04 Mar 2024, 09:26
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެ ސައިކަލަކާއި ވޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ގުލްއަލާމާ ހިނގުމުން ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކުކޮށްފަ އޮތް ވޭނެއްގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 2:30 ހާއިރު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އެއާއެކު، ފުލުހުން ބުނީ މި އެކްސިޑެންޓުގައި އިމިގްރޭޝަންގެ ވޭނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ޒުވާނާ ދުއްވި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެ ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވެއެވެ.