި ހޭދަކުރެއްވި ދުވަސްތަކުގައި 25 މިލިއަން ޚަރަދު ކުރެއްވިކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑު ގޭގައި ހުރީ އަޅުގަނޑު އަމިއްލައަށް ޚަރަދުކޮށްގެން. ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް، އެންމެ ޚަރަދެއް ވެސް ނޯންނާނެ ގެއަށް ކޮށްފައެއް،" ރައީސް ވިދާޅުވިއެވެ.
އެގޮތުން، ސެކިއުރިޓީ ވެސް ދިމްޔާތުގައި ތިބި ކަމަށާއި އެކަންކަން ވެސް ހަމަޖެއްސެވީ އަމިއްލަ ޚަދަރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދިމްޔާތުގައި ހޭދަކުރެއްވި ދުވަސްތަކުގައި ހުރިހާ ޚަރަދެއް އަމިއްލަފުޅަށް ކުރެއްވީ މިހާރު ދެކެވޭފަދަ ދޮގު ވާހަކައެއް ދެއްކުމަށް މީހުންނަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.
މީގެ އިތުރުން، 30 މިލިއަން ރުފިޔާ 100 ދުވަހުގެ ކެއުމަށް ޚަރަދު ކުރުމަކީ ބުއްދީގެ ހަމަތަކުން ވެސް ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މުލިއާގޭގެ ބަޖެޓުގައި ވެސް ކެއުމަށް އޮންނަނީ އަހަރަކު ހަތް ލައްކަ ރުފިޔާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، 100 ދުވަސްތެރޭ 30 މިލިއަން ރުފިޔާ އަކީ ކެއުމަށް ޚަރަދުކުރަން ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
"މި ވާގޮތަކީ މިހާރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ. ދެފުއްފެންނަ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ކަންކަން އެނގެމުން ދާއިރުގައި އެކަހަލަ ކަންކަމަށް ނެތީ ދައްކާނެ އެއްވެސް ވާހަކައެއް،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ސްޓްރެޓެޖީއަކަށް މިހާރު ގެންގުޅެނީ ރެޖިސްޓާ ނުކުރާ ނޫސްތައް ބޭނުންކޮށްގެން ހުސް ދޮގު ވާހަކަތައް ދެއްކުން ކަމަށް ރައީސް ވިދާޅުވިއެވެ.