މުޅި ވިލިމާލެއިން 15 މިނެޓަށް މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ ވިލިމާލެއިން ކަރަންޓު ކެނޑޭނީ މިއަދު މެނދުރު 14:00 އާއި 14:30 އާ ދެމެދުގެ ވަގުތެއްގައި 15 މިނެޓަށް ކަމަށެވެ.

ކަރަންޓު ކެނޑޭ އިރު މުޅި ރަށުން ކަރަންޓު ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ، މިއީ ހޫނު މޫސުމާއި، ކުރިއަށް އޮތް ރޯދަ މަހުގެ ޕީކް ލޯޑަށް ތައްޔާރުވާން އެ ކުންފުނީގެ ޕަވާ ސިސްޓަމް އަޕްގްރޭޑު ކުރަން ކުރާ މަސައްކަތެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށެވެ.

ރޯދަ މަހާއި ހޫނު މޫސުމުގައި ގިނަ ވަގުތު މީހުން ގޭގަ ހޭދަކުރާތީ މި ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާވަރު އާންމުކޮށް އިތުރުވެއެވެ.

މާލޭ ސަރަހައްދުގައި އަދިވެސް، މަދުން ނަމަވެސް ކަރަންޓު ކެނޑެއެވެ. ޚާއްސަކޮށް ހޫނު މޫސުމުގައާއި ރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ އޯވާލޯޑުވުމުގެ ސަބަބުން ވެސް ކަރަންޓު ކެނޑެން ދިމާވެއެވެ.