02 Mar 2024, 12:32
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލް 21ވާ އާދިއްތަ ދުވަހު ބާއްވާ ސަބަބު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު އޮޅުންފިލުއްވައިދެއްވައިފިއެވެ.
އޭނާ މިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އާދިއްތަ ދުވަހެއްގައި ބާއްވަން ނިންމާފައިވާތީ، އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވަމުންދަނިކޮށް ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިންތިޚާބު ފަސްކުރަން ޖެހުނީ، ރޯދަމަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގައި ވަނީ އިންތިޚާބު ބޭއްވޭނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށެވެ.
ފުއާދު ވިދާޅުވީ އޭޕްރިލް 21ގައި އިންތިޚާބު ބާއްވަނީ، އެއީ ރޯދަމަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށްވާތީ ކަމަށެވެ. އަދި އިތުރަށް ލަސްކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު އާދިއްތަ ދުވަހެއްގައި ބާއްވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރޭ ތުހުމަތު ކުރައްވާފައެވެ. އަދި އެ ނުފޫޒުގައި އިލެކްޝަންސް ކޮމިޝަނުން ނުޖެހުމަށް ޞާލިޙު ގޮވާލައްވާފައިވެއެވެ.
ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ނިންމުމުން، އިތުރު 560 މީހުންނަށް އަލަށް ވޯޓުލުމުގެ ހައްގު ލިބޭކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައީ ރޯދަމަހު ވޯޓުލާން ދަތިވާނެ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި އޮތް ކަމަށް ބުނެއެވެ.
އެ ބިލު ތަސްދީގުކުރަން ރައީސް އޮފީހަށް ފުރަތަމަ ފޮނުވީ މި މަހު 12 ގައެވެ. ނަމަވެސް އެ ބިލުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޒުވާ ކަންކަން ހުރި ކަމަށް ވިދާޅުވެ ރައީސް ބިލް އަނބުރާ ފޮނުވައިލެއްވިއެވެ.
ނަމަވެސް މަޖިލީހުން އަނެއްކާވެސް ބިލް ފާސްކުރުމުން، ބަންޑާރަނައިބުގެ ލަފާގެ މަތިން، މިދިޔަ ބުރާސްދަތި ދުވަހުގެ ރޭ ރައީސް އެ ބިލް ކުރެއްވިއެވެ.