މި އަހަރުގެ މިހާތަނަށް ހަތަރު ލައްކަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީއިން ކޮންމެ ދުވަހަކު ނެރޭ ތަފާސް ހިސާބު ތަކުން ދައްކާގޮތުން އިއްޔެއާ ހަމައަށް މި އަހަރު 423،863 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރާއި އަޅައި ބަލާއިރު 16.9 އިންސައްތައިގެ ކުރިއެރުމެކެވެ.

އިއްޔެ އެކަނި ވެސް ރާއްޖެއަށް ވަނީ ހަތް ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ހަ ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

މި އަހަރުގެ މިހާތަނަށް 54 ހާސް ފަތުރުވެރިންނާއެކު ރާއްޖޭގެ މާކެޓުގެ އެއްވަނައިގައި އުޅެނީ ޗައިނާއެވެ. އަދި 41،000 ފަތުރުވެރިންނާއެކު މާކެޓުގެ ދެވަނައިގައި އުޅެނީ ރަޝިއާއެވެ. އަދި 39،000 ފަތުރުވެރިންނާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ތިން ވަނައިގައި އުޅެނީ އިޓަލީއެވެ.

މިދިިޔަ މަހުގެ ތެރޭގައި ދެ ލައްކަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ތިން ލައްކަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިދިޔަ މަހުގެ 11ވަނަ ދުވަހު ވެސް ރާއްޖެއަށް ވަނީ 10،000 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ފަހިކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު ހާސިލުވާނެކަމުގެ އުންމީދު ބޮޑުކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.