02 Mar 2024, 16:00
އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު ސެލްޓިކްސް ކާމިޔާބު ކޮށްފިއެވެ.
ސެލްޓިކްސްގެ ޓީޑީ ގާޑެންގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައި ވަނީ 138 ޕޮއިންޓް 110 ޕޮއިންޓުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމް ވަނީ 32 ޕޮއިންޓު ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ތިން އެސިސްޓް ކޮށްފައެވެ. އަދި މެވްރިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 37 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީ 11 އެސިސްޓް ދީ މި މެޗުގައި ޓްރިޕްލް ޑަބަލްއެއް ހެދި ލޫކާ ޑޮންޗިޗްއެވެ.
މި ކާމިޔާބީއާއެކު ސެލްޓިކްސްއިން މިހާރު ވަނީ މިހާތަނަށް ކުޅުނު 59 މެޗުގެ ތެރެެއިން 47 މެޗު ކާމިޔާބު ކޮށްފައެވެ. އަދި އެ ޓީމު އުޅެނީ އީސްޓާން ކޮންފަރެންސްގެ އެއް ވަނައިގައެވެ. އަދި މިއީ ސެލްޓިކްސްއިން ޖެހިޖެހިގެން ކާމިޔާބު ކުރި 10 ވަނަ މެޗެވެ.
މި މުބާރާތުގައި މިލްވައުކީ ބަކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 113 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ބަކްސްއެވެ. މި މެޗުގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ 46 ޕޮއިންޓް ހޯދައިދީ 16 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ނިކޮލާ ވުސެވިޗްއެވެ.
މީގެ އިތުރުން ކްލީވްލަންޑް ކެވެލިއާސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 110 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ކެވެލިއާސްއެވެ. މި މެޗުގައި ކެވެލިއާސްގެ އިވާން މޮބްލީވަނީ 22 ޕޮއިންޓް ހޯފައިދީ 17 ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ 10 އެސިސްޓް ދިން ކޭޑް ކަނިންހަމްއެވެ.
މި މުބާރާތުގައި ކުޅުން އެހެން މެޗުތަކަށް ބަލާލާއިރު ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 121 ޕޮއިންޓް 114 ޕޮއިންޓުން ސެވަންޓީ ސިކްސާސްއިން ކާމިޔާބު ކުރިއިރު ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 120 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބު ކޮށްފައި ވަނީ ވޮރިއާސްއެވެ.
ނިއު އޯލިއަންސް ޕެލިކަންސް އާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރި މެޗު 129 ޕޮއިންޓު 102 ޕޮއިންޓުން ޕެލިކަންސް ކާމިޔާބު ކޮށްފައިވާއިރު ސެކްރެމެންޓޯ ކިންގްސް އަތުން މިނެސޯޓާ ޓިމްބާވުލްވްސް ވަނީ 124 ޕޮއިންޓު 120 ޕޮއިންޓުން ބަލިވެފައެވެ. އަދި ލިސް އެންޖަލިސް ކްލިޕާސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 140 ޕޮއިންޓް 115 ޕޮއިންޓުން ކްލިޕާސް ކާމިޔާބު ކޮށްފައިވާއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗު 122 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޓްރެއިލް ބްލޭޒާސްއެވެ.