ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރާ ބްރިޖު ހައިވޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެއް އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު 07:41 ހާއިރު ބުރިޖު ހައިވޭގައި ޕިކަޕަކާއި ދެ ސައިކަލު ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ދެވަނަ އެކްސިޑެންޓެއް ހިނގީ އޭގެ އިރުކޮޅެއްފަހުން ހެނދުނު 08:10 ހާއިރުގައެވެ. އެކްސިޑެންޓުު ހިނގީ ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ފަޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އެކްސިޑެންޓްގެ ދެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭ ދަންވަރު ވެސް ހުޅުމާލޭގައި ބާރު ސުޕީޑްގައި ދުއްވި ސައިކަލެއް، ޕާކުކޮށްފައި އޮތް ވޭނެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

މި އެކްސިޑެންޓްގައި 19 އަހަރުގެ ޒުވާނަކަށް އަނިޔާވެ، ޓުރީޓޮޕް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓު ހިންގުން ވަނީ އާންމުވެފައެވެ. އޭގެ ބައެއް ސަބަބުތަކުގެ ތެރޭ ހައިވޭގެ އެއް ފަރާތުގައި ވެހިކަލް މަޑުކޮށްގެން ތިބުމާއި، ކުއްލިއަކަށް ލޭން ބަދަލުކުރުން ހިމެނެއެވެ.