ފޯމިއުލާ ވަން ކާރު ރޭސް ސީޒަންގެ ފުރަތަމަ ރޭސް ކަމަށްވާ އެފް ވަން ބަހްރެއިން ގްރޯން ޕްރީ, އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ރެޑް ބުލްގެ މެކްސް ވާސްޓަޕެން ކާމިޔާބުކޮށްފިއެވެ.

ވާސްޓަޕެން މިރޭސް ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކުއެވެ. މިގޮތުން ރޭހުގެ ކުރީކޮޅު ފެރާރީގެ ޗާލްސް ލެކްލާކްގެ ފަރާތުން ކޮންމެވެސް ވަރެއްގެ ވާދަވެރި ކަމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ވަކި ހިސާބަކުން ލެކްލާކްއަށް އެއްވަރެއްގައި ހިފަހައްޓައި ނުލެވި ވާސްޓަޕެން ކުރިއަށް ގޮސް އަތުވާގޮތެއް ނުވިއެވެ. ވާސްޓަޕެން ރޭސް ނިންމާފައިވަނީ އެއް ގަޑިއިރާއި 31 މިނެޓް ސާޅީސް ހަތަރެއް ޕޮއިންޓު ހަތެއް ހަތަރެއް ދެ ސިކުންތުންނެވެ.

ދެވަނައަށް ދިޔަ ރެޑް ބުލްގެ ދެވަނަ ދުއްވުންތެރިޔާ ކަމަށްވާ ސާޖިއޯ ޕެރޭޒް ރޭސް ނިންމާފައިވަނީ ވާސްޓަޕެންއަށް ވުރެ 22 ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް ސިކުންތު ލަހުންނެވެ. އަދި ތިންވަނައަށް ދިޔަ ފެރާރީގެ ކާލޯސް ސެއިންޒް ޖޫނިއާއަށް ރޭސް ނިންމުނީ ވާސްޓަޕެންއަށް ވުރެ 25 ޕޮއިންޓް އެކެއް އެކެއް ސުމެއް ސިކުންތުންނެވެ. މިރޭހުން ފެރާރީގެ ލެކްލާކް ހަތަރު ވަނައަށް ރޭސް ނިންމުނުއިރު މާސިޑީޒްގެ ލުއިސް ހެމިލްޓަންއަށް ރޭސް ނިންމިފައިވަނީ ހަތް ވަނައިގައި އޮވެގެންނެވެ.

މިރޭސް ކާމިޔާބު ކުރުމާއެކު ވާސްޓަޕެންއަށް ވަނީ 26 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައަށް ދިޔަ ޕެރޭޒްއަށް 18 ޕޮއިންޓް ލިބުނުއިރު ސެއިންޒްއަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ. ހަމައެއާއެކު މިރޭހުގެ އެއްވަނަ އަދި ދެވަނަ މަގާމް ހާސިލްކޮށްފައިވުމާއެކު ކޮންސްޓްރަކްޓާ ބައިން ރެޑް ބުލްއަށް ވަނީ 44 ޕޮއިންޓް ލިބިފައެވެ. އަދި ފެރާރީއަށް ވަނީ 27 ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އުޅޭ މާސިޑީޒްއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި އެފް ވަންގެ މިސީޒަން ވެސް ކާމިޔާބު ކުރާނީ ވާސްޓަޕެންއެވެ. އެއީ މިސީޒަންގައި ވެސް ރެޑް ބުލްގެ ކާރުގެ ދުވެއްޔާ އަރާ ހަމަކުރެވޭ ވަރަށް އެހެން އެއްވެސް ޓީމެއްގެ ކާރެއް ތައްޔާރު ވެފައެއް ނެތުމުންނެވެ. އަދި ފުރަތަމަ ރޭހުގައިވެސް ފާހަގަ ކޮށްލެވޭ ވާދަވެރިން ކަމަށްވާ ފެރާރީ އާއި މާސިޑީޒްގެ ކާރުތަކަށް ރޭހުގެ އެކި ހިސާބުތަކުން މައްސަލަތަކާ ކުރިމަތިވެފައިވާކަން ފާހަގަވިއެވެ. އަދި މިފަހަރު ވާދަކުރާ އެހެން ދުއްވުންތެރިންވެސް ގަބޫލް ކުރާ ގޮތުގައި ވާސްޓަޕެންއަށް ގޮން ޖަހާލެވޭ ވަރުގެ އެހެން ދުއްވުން ތެރިއެއް ނެތެވެ.

އެ މުބާރާތުގައި ދެން އޮންނާނީ މިމަހުގެ ހަތް ވަނަ ދުވަހު ސައުދީ އަރަބިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުދީ އަރާބިއާ ގްރޯން ޕްރީއެވެ. މިރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖިއްދާ ކޯނީޝް ސާކިޓްގައެވެ.