29 Feb 2024, 13:01
ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތައް ގާނޫނު އަސާސީއާ ޚިލާފުތޯ ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭން ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސަ މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އީސަ އެހެން ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދުކުރި ހުކުމާއެކު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުގެ ސައްހަ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
އީސަ ވިދާޅުވީ ރޯދަމަހު އިންތިޚާބު ނުބޭއްވޭ ގޮތަށް މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި ބިލު ރައީސް އަވަހަށް ތަސްދީގުކުރައްވަން ޖެހޭ ކަމަށެވެ.
"ރައީސް މުއިއްޒުއަށް ދަންނަވާލަން ރައްޔިތުންގެ މަޖިލީހުން އިއްޔެ އެ ފާސްކުރި ފާސްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ އިޚްތިޔާރަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް މިހާރު އޮތް އިޚްތިޔާރެއް ނޫން. ރައްޔިތުންގެ މަޖިލީހަށް އޮތް އިޚްތިޔާރެއް. އެ އިޚްތިޔާރު ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުން އެޔަށް ގޮތް ކަނޑައަޅުއްވައިފި. އެހެންވީމަ އެ ގާނޫނު ތަސްދީގު ކުރާނަންތޯ ނުކުރާނަންތޯ ގޮތް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިޚްތިޔާރެއް ނޫން،" އީސަ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމުގައި ނުބެލެވޭނެ ކަމަށެވެ.
އެ ހުކުމާ ގުޅުވައި ރައީސް ވިދާޅުވީ، ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމުގައި ބަލައިގެން މަޖިލީހުން ނިންމި ހުރިހާ ނިންމުމެއްގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާތީ، އިއްޔެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށް ތަސްދީގުކުރަން ފޮނުވި އިންތިޚާބު ފަސްކުރާ ބިލް ތަސްދީގުކުރެއްވުމުގެ ކުރީގައި ބަންޑާރަނައިބުގެ ލަފައަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
މަޖިލިސް އިންތިޚާބު ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރޯދަމަހުގައި އިންތިޚާބު ބާއްވަން ކަނޑައެޅުމާ ގުޅިގެން ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ އިސްލާހު ގެނެސް، ތަސްދީގުކުރަން ރައީސް އޮފީހަށް ފުރަތަމަ ފޮނުވީ މި މަހު 12 ގައެވެ.
ގާނޫނު އަސާސީގެ 264ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ "ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް ތަސްދީގުކުރާން ރައީސުލްޖުމްހޫރިއްޔާއަށް ނުފެންނަ ނަމަ، އެ ބިލު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ ފަނަރަ ދުވަހުގެ ތެރެގައި ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ" ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމަށް ފޮނުވި ބިލް އަލުން އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ ވެސް ބިލް ފޮނުވިތާ 14ވަނައަށްވީ ދުވަހުގައެވެ.
ނަމަވެސް އެ ބިލް އޮތް ގޮތަށް ދެވަނަ ފަހަރަށް ފާސްކުރުމުން، ބިލް ތަސްދީގު ކުރަން ގާނޫނު އަސާސީން ލާޒިމްކުރެއެވެ.