މަޝްހޫރު ބޮލީވުޑް އެކްޓަރު ރަންބީރު ކަޕޫރުގެ ދައްތަ ރިދިމާ ކަޕޫރު ނެޓްފްލިކްސްގެ ވެބް ސީރީސް "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް"އިން ފެންނާނެކަން ކަށަވަރުވެއްޖެއެވެ.

ނެޓްފްލިކްސްއިން މިކަން އިއުލާނުކޮށް އާ ސީޒަންގެ ޕޯސްޓަރު ދައްކާލިއިރު ރިދިމާއާ އެކު ދިއްލީއަށް ނިސްބަތްވާ އިތުރު ދެ އިންފުލުއެންޒާސް މި ފަހަރުގެ ސީޒަންއިން ފެންނާނެކަން ވެސް ވަނީ އިއުލާނުކޮށްފައެވެ.

ރިދިމާ ކަޕޫރު ސަހާނީ، ޝާލިނީ ޕާސީ އަދި ކަލްޔާނީ ސަހާ ޗާވްލާ އަލަށް ފެންނާނެ މި ސީޒަންއިން ބޮލީވުޑްގެ އެކްޓަރުންގެ އަނބިންގެ އަގުބޮޑު (ޕޮޝް) ދިރިއުޅުމާ އެކު އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަތްވާ އަންހެން ތިން ވިޔަފާރިވެރިންގެ އަގުބޮޑު ދިރިއުޅުން ދައްކުވައިދޭނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

ކުރީގެ ފިލްމީ ތަރި ރިޝީ ކަޕޫރު އާއި ނީތޫ ކަޕޫރުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ރިދިމާ ކަޕޫރަކީ މިހާތަނަށް ފިލްމީ އެއްވެސް މަސައްކަތެއްގައި ބައިވެރި ނުވެ ގަހަނާ ޑިޒައިންކޮށް ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ފަރާތެކެވެ. މި ފަހަރުގެ ސީޒަން ޝައުގުވެރި ކުރުވާނެ އަނެއް ސަބަބަކީ އެއް ބަޔަކު އިންޑިއާގެ ހަލަބޮލި މުމްބާއީގެ ދިރިއުޅުން ދައްކުވައިދޭއިރު އަނެއް ބަޔަކު ވެރިކަން ކުރާ ދިއްލީގެ ދިރިއުޅުން ދައްކުވައިދޭނެތީ ކަމަށް ނެޓްފްލިކްސްއިން ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ.

ސީރީސް "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ ބައިވެރިން-- ފޮޓޯ/ޓެލެގްރާފްއިންޑިއާ
މި ފަހަރުގެ ސީޒަން އުފެއްދުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ބެލުންތެރިން ހައިރާން ކޮށްލާނެ ފަދަ މާޙައުލެއް ޝޯގެ ތެރެއިން ތައްޔާރުކުރުން ކަމަށާއި އެކަމަށް އޮތް ހައްލަކީ "ފެބިއުލަސް ލައިވްސް"އިން އިތުރު ސިޓީއަކަށް ވަނުން ކަމަށް ޝޯގެ އެގްޒެކެޓިވް ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ ބުނެފައެވެ.

ފާއިތުވި ދެ ސީޒަންއިން ފެނުނު ހެއްވާ މަޖާ ހާދިސާތަކާއެކު، ޑްރާމާ އަދި ބައިވެރިން ޖަޒުބާތުގައި ޖެހޭ ގިނަ މަންޒަރުތަކެއް ތިން ވަނަ ސީޒަންއިން ފެންނާނެކަމަށް ވެސް ކަރަން ވަނީ ބުނެފައެވެ.

ދަރުމާ ކުންފުނީގެ ދަށުން ހިންގާ ދަރުމެޓިކް ކުންފުންޏާއި ނެޓްފްލިކްސް ގުޅިގެން އުފައްދާ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް"ގެ ކުރީގެ ދެ ސީޒަންގެ ބައިވެރިންގެ ތެރޭ ކުރީގެ ބަތަލާ ނީލަމް ކޮތާރީ، ސަލްމާން ޚާންގެ ކޮއްކޮ ސުހައިލް ޚާންގެ ކުރީގެ އަންހެނުން ސީމާ ސަޖްދޭ، ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރުގެ އިތުރުން ޗަންކޭ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭ ހިމެނެއެވެ.