ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ބިލްބާއޯގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގައި ގިނައިރު ބާސާއިން ބޯޅަ ގެންގުޅުނު ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަ ކޮށެވެ. މިމެޗުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ބާސާގެ ޖާއޮ ކަންސޭލޯއެވެ. އޭނާ ބިލްބާއޯގެ ގޯލަށް ފޮނުވާލި ހަމަލާ ދިފާއު ކޮށްފައިވަނީ ގޯލް ރޮނގުމަތިންނެވެ. މިމެޗުގައި ދެޓީމުންވެސް ހަމަލާ އުފެއްދި ނަމަވެސް ފާހަގަވީ އެހަމަލާތައް ނިންމާލުމުގައި މައްސަލަ ދިމާވިތަނެވެ.

މިމެޗު އެއްވަރުވުމުން ތާވަލްގެ ދެވަނައަށް އެރުމަށް ބާސާއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ބާސާއަށް މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.

މިމުބާރާތުގައި މިހަފުތާ ވެފައިވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ތިން ޓީމަށްވެސް މާކާމިޔަބު ހަފުތާއަކަށް ނޫނެވެ. މިގޮތުން އެންމެ ފުރަތަމަ ތާވަލްގެ އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރު ވިއިރު ދެވަނައިގައި އުޅޭ ޖޮރޯނާ ވަނީ ރަށުން ބޭރުގައި ރެއާލް މަޔޯކާއާ ބައްދަލުކުރި މެޗުން އެއް ލަނޑު ސުންލަނޑުން ބަލިވެފައެވެ. އެހެން ކަމުން ރެއާލްއަށް މޮޅުނުވެވުމުގެ ފައިދާ ޖިރޯނާއަށް ނުނެގުނު އިރު ޖިރޯނާ ބަލިވުމުގެ ފައިދާ ބާސާއަށްވެސް މިހަފުތާގައި ނެގިފައެއް ނުވެއެވެ.

މި މުބާރާތުގައި ތާވަލްގެ ހަތަރު ވަނައިގާ އުޅޭ އެޓްލެޓިކޯ މެޑްރިޑް ވަނީ ރެއާލް ބެޓިސްއާ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް ބާސާއާ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ.