އިންޑިއާގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ އާއި ލޯބިވެރިޔާ މެތިއަސް ބޮއީއާ ދެމީހުންގެ ކައިވެނި މި ފެށޭ މާޗu މަހު ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ތާޕްސީ ޕަންނޫއާ ބިދޭސީ ލޯބިވެރިޔާ މެތިއަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދިހަ ވަރަކަށް އަހަރު ވަނީ ވެފައެވެ. މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ތާޕްސީ އާއި މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އުދޭޕޫރުގައެވެ.

ބަތަލާ ތާޕްސީ އަކީ އަމިއްލަ ޒާތީ ދިރިއުޅުން މީޑިއާ ތަކަށް ހާމަކުރަން އެއްވެސް ވަރަކަށް ބޭނުންވާ ތަރިއެއް ނޫނެވެ. އެހެންވެ، މިހާތަނަށް ލޯބިވެރިޔާ މެތިއަސްއާ އެކު އޮތް ގުޅުމާ ބެހޭގޮތުން މީޑިއާތަކުން ސުވާލުކުރިޔަސް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ތާޕްސީ އާއި މެތިއަސްގެ ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ މީހުންގެ ޤައުމުގެ ސަޤާފަތާ އެއްގޮތަށް ދެ ހަފުލާއެއް ގޮތަށެވެ. އުދޭޕޫރުގައި ތާޕްސީގެ ކައިވެނީގެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް ފެށިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާއިރު އެކަން ތާޕްސީގެ ފަރާތުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ބަތަލާ ތާޕްސީ ފިލްމު "ތައްޕަޅު"ގެ މަންޒަރެއްގައި-- ފޮޓޯ/ ފިލްމުފެއަނިވްސް
މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޑުންކީ"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު ބަތަލާއަކީ ވަރަށް ތަފާތު ޕާފޮމެންސްތައް ބެލުންތެރިންނަށް ސިނަމާގައި ދައްކާފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި، ފިލްމު "ޕިންކް"، "ނާމް ޝަބާނާހޭ"، "މުލްކު"، "ތައްޕަޅް" އަދި "ހަސީން ދިލްރުބާ" ހިމެނެއެވެ.

ތާޕްސީ މި އަހަރު ތިން ފިލްމެއްގައި މަސައްކަތް ކުރަމުން އަންނައިރު އެންމެ އަވަހަށް ބަތަލާގެ ރިލީޒްވާނެ ކަމަށް ލަފާ ކުރެވޭ ފިލްމަކީ "ޕިރް އާއީ ހަސީން ދިލްރުބާ"އެވެ.