03 Mar 2024, 07:25
އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ ތަރުހީބު ހޯދާފައިވާ ކޮމީޑިއަން ކަޕިލް ޝަރުމާގެ ޓީމުން ގެނެސްދޭ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" މި މަހުގެ 30ވަނަ ދުވަހުން ފެށިގެން ނެޓްފްލިކްސްއިން ގެނެސްދޭ ގޮތަށް ނިންމައިފިއެވެ.
މި މަހުގެ 30ވަނަ ދުވަހުން ފެށިގެން "ދަ ކަޕިލް ޝަރުމާ ޝޯ" ޕްރިމިއަ ކުރާނެކަން އިއުލާނު ކުރިއިރު ބެލުންތެރިންނަށް ނެޓްފްލިކްސްއިން ވަނީ ސަޕްރައިޒެއް ވެސް ދީފައެވެ. އެއީ މީގެ ކުރިން ކަޕިލްއާ އެކު ޝޯތަކުން ފެނުނު ކޮމީޑިއަން ސުނިލް ގްރޯވަރު ވެސް މި ފަހަރުގެ ޝޯގައި ހިއްސާވާނެ ކަމެވެ.
ކަޕިލްއާ އެކު މިހާރު ވެސް އެ ޝޯއިން ފެންނަ ފަންނާނުން ކަމަށްވާ ކްރުޝްނާ އަބީޝެކް، ކިކޫ ޝްރަދާރު އަދި އަރްޗަނާ ޕުރާން ސިންގް ނެޓްފްލިކްސްގެ މި ޝޯއިން ބެލުންތެރިންނާ ބައްދަލުކުރާނެއެވެ. ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 8:00އިން (ރާއްޖެ ގަޑިން 7:30)ގައި ކަޕިލްގެ ޓީމުން ބެލުންތެރިންނާ ބައްދަލުކުރާނެއެވެ.

ކަޕިލް ޝަރުމާ ފިލްމީ ތަރި އަޖޭ ދޭވްގަންގެ ދެމަފިރިންނާއެކު-- ފޮޓޯ/ ފޭސްބުކް
މި ފަހަރުގެ ޝޯ އިހުނަށްވުރެ ފޯރިގަދަވެފައި ބެލުންތެރިން ހެއްވާލާނެ ގިނަ މައުޟޫއުތަކަށް ޝޯގައި ބަހުސްކުރެވޭނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ. ހަމައެއާއެކު މީގެ ކުރިން ކަޕިލްގެ ޝޯއިން މެހެމާނުންގެ ގޮތުގައި ފިލްމު އިންޑަސްޓްރީއާ ގުޅުންހުރި މީހުން ފެންނަ ފެނުމަށް ބަދަލެއް ނާންނާނެކަމަށް ވެސް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ނެޓްފްލިކްސްއިން ގެނެސްދޭން ނިންމީ ކުރިން މި ޝޯ ގެނެސްދިން ޓީވީ ޗެނަލް ސޮނީ ޓީވީން ޝޮ ގެނެސްދިނުން ހުއްޓާލުމާ ގުޅިގެންނެވެ.
މަޝްހޫރު ކޮމޭޑިއަންއެއްގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ފެނިފައިވާ ކަޕިލް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "ކްރޫ" މި މަހުގެ 29ގައި ސިނަމާތަކަށް ގެންނަން ވަނީ ތާވަލުކުރެވިފައެވެ.