ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުރި ހަތް ފަންގިފިލާގެ އިމާރާތެއްގައި ރޯވެ 43 މީހުން މަރުވެ, 10 މީހުން ޒަޚަމުވެއްޖެއެވެ.

އެ ހާދިސާ ހިނގައިފައިވަނީ ޑާކާގައި ހުންނަ މަޝްހޫރު ބިރިޔަނި ވިއްކާ ރެސްޓޯރެންޓެއްގައި ބުރާސްފަތި ދުވަހުގެ ރޭގަނޑު ކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އޮފިޝަލުން ބުނެއެވެ.

"މިހާތަނަށް އަލިފާނުގެ ހާދިސާގައި 43 މީހަކު މަރުވެފައިވޭ." ޑާކާގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމަށް ފަހު ބަންގްލަދޭޝްގެ ސިއްހަތާބެހޭ ވަޒީރު ސަމަންތާ ލާލް ސެން ވިދާޅުވިއެވެ.

އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވައިލަފައިވާއިރު، އިމާރާތުގެ ތެރޭގައިތިބި 75 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އަލފާނުގެ ހާދިސާ ހިނގައިފައިވާ އިމާރާތަކީ ރެސްޓޯރެންޓުގެ އިތުރުން ހެދުން އަދި ފޯނު ވިއްކާ ފިހާރައެއް ވެސް ހުރި އިމާރާތެކެވެ.

"އަހަރެމެން ތިބީ ހަވަނަ ފަންގިފިލާގައި ފުރަތަމަ ފަހަރަށް ސިޑިން ދުން އަރާތަން ފެނުމުން ވަރަށް ގިނަ މީހުން ދުވެފައި ގޮސް މައްޗަށް އެރި، އަހަރުމެން އިމާރާތުގެ ތިރިއަށް ފޭބުމަށް ބޭނުންކުރީ ފެންހޮޅިއެއް،" އެ ރެސްޓޯރެންޓުގެ މެނޭޖަރު ސޯހިލް ބުންޏެވެ.

ސަލާމަތީ ކަންކަން ދަށްވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިމާރާތްތަކާއި ކާރުހާނާތަކުގައި އަލިފާން ރޯވުން ވަނީ އާންމުވެފައެވެ.

ކުރިން 2021 ވަނަ އަހަރު ވެސް ކާބޯތަކެތި އުފައްދާ ކާރުހާނާއެއްގައި ރޯވެ 52 މީހުން ވަނީ މަރުވެފައެވެ. އެ ހާދިސާގައި ގިނައިން މަރުވީ ކުޑަކުދިންނާއި އަންހެނުންނެވެ. އޭގެ ކުރިން 2019 ވަނަ އަހަރު ވެސް މީހުން ދިރިއުޅޭ އެޕާޓްމަންޓުތަކެއްގައި ރޯވެ، 70 މީހުން މަރުވެފައިވެއެވެ.