04 Mar 2024, 13:10
އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ތިން ލަނޑު އެއް ލަނޑުންނެވެ.
މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މި މެޗު ސިޓީއިން ފޯރިއާއެކު ފެށި ނަމަވެސް މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފައިވަނީ ޔުނައިޓެޑުންނެވެ. މެޗުގެ އަށް ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފަޑްއެވެ. ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ވަރަށް ބަލާލާފައި ރަޝްފަޑް ފޮނުވާލި ބޯޅަ ސިޓީގެ ގޯލަށް ވަދެފައިވަނީ ހުރަސް ދަނޑީގައިވެސް ޖެހިފައެވެ.
ނަމަވެސް މިއީ މުޅި މެޗަށް ބަލާއިރުވެސް ޔުނައިޓެޑަށް ސިޓީގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއެވެ. މި މެޗުގައި ދެން ފެނިގެންދިޔައީ ފުލުފުލުގައި ސިޓީއިން ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ.
ނަމަވެސް މިއިން އެއްވެސް ހަމަލާއެއްގައި ޔުނައިޓެޑްގެ ގޯލް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މި ހާފުގައި ސިޓީއަށް ލިބިގެންދިޔަ އެންމެ ރަނގަޅު ދެ ފުރުސަތުގައި ފިލް ފޯޑެން ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕާ އަންޑްރޭ އޮނާނާ ދިފާއު ކުރިއިރު ނުރައްކާތެރި ފޯވަޑް އާލިން ހާލަންޑަށް ގޯލު ކުރިމަތިން ލިބުނު ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފެކޭވެސް އެއްގޮތަށް ދެވަނަ ހާފުގައިވެސް ފެނިގެންދިޔައީ ސިޓީއިން ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔައިރު ޔުނައިޓެޑުން ޑިފެންޑް ކުރުމަށްފަހު ލިބޭ ފުރުސަތު ތަކުގައި ކުރިއަރާ ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. ނަމަވެސް ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ސިޓީއިން ލަނޑެއް ޖެހުމަށް ބޭނުންވެފައިވިލެއް ބޮޑު ކަމުންނާއި ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ކޮންމެ ވަރަކަށް ވަރުބަލިކަން ފެނުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 56 ވަނަ މިނެޓުގައި ސިޓީއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ފޯޑެންއެވެ. މިއީ ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗު ކަމާއި ހަވާލުވިފަހުން އިއްތިހާދު ސްޓޭޑިއަމްގައި ސިޓީއިން ކާމިޔާބުކުރި 600 ވަނަ ލަނޑެވެ.
މި ލަނޑާއެކު މި މެޗުން މޮޅު ވުމަށް ސިޓީއިން ކުރަމުންދިޔަ މަސައްކަތް އިތުރަށް ވަރުގަދަ ކުރިއެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި ފޯޑެން ޖަހާދިން ލަނޑާއެކު ސިޓީއިން ވަނީ ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑު ނަގައިފައެވެ. މިއީ މި ސީޒަންގައި ފޯޑެން ކާމިޔާބުކުރި 18 ވަނަ ލަނޑެވެ.
މި ލަނޑާއެކު ޔުނައިޓެޑުން ތަންކޮޅެއް ކުރިއަށް ޖެހިލާ އަނެއްކާވެސް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރާނެކަމަށް ބެލެވުނު ނަމަވެސް ދެންވެސް ފެނިގެންދިޔައީ ސިޓީިއިން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ތަނެވެ. މި މެޗުގައި ސިޓީގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޖަހައިދިނީ ހާލަންޑްއެވެ.
މި ކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއް ވަނައިގައި އުޅޭ ލިވަޕޫލާއި ދެމެދުގައިވާ ފަރަގު މިވަނީ އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި މިއާއެކު މި އަންނަ އާދިއްތަ ދުވަހު ލިވަޕޫލާއި ދެކޮޅަށް އެޓީމުގެ ދަނޑުގައި ކުޅޭ މެޗަށް ސިޓީ ނިކުންނައިރު އެ މެދުގެ ފޯރި އިތުރަށް ގަދަވެގެންދާނެއެވެ.
އެ މެޗު ލިވަޕޫލް ކާމިޔާބު ކޮށްފިނަމަ އެ ޓީމަށް ސިޓީގެ މައްޗަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިގެންދާނެއެވެ. އަދި ސިޓީއަށް އެ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ ސިޓީއަށް ތާވަލްގެ އެއް ވަނައަށް އެރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. މި މެޗުން ބަލިވުމުން ޔުނައިޓެޑް މިހާރު އުޅެނީ 44 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. އަދި މި އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގަށް ކުރާ އުންމީދަށް މި ވަނީ އިތުރު ހުރަސް ތަކެއް ކުރިމަތިވެފައެވެ.