ޖަރުމަނު ބުންޑަސްލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ ބަޔާ ޒީރޯފޯ ލެވަކޫސެން އާއި އެފްސީ ކޫން ބައްދަލު ކުރި މެޗު ލެވަކޫސެންއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ކޫންގެ ދަނޑުގައި ކުޅުނު މި މެޗު ލެވަކޫސެންއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.

މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެންއިންނެވެ. އަދި މި މެޗުގައި ލަނޑެއް ފެނުމުގެ ކުރިން ފެނިގެންދިޔައީ ރަތް ކާޑެކެވެ. މި ގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ކޫންގެ ޔާން ޓިއެލްމަން ލެވަކޫސެންގެ ގްރަނިޓް ޜަކާއަށް ކުރި ފައުލަކާ ގުޅިގެން ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.

މި ރަތްކާޑާއެކު ލެވަކޫސެންއިން ކުރަމުންދިޔަ މަސައްކަތަށް އިތުރު ފަސޭހަ ކަމެއް ލިިބިގެންދިޔައެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 37 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ލެވަކޫސެންއިން ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެރެމީ ފްރިމްޕޮންއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި އެލެކްސް ގްރިމާލްޑޯ ޖަހާދިން ލަނޑާއެކު ލެވަކޫސެންއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ.

މި މެޗުގައި މީގެ އިތުރުވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލެވަކޫސެންއަށް ލިބިގެންދިޔައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ލެވަކޫސެން މިހާރު އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 64 ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައިގައެވެ. އަދި ދެވަނައިގައި އުޅޭ ވޭތުވެދިޔަ 11 ސީޒަންގެ ޗެމްޕިއަން ބަޔޭން މިޔުނިކާ ދެމެދުގައި މިހާރު 10 ޕޮއިންޓްގެ ތަފާތު ވަނީ އުފެދިފައެވެ.

މިއާއެކު މި ސީޒަންގައި ބަޔާން ނޫން އެހެން ޓީމެއް ބުންޑަސްލީގާގެ ތަށި އުފުލާލާތަން ފެނިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ.

ލެވަކޫސެންއަށް އެ ޓީމުގެ ލީޑު ފުޅާކުރުމުގެ ފުރުސަތު ލިބިގެން މި ދިޔައީ ބަޔާން މި ހަފުތާގައި ރަށުން ބޭރުގައި ފްރެއިބާގް އާ ބައްދަލުކުރި މެޗު އެއްވަރުވުމުންނެވެ. ލެވަކޫސެން މިހާރު ވަނީ ބަލިނުވެ 34 މެޗު ފުރިހަމަ ކޮށްފައެވެ.