ޓެލްއަވީވު (4 މާޗް 2024) : އިސްރާއީލު ސިފައިންގެ މުއައްސަސާގައި ހިމެނޭ މީޑީއާއާއި އިންފޮމޭޝަން އާބެހޭ ބައިގެ ގިނަ އަދަދެއްގެ އިސް އޮފިސަރުން މަގާމުން އިސްތިއުފާ ދީފިއެވެ.

އިސްރާއީލުގެ ނިއުސް ޗެނެލް އެއްކަމަށްވާ ޗެނަލް 14 ބުނާގޮތުން މި ޑިޕާޓްމަންޓްގެ އަށެއްކަ މަސްއޫލުވެރިން މަގާމުން އިސްތިއުފާ ދީފައިވާއިރު އޭގެތޭރޭގައި ބައެއް އިސް އޮފިސަރުންނާ އަދި އެ ޑިޕާޓްމަންޓްގެ ވެރިޔާގެ ނައިބު ރިޗަޑް ހަކިއެޓް އާއި އަންހެން ތިން މަސްއޫލުވެރިއަކުވެސް ހިމެނޭކަމަށްވެއެވެ.

އިސްރާއީލު ސިފައިންގެ މީޑިއާ ޑިޕާޓްމަންޓްގެ މިހާ ގިނަ އަދަދެއްގެ މަސްއޫލުވެރިން އިސްތިއުފާ ދީފައިވާއިރު އެކި މީހުން އިސްތިއުފާ ދިންކަމަށް ވަނީ އެކި ސަބަބުތަކާ ގުޅިގެންނެވެ.

އެއް ބަޔަކު އިސްތިއުފާ ދިން ކަމަށް ވަނީ އިސްރާއީލު ސިފައިން ފަލަސްތީނު މުޖާހިދުންގެ ޖަމާއަތްތަކުގެ ކުރިމަތީގައި (ޚާއްސަކޮށް ހަމާސް ޖަމާއަތުގެ ކުރިމަތީގައި) އަސްކަރީގޮތުން ބަލިވެއްޖެކަމާއި އިސްރާއީލު ސިފައިންނަށް ދުވަހަކުވެސް ހަމާސް ނުވަތަ ފަލަސްތީނުގެ މުޖާހިދުންގެ މައްޗަށް ކާމިޔާބު ނުހޯދޭނެކަމުގެ އިހުސާސް ކުރެވިގެންނެވެ.

މުޖާހިދުންގެ މައްޗަށް އެއްވެސް ކާމިޔާބެއް ނުހޯދި އަދި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގައި އިސްރާއީލު ސިފައިންނަށް އެއްވެސް ކުރިއެރުމެއް ނުލިބުމާއި އެކަން ފޫބައްދައި އިސްރާއީލު ސިފައިން އެ މީހުންގެ ބާރު ދެއްކުމަށްޓަކައި ޣައްޒާގެ އާންމުންނަށް ހަމަލާދީ އެ މީހުން ގިނަ އަދަދަކަށް މެރުމުން އިސްރާއީލު އެންމެ ބޮޑަށް ބަރޯސާވާ ހުޅަނގުގެ ގައުމުތަކުގެ އާންމުންގެ މެދުގައި އިސްރާއީލާމެދު ނުރުހުމާއި ނަފްރަތާ އަދި ރުޅިވެރިކަމުގެ ޝުޢޫރުތައް އިންތިހާއަށް އިތުރުވަމުން ދިޔުމަކީވެސް ބައެއް މަސްއޫލުވެރިން އިސްތިއުފާދިން ސަބަބެއް ކަމަށް ވެއެވެ.

އަނެއްބައި މަސްއޫލުވެރިން އިސްތިއުފާ ދިން ކަމަށް ވަނީ އިސްރާއީލު ސިފައިންގެ އޮޕަރޭޝަނަލް ކަންކަމާއި ޕާސަނަލް ކަންކަން ވަރަށް ބޮޑަށް ގޯސްވެ މަސައްކަތްކުރަން ދަތިވުމާއެކު ފޫހިވެގެންނެވެ.

އަނެއްކޮޅުން އިސްރާއީލު ސިފައިންގެ ތަރުޖަމާނު ޑެނިއަލް ހަގާރީ އިސްރާއީލު ސިފައިންގެ ކުރީގެ ބައެއް ޖެނެރަލުންނާ އަދި ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފުންނާ ވަރަށް ގިނައިން ބައްދަލުކޮށް އެ މީހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އަމުރުކުރަމުން ގެންދިޔުންފަދަ ކަންކަމަކީވެސް ބައެއް މަސްއޫލުވެރިން އިސްތިއުފާދިން ސަބަބެއްކަމަށް އިސްރާއީލުގެ ޗެނަލް 14 ބުނެއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ މި ދަނޑިވަޅުގައި އެ ގައުމުގެ ސިފައިންގެ މުއައްސަސާގެ އިސް މަސްއޫލުވެރިންތަކެއް އިސްތިއުފާ ދިނުމަކީ ބޮޑު މައްސަލައެއްކަމަށް ޗެނަލް 14 ވަނީ ފާހަގަކޮށްފައެވެ. ހަނގުރާމައެއްގެ ތެރޭގައި އިސްރާއީލު އޮއްވައި މީގެ ކުރިން އެ ގައުމުގެ ސިފައިންގެ ތެރޭގައި މިފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާއާއި ޔޫރަޕްގެ ފުރިހަމަ އަސްކަރީ އެހީއާ އަދި ސިޔާސީ އެއްބާރުލުމާއެކު އިސްރާއީލުން ޣައްޒާގައި ހަނގުރާމަކުރާތާ ފަސް މަސް ވާން ގާތްވެފައިވާއިރުވެސް ހަމާސްގެ މުޖާހިދުން މައްޗަށް އިސްރާއީލަށް އެއްވެސް ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. ހަމާސް ބަލިކުރެވިފައި ނުވާއިރު ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންވެސް މިނިވަން ކުރެވިފައެއް ނުވެއެވެ. އަދި ހަމާސްގެ ކޮމާންޑް ސެންޓަރުތަކާއި ހަމާސްގެ މުޖާހިދުން އުޅޭ ތަނެއްވެސް ދެނެގަނެވިފައެއް ނުވެއެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ކައުންސިލްގައި ހިމެނޭ ވަޒީރެއް ކަމަށްވާ ގެޑީ އެޒިން ކޯޓު ދާދިފަހުން ވަނީ ހަމާސް އަސްކަރީ ގޮތުން ބަލިކުރުމަކީ ދުވަހަކު ވެސް އިސްރާއީލަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދައި އެކަމާމެދު ވިސްނުމަށް ގޮވާލައި އެ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.

ހަމާސްއަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތަކަށް ވެފައި އިސްރާއީލަކީ ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ އިސްތިއުމާރީ ބާރަކަށްވާތީ ފަލަސްތީނުގެ އެންމެ މީހަކު ދިރިހުއްޓައިވެސް އިސްރާއީލަށް ފަލަސްތީނުގައި އަމާންކަމާއި ރައްކާތެރިކަން ނުލިބޭނެކަމަށް މުހައްލިލުން ދެކެއެވެ.

އަދި މިނިވަންކަމުގެ ހަރަކާތްތައް ފުނޑުފުނޑު ކޮށްލުމަކީ މާޒީއަށް ބަލާއިރު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ކުރީގެ ޔޫރަޕްގެ އަނިޔާވެރި އިސްތިއުމާރީ ބާރުތަކަށްވެސް ދެތިން ގަރުނުންވެސް ކުރެވިފައި ނުވާ ކަމެއްކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.