މިއަހަރުގެ ތުރުކީ، އަންތާލިޔާ މެރެތަންގައި ރާއްޖޭގެ އެލީޓް ރަނާސްގެ 13 ދުވުންތެރިން ބައިވެރިވާކަމަށް އެލީޓް ރަނާސްއިން ބުނެފިއެވެ.

އެ ޓީމުން ބުނީ މި ރޭހުގައި ތިން ދުވުންތެރިން މެރެތަން ކެޓަގަރީގައި ބައިވެރިވާއިރު، ހާފް މެރެތަންގައި 10 ދުވުންތެރިން ބައިވެރިވާ ކަމަށެވެ.

ސާޅީސް ދެ ކިލޯމީޓަރު ދުވާ، މެރެތަން ކެޓެގަރީގައި ދުވާ ތިން ދުވުންތެރިންގެ ތެރެއިން އެކަކަކީ އަންހެން ދުވުންތެރިއެކެވެ. އަދި ހާފް މެރެތަންގައި ތިން އަންހެން ދުވުންތެރިން ދުވާނެ ކަމަށްވެސް އެ ޓީމުން މައުލޫމާތު ދެެއެވެ.

މި މެރެތަންގައި ބައިވެރިވުމަށް އެލީޓްރަނާސްގެ ހުރިހާ ދުވުންތެރިންވެސް މިހާރު ތިބީ އަންތާލިޔާގައެވެ.

އިތުރަށް ޓީމުން ބުނީ މިފަދަ މެރެތަން އަކަށް ދަނީ ވަރަށް ގިނައިން ޕްރެކްޓިސް ކޮށްގެން ކަަމަށެވެ. އެހެން ކަމުން މި މެރެތަންގައި އެ ޓީމުން ދުވާ ހުރިހާ ދުވުންތެރިންނަކީވެސް ވަރަށް 'ޕެޝަނޭޓް' ދުވުންތެރިންތަކެއް ކަން އެ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ.

އުންމީދަކީ މި މެރެތަން އިން އެ ޓީމަށް ރަނގަޅު ނަތީޖާއެއް ލިބުންކަމަށްވެސް އެ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަންތާލިޔާ އަކީ މޫސުމީ ގޮތުން ރަނގަޅު ތަނަކަށް ވުމުން އެ ޓީމުގެ ކޮންމެ ބައިވެރިއަކަށްވެސް ރަނގަޅު ނަތީޖާއެއް ހޯދޭނެކަމަށް ގަބޫލު ކުރާ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.