03 Mar 2024, 21:45
ހުކުމް ތަންފީޒުކުރުން ފަސްކޮށް، ކަފާލާތުގެ ދަށުން އިސްތިއުނާފު ނިމެންދެން ބަންދުން ދޫކޮށްލެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙުމަދު (ހަސަންޓޭ)އެވެ. އެ ބިލުގައިވަނީ, ކުށް ސާބިތުވެ ޖަލުބަންދުގައި ހުރި މީހެއްގެ މައްސަލަ އިސްތިއުނާފުކޮށް، އިސްތިއުނާފީ މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން އެ މީހަކު މިނިވަންވާނެ ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހާއާއި އިސްތިއުނާފީ މަރުހަލާގައި ހުކުމް ތަންފީޒު ކުރުން ފަސްކުރަން އެދޭނަމަ، އެ ކަމުގައި ފަނޑިޔާރުން ގޮތެއް ނިންމާއިރު ފަސް ކަމަކަށް ބެލުމަށް އެ ބިލުގައިވެއެވެ.
ކުރިން ކަފާލާތުގެ ދަށުން ދޫކޮށް ކޯޓުން ކަނޑައަޅާފައިވާ ޝަރުތަކާ ޚިލާފުވެފައިވާ މީހެއް ކަމުގައި ނުވުން
- މައްސަލައިގެ ޝަރީއަތް ފެށުމަށް އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް ވަގުތު ހޭދަވާނެކަން ނުވަތަ ނޫންކަން
- ތުހުމަތު ކުރެވެނީ އަނިޔާގެ ކުށަކަށްކަމުގައިވާ ނަމަ، އެ ކުށުގެ ޝިކާރައަކަށްވީ ފަރާތަށް އިތުރު ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް މިންވަރު
- އިތުރަށް ބަންދުގައި ބަހައްޓާ ނަމަ، އެ މީހަކާ ދެކޮޅަށް ތުހުމަތު ކުރެވޭ ކުށުގެ ދިފާއު ތައްޔާރު ކުރުމަށް ނޭދެވޭ އަސަރުކޮށްފާނެ މިންވަރު
- ކުށުގެ ބާވަތާއި ތަހުގީގު މަރުހަލާގައި އަމަލުކޮށްފައިވާ ގޮތަށް ބެލުމަށް ފަހު، ބަންދުން ދޫކޮށްލައިފި ނަމަ، ފިލުމުގެ އިހުތިމާލު ބޮޑު ކަމަށް ބެލެވޭނެ ހާލަތްތަކެއްވާކަން ނުވަތަ ނޫންކަން
މީގެ އިތުރުން ކަފާލާތުގެ ދަށުން ދޫކޮށްލާ އިރު، އެ މީހެއްގެ މައްޗަށް ޝަރުތު ކުރުމުގައި ފަނޑިޔާރުންނަށް އިހުތިޔާރު ކުރެވޭނެ ހަތް ޝަރުތެއް ވެސް ވަނީ އެ ބިލުގައި ހިމަނާފައެވެ.
ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި ހެކިބަސް ދޭން ތިބި މީހުންނާ މުއާމަލާތް ނުކުރުމާއި ބައްދަލު ނުކުރުން
- ދަތުރުފަތުރު ކުރުމާއި އުޅެވޭނެ ތަންތަނާއި، މީހުންނާއި މުއާމަލާތް ކުރުމާ މެދު ކޯޓުން ކަނޑައަޅާ ކަންކަމަށް އަމަލު ކުރުން
- ކަނޑައަޅާފައިވާ ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ރިޕޯޓު ކުރަން ލާޒިމު ކުރުވުން
- ގޭގައި ހުރުމަށް ކަނޑައަޅައި، އަންގާފައިވާ ވަގުތުތަކުގައި އެ ގޮތަށް އަމަލު ކުރުން
- އެއްވެސް ގާނޫނަކާ ޚިލާފު އަމަލެއްނުވަތަ އިތުރު ކުށެއް ނުކުރުމަށް ޝަރުތު ކުރުން
- ޝަރީއަތަށް އެއްބާރުލުން ދިނުމަށް ބާރުއަޅަން ކޯޓަށް ފެންނަ ޝަރުތެއް ކުރުން
- ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކުރުމުގެ އަމުރެއް ނެރުން
އެހެން ނަމަވެސް އެ ބިލުގައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 63ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެ، ހުކުމް އިއްވާފައިވާ މީހަކަށް ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ ހައްގަކަށް ނޭދެވޭނެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން، ބަންދުކޮށްފައިވާ މީހަކު ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ފަދަ މައްސަލަތަކަކީ:
ގަސްދުގައި މީހަކު މެރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް
- މީހަކު މަރާލެވިދާ ފަދަ ހަތިޔާރަކުން މީހަކަށް ހަމަލާދީ، އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް
- ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް
- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައެއް
- ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލަތައް
- ކަފާލާތުގެ ދަށުން ދޫނުކުރެވޭނެކަމަށް އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް
ކުށުގެ ތުހުމަތުކުރެވޭ މަރުހަލާގައިއާއި ހުކުމް އިސްތިއުނާފު ކުރާ މަރުހަލާގައި ކަފާލާތް ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ.