03 Mar 2024, 11:32
އިއްޔެ މާލޭ، ހ.ސަންގުރޭޒްގެ އެއްވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އަތޯރިޓީން މިއަދު ބުނެފިއެވެ.
"ސަން"އަށް މައުލޫމާތުދެމުން ޑިޒާސްޓާ މެނޭޖްމެންޓުން ބުނެފައިވަނީ ވަގުތީ ހިޔާއަށް ގެންދިޔައީ ދިވެހި އަންހެނަކާއި އޭނާގެ ދަރިފުޅު، އަދި ބިދޭސީ ދެ މީހުން ކަމަށެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އިއްޔެ ހ. .ސަންގުރޭޒްގެ އެއްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގީ އިރުއޮއްސި 18:10 ހާއިރެވެ. މާ ގިނައިރުތަކެއްނުވެ، 18:23 ހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ މި ހާދިސާގައި، އެ ވަގުތު ސަލާމާތްވާން މަސައްކަތްކުރި ބިދޭސީއެއްގެ ފައި ތަނެއްގައި އަޅައިގަނެ ހަލާކުވުމުން ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި، ދުމުގެ އަސަރުކޮށް، ދުވަސްވީ އުމުރުފުރާގެ ދިވެހި އަންހެނަކާއި ފިރިހެނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.
ސީދާ އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، އެ އިމާރާތުގައި ހުރި އަވަނެއް އޯވަހީޓްވުމުގެ ސަބަބުންކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ.