02 Mar 2024, 21:25
ޣައްޒާ (2 ފެބްރުއަރީ 2024) : އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކާއި ގަތުލުއާންމުތަކުގައި އިސްރާއީލުގެ އަސީރުންގެ އިތުރު ހަތް މީހަކު މަރުވެއްޖެއެވެ.
މިކަން ކަށަވަރުކޮށްދިނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުންނެވެ. ހަމާސްގެ އަސްކަރީ ގޮފީގެ ތަރުޖަމާނު އަބޫއުބައިދާ ވިދާޅުވި ގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދޭ ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތައް އިސްރާއީލުގެ އަސީރުންގެ ބަޔަކަށް އަމާޒުވެ އެ ޖަމާއަތުގެ އަތްދަށުގައިވާ އިސްރާއީލުގެ ހަތް އަސީރަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
މީގެ އެއް ދުވަސްކުރިން ހަމާސްއިން ބުނެފައިވަނީ އެ ޖަމާއަތުގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ ހަތް މީހަކު އިސްރާއީލުގެ ހަމަލާތަކަކާ ގުޅިގެން ވީނުވީ ނޭންގި ގެއްލި އެމީހުންނާ ގުޅުން ކެނޑިފައިވާ ކަމުގައެވެ.
ފަހުން އަބޫއުބައިދާ އަލްޖަޒީރާ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ވީނުވީ ނޭންގި ގެއްލިފައިވާ ހަތް އަސީރުން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވާކަމަށެވެ.
މަރުވެފައިވާ އެމީހުންގެ ހަށިތައް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުކުރެވިދާނެކަމަށާ އިސްރާއީލުގެ އެކި ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ އަސީރުންގެ 70 މީހަކު މަރުވެފައިވާކަމަށް އަބޫއުބައިދާ ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު ހަތެއްގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލުގެ އެތަށް ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކުރިއެވެ.
މި ކުއްލި ހަމަލާދިނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮވެ ފަލަސްތީނަށް ހަމަލާދީ އާންމުންމަރައި މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ގޯނާކޮށް އެމުގައްދަސް ބިނާއަށް އަޅުކަންކުރަން ދާ ފަލަސްތީނު މީހުންނަށް ހުރަސްއަޅާތީ އެކަމުގެ ރައްދުގައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނަގުރާމަ ފަށާފައިވަނީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގެ ނަމުގައެވެ.
ނަމަވެސް އަސީރުން މިނިވަން ކުރުމުގެ ނަމުގައި ފަށާފައިވާ މިހަނގުރާމަ ވެފައިވަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށްކުރާ ހަނގުރާމައަކަށެވެ. ޣައްޒާގެ އާންމުން މެރުމަށާއި އެމީހުން ޣައްޒާއިން ބޭރުކުރުމަށް ނޫނީ އެމީހުންގެ ނަސްލު ނައްތާލުމަށް ކުރާ ހަނގުރާމައަކަށެވެ.
އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އާންމުންނާއި މުޖާހިދުން މިނިވަންކުރާ ގޮތަށް އިސްރާއީލުގެ އަސީރުން މިނިވަންކުރަން ތައްޔާރަށްއޮތްކަން ހަމާސްއިންވަނީ އެންމެ ފުރަތަމަވެސް ހާމަކޮށްފައެވެ.
ނަމަވެސް ސުލްހަވެރިކަމާއެކު މިކަން ކުރުމުގެ ބަދަލުގައި އިސްރާއީލުގެ އަނިޔާވެރި ވެރިން ޚިޔާރުކުރީ ޣައްޒާގެ އާންމުން މަރައި އެމީހުންގެ ނަސްލު ނައްތާލައި އެމީހުން ޣައްޒާއިން ބޭރުކުރުމުގެ ހަނގުރާމައެވެ.
އިސްރާއީލުވަނީ ޣައްޒާގެ އާންމުން މެރުމުގައާއި އެމީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގުމުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމުގައާއި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގައި އިސްރާއީލަށް އެއްވެސް ކާމިޔާބެއް ނުލިބެއެވެ.
އަދި ހަމާސްގެ މުޖާހިދުން ބަލިކުރުމުގައިވެސް އިސްރާއީލަށް އެއްވެސް ކާމިޔާބެއް ނުލިބެއެވެ. އިސްރާއީލުވަނީ ހަމާސްގެ މުޖާހިދުންގެ ކުރިމަތީގައި ބަލިކަށިވެ ހަދާނެގޮތް ހުސްވެފައެވެ.
އިސްރާއީލުން މިހާތަނަށް ޣައްޒާގެ 30 ހާހަށްވުރެ ގިނަ އާންމުންވަނީ އެއްވެސް ހައްގަކާނުލައި މަރާފައެވެ. އަދި 75 ހާހަށްވުރެ ގިނަމީހުންވަނީ ޝަހީދުކޮށްލާފައެވެ.
ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތައް އިސްރާއީލުގެ ހިމާޔަތުގައި އޮތުމުގެ ސަބަބުންނާއި މިޖަަރީމާތައް ހިންގުމަށް އެގައުމުތަކުން އިސްރާއީލަށް ވާގިވެރިވުމުގެ ސަބަބުން މިއިން އެއްވެސް ޖަރީމާއަކާ ގުޅިގެން އިސްރާއީލަށް އަދަބު ދެވޭނެގޮތެއް ނެތެވެ. އަދި އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތަކާއި ގަތުލުއާންމުތައް ހުއްޓުވޭނެ ގޮތެއްވެސް ނެތެވެ.
ބައެއް ގައުމުތައް މެދުވެރިއަކަށް ވެގެން އިސްރާއީލާއި ޙަމާސްއާ ދެމެދު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ އަސީރުންގެ ތެރެއިން 100 އެއްހާ މީހުން މީގެ ކުރިން ވަނީ މިނިވަން ކޮށްފައެވެ. މިއާއެކުވެސް ހަމާސްގެ އަތްދަށުގައި އިސްރާއީލުގެ 134 އަސީރުން އަދިވެސް އެބަތިއްބެވެ.
އިސްރާއީލުގެ ހަމަލާތަކުގައި މަރުވީ މި 134 އަސީރުންގެ ތެރެއިން ހަތް މީހެކެވެ. މިއާއެކު ހަމާސްގެ އަތްދަށުގައި އަދިވެސް އިސްރާއީލުގެ 127 އަސީރުން ތިބިކަމަށް އެ ޖަމާއަތުން ބުނެއެވެ.
ހަމާސް އިންވަނީ ހަނގުރާމަކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން އިސްރާއީލަށް އެގައުމުގެ އެންމެ އަސީރަކުވެސް ދިރިހުއްޓައި މިނިވަން ނުކުރެވޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.
ފާއިތުވި ހަތަރު މަސްތެރޭގައި ދެ އަސީރަކު މިނިވަންކުރިކަމަށް ބުނެ އިސްރާއީލުން އަޑުފަތުރާފައިވެއެވެ. ނަމަވެސް ހަމާސް ބުނާގޮތުން އެ ދެ އަސީރުންވަނީ ފަލަސްތީނުގެ އެހެން ބައެއްގެ އަތްދަށުގައި ތިބި ދެއަސީރުންނެވެ. ހަމާސްގެ އަތްދަށުގައި ތިބި ބައެއްނޫނެވެ.