04 Mar 2024, 15:19
ރާއްޖޭގައި ރީބްރޯޑްކާސްޓިންގ ގެ ޚިދުމަތްދޭ ކުންފުނި އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑްގެ އެސްއެސްނެޓް ކޭބަލް ޓީވީ ޚިދުމަތުން ރޯދަމަހަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މާޗު މަހުގެ ފަހަކުން އިން 31 އަށް ކުރިއަށް ދާ އެސްއެސްނެޓް ރޯދަ ޕްރޮމޯގެ މުއްދަތުގައި އެސްއެސްނެޓްގެ ހުރިހާ ރެސިޑެންޝަލް ޕެކޭޖެއްގެ ޚިދުމަތަށް މަހު ފީ ދައްކަވާ ފަރާތްތަކަށް ވެސް، މިހާރު އެސްއެސްނެޓުން ފޯރުކޮށްދޭ ހުރިހާ ޗެނަލެއް 150 ރުފިޔާ (ޖީއެސްޓީ ނުހިމަނައި) ލިބޭނެކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އެސްއެސްނެޓުގެ ޢާންމު ޕެކޭޖްތަކުގެ ތެރޭގައި ހިމެނޭ ލުއިވި (ކުރިން 150ރ.)، ނަލަވި (ކުރިން 350ރ.) އަދި އެކުވި (ކުރިން 450ރ.) ގެ ޕެކޭޖްތަކަށް މިހާރު ދައްކަވާފައިވާ މަހުފީގެ މުއްދަތު ހަމަވެގެން، މިރޭ 12:00 އިންފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ މެންދަމު 12:00 އާ ދެމެދު މަހުފީ ދައްކާ ކޮންމެ ފަރާތަކަށް ވެސް 30 ދުވަހުގެ މުއްދަތަށް ހުރިހާ ޕެކޭޖަކުން މިހާރު ލިބެންހުރި ހުރިހާ ޗެނަލެއް 150ރ. އަށް ލިބޭނޭކަމަށް އެސްއެސްނެޓުން ބުނެއެވެ.
އަދި މުއްދަތުގައި އެސްއެސްނެޓްގެ ޚިދުމަތަށް އަލަށް އެދޭ ފަރާތްތަކަށް ވެސް އެއަގަށް އެއް މަސްދުވަހުގެ މުއްދަތަށް ހުރިހާ ޗެނަލެއް ލިބެމުންދާނެއެވެ.
އެސްއެސްނެޓްގެ ޚިދުމަތުގައި ދެމިތިބި ހުރިހާ ކަސްޓަމަރުންނަށް އެ ކުންފުނިން އިއްޔެ ފޮނުވި އެސްއެމްއެސް މެސެޖްގައި ވެސް މިކަން ވަނީ ބަޔާންކޮށްފައެވެ.
އަދި މިފަހަކަށް އައިސް އެސްއެސްނެޓްގެ މުހިއްމު ބައެއް ޗެނަލަތަކުގެ ޚިދުމަތް މެދުކެނޑިފައިވާތީ އެކަމަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދި، މެދުކެނޑުނު ޗެނަލްތައް އިޔާދަކުރުމުގެ މަސައްކަތް ކުރަމުންދާކަމުގައި ވެސް، އެ ކުންފުނިން އިއްޔެ ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.
އެސްއެސްނެޓުން މަޢުލޫމާތު ދޭގޮތުގައި، އެސްއެސްނެޓްގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، އާ ޗެނަލްތައް އިތުރުކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދެއެވެ. އަދި ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އާ ކަންތައްތަކާއެކު، ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ވީމާ، އެސްއެސްނެޓްގެ ވަފާތެރި ކަސްޓަމަރުންގެ ގޮތުގައި ކެތްތެރިކަމާއެކު ދެމިތިބުމަށް އެކުންފުނިން އެދެއެވެ.